ޚަބަރު

މަތީ ތަޢުލީމުގެ ދާއިރާއިން ސްކޮލަރޝިޕް އިތުރުކުރުމަށް ކޮރެޔާ ސަފީރާއެކު މަޝްވަރާކުރައްވައިފި


މަތީ ތަޢުލީމުގެ ދާއިރާއިން ސްކޮލަރޝިޕްގެ ފުރުޞުތައް އިތުރުކުރުމާއި، އެކްސްޗޭންޖް ޕުރޮގުރާމުތައް އިތުރަށް ފުޅާކުރުމާއި ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު، ކޮރެޔާ ސަފީރާއެކު މަޝްވަރާކުރައްވައިފިއެވެ.

މިމަޝްވަރާތައް ކުރިއަށް ގެންގޮސްފައިވަނީ ދެކުނު ކޮރެޔާއިން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޖިއޮންގް ވޫންޖިން، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމުގެ އަރިހަށް މިއަދު ކުރެއްވި އިޙްތިރާމުގެ ޒިޔާރަތުގެ ތެރެއިންނެވެ.

މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި ދެކުނު ކޮރެޔާއިން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޖިއޮންގް ވޫންޖިން އާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ވަނީ، ދެ ޤައުމުގެ ދެމެދުގައި އޮތް ޒަމާންވީ ގުޅުންތައް އިތުރަށް ބަދަހިކުރެވިދާނެ ގޮތްތަކާމެދު ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރައްވާފައެވެ.

އަންގާރަ ދުވަހަކީ، ދިވެހިރާއްޖެއާއި ދެކުނު ކޮރެޔާއާ ދެމެދު ސިޔާސީ ގުޅުން ޤާއިމުކުރިތާ 54 އަހަރު ފުރުނު މުނާސަބަތުކަން ފާހަގަކުރައްވާ ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވީ، ދެ ޤައުމުގެ ދެމެދުގައި އޮތް ގުޅުމުގެ ތެރެއިން، ކޮވިޑް-19 ގެ ބަލިމަޑުކަމުން އަރައިގަތުމަށް ރާއްޖެއިން ކުރަމުންދާ މަސައްކަތުގައި އެ ޤައުމުގެ ސަރުކާރުން ފޯރުކޮށްދީފައިވާ އެހީތެރިކަމާއި އެއްބާރުލުން ފާހަގަކުރައްވާ ކަމުގައެވެ. އަދި، މަތީ ތަޢުލީމުގެ ދާއިރާއިން ސްކޮލަރޝިޕް އަދި ބަހުގެ ދާއިރާއިން ތަމްރީނުގެ ފުރުޞުތައް އިތުރުކުރުމާއި، އެކްސްޗޭންޖް ޕުރޮގުރާމުތައް އިތުރަށް ފުޅާކުރުމާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވާހަކަފުޅު ދެއްކެވިއެވެ.

ދެކުނު ކޮރެޔާގެ ސަފީރު ދެއްކެވި ވާހަކަފުޅުގައި، ހުސްވި ނޮވެންބަރު މަހު އިނގިރޭސި ވިލާތުގެ ގްލާޒްގޯގައި ބޭއްވި އ.ދ.ގެ ކްލައިމެޓް ޗޭންޖް ކޮންފަރެންސް އޮފް ދަ ޕާޓީޒް (ކޮޕް26) ގައި ދިވެހިރާއްޖެއިން އަދާކޮށްފައިވާ ދައުރު ފާހަގަކުރައްވައި، އެ ކަމަށް ތަޢުރީފު ކުރެއްވިއެވެ. މި ދާއިރާއިން ވާހަކަފުޅު ކުރިއަށް ގެންދަވަމުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވީ، މޫސުމަށް އަންނަމުންދާ ނޭދެވޭ ބަދަލުތަކަކީ ރާއްޖެއިން ނުހަނު ކަންބޮޑުވާ އެއް މައްސަލަ ކަމުގައެވެ. އަދި، ތިމާވެށީގެ ދާއިރާއިން ދެ ޤައުމު ގުޅިގެން މަސައްކަތް ކުރުމާ މެދު ދެ ބޭފުޅުން އިތުރަށް މަޝްވަރާ ކުރެއްވިއެވެ.

ދިވެހިރާއްޖެއާއި ދެކުނު ކޮރެޔާއާ ދެމެދު ސިޔާސީ ގުޅުން ޤާއިމުކޮށްފައި ވަނީ 1967 ނޮވެންބަރު 30 އެވެ.