ކުޅިވަރު

ޖޫނިއާ ވޯލްޑް ޗެމްޕިއަންޝިޕްގައި ދީމާ ވާދަކުރަނީ


ޖޫނިއާ ވޯލްޑް ޗެމްޕިއަންޝިޕަށް ރާއްޖޭގެ ގައުމީ ޗެމްޕިއަން، ފާތިމަތު ދީމާ ޢަލީ، ކޮލިފައިވެއްޖެއެވެ. ޕޯޗްގަލްގެ ވިލަ ނޮވާ ޑި ގަޔާގައި ބާއްވާ ޖޫނިއާ ވޯލްޑް ކަޕަށް ދީމާ ކޮލިފައިވީ ވޯލްޑް ރޭންކިންގެ ކުރީ ސަފުން ޖާގަ ހޯދައިގެންނެވެ.

ދީމާ އަކީ 15 އަހަރުން ދަށުގެ ދުނިޔޭގެ ރޭންކިންގެ 18 ވަނައިގައެވެ. އޮކްޓޯބަރު މަހު އޭނާ އޮތީ ވަރލްޑް ރޭންކިންގެ 20 ވަނައިގައެވެ. އޭޕްރީލް މަހު ރޭންކިންގެ، އަށް ވަނަ އަށް ވެސް ދީމާ ޖެހިލިއެވެ.

ޖޫނިއާ ވޯލްޑް ކަޕް އޮންނާނީ މާދަމާ އިން ފެށިގެން އަންނަ ބުދަ ދުވަހުގެ ނިޔަލަށެވެ. ވިސާ ލިބުން ލަސްވުމުން މުބާރާތުގެ ކުރިން ބޭއްވި ޓްރޭނިން ކޭމްޕްގައި ދީމާ އަށް ބައިވެރި ވެވުނީ ފަހުންނެވެ. ސެޕްޓެމްބަރު މަހު ޕޯޗްގަލްގައި އޮތް ވޯލްޑް ކޮންޓެންޑާ މުބާރާތުގައި ވާދަކުރަން ދީމާ މަސައްކަތް ކުރިނަމަވެސް އޭރު ވިސާ ނުލިބުމުން އެ މުބާރާތުގައި ދީމާއަށް ވާދައެއް ނުކުރެވުނެވެ. ދީމާ ވާދަކުރާ ކެޓަގެރީ ފަށާނީ އަންނަ ހުކުރު ދުވަހުއެވެ. އޭނާއާ ދެކޮޅަށް ނުކުންނާނެ ކުޅުންތެރިން ފައިނަލް ވާނީ މުބާރާތުގެ ގުރުއަތަށްފަހުއެވެ. ވިމެންސް ޑަބަލްސްގައި ދީމާގެ ޕާޓްނަރަކީ ނައިޖީރިއާ ކުޅުންތެރިއެކެވެ. އެ އުމުރުފުރާގެ މިކްސް ޑަބަލްސްގައި ދީމާއާ އެކު ޕެއާ ވާނީ ޗެކް ރިޕަބްލިކްގެ މާޓިން ސިޕެވެ.

ދީމާ ޖޫނިއާ ވޯލްޑް ޗެމްޕިއަންޝިޕަށް ކޮލިފައިވެ ވާދަކުރަން ލިބުމުން ޕީއެސްއެމް ނިއުސްއާ ވާހަކަދައްކަމުން ޓޭބަލްޓެނިސް އެސޯސިއޭޝަންގެ ނައިބު ރައީސް އިބްރާހިމް ޝިއުރީ ބުނީ މިއީ ފީފާ ވަރލްޑް ކަޕްގައި ބައިވެރިވުމާ ދާދި އެއްފަދަ ކަމެއްކަމަށެވެ. މީގެ ސަބަބެއްކަމަށް ޝިއުރީ ބުނީ ޖޫނިއަރ ވޯލްޑް ޗެންޕިއަންޝިޕްގައި ބައިވެރިވެވޭނީ ޚާއްޞަ ދަޢުވަތެއްލިބިގެން ނުވަތަ ވަކިވަރަކަށް ރޭންކިންގެ ޕޮއިންޓް ލިބިގެންކަމަށްވާތީކަމަށެވެ. ރޭންކިންގައި އެންމެ މައްޗަށް ދިއުމަށް ލިބިފައިވާ ހުނަރާއި އެއްވަރަށް ބުރަ މަސައްކަތް ކުރަންޖެހޭކަންވެސް ޝިއުރީ ވަނީ ފާހަގަކޮށްފަ.
ދީމާއަށް މިމުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ލިބުމަކީ ދީމާއާއި ދީމާގެ އާއިލާގެ އިތުރުން ތީޓީއޭއެމްއާއި މުޅި ދިވެހިރާއްޖެއަށްވެސް ލިބިގެންދާ ފަޚުރެއްކަމަށް ޓީއޭއެމްގެ ނާއިބް ރައީސް އިބްރާޙިމް ޝިއުރީ ބުންޏެވެ.

އެންމެ ފަހުގެ ސައުތު އޭޝިއަން ގޭމްސް އާއި އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި މެޑަލް ހޯދި ދީމާ ވަނީ މިދިޔަ މަހު އޮމާންގެ މަސްކަޓްގައި ބޭއްވި ވޯލްޑް ކޮންޓެންޑާ މުބާރާތުގެ 15 އަހަރުން ދަށުގެ ކެޓަގަރީގައި ވާދަކޮށް ކުއާޓާ ފައިނަލަށް ދަތުރުކޮށްފައެވެ. އެ މުބާރާތުގެ ކުއާޓާއާ ހަމައަށް އޭނާ ދަތުރުކުރީ ޕާކިސްތާނާއި އުޒްބެކިސްތާންގެ ކުޅުންތެރިން ބަލި ކުރުމަށް ފަހުގައެވެ.