ޚަބަރު

ޝައްކުވި ފައިސާއާއި މެދު ޔާމީން އަމަލުކުރެއްވީ ވެރިޔަކު ކުރައްވާނެ ގޮތަކަށް ނޫން- ސުޕްރީމްކޯޓް


އެސްއޯއެފް ކުންފުނިން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އެކައުންޓަށް ޖަމާކުރި އެއް މިލިއަމން ޑޮލަރުގެ ޙަޤީޤަތާއި މެދު ސުވާލު އުފެދިފައިވަނިކޮށް އެ ފައިސާ އިންވެސްޓްކޮށް އެކަމުގައި އަމަލުކުރެއްވީ ރައީސަކު އަމަލުކޮށްގެންވާނެ ގޮތަކަށް ނޫންކަމަށް ސުޕްރީމްކޯޓުން ވިދާޅުވެއްޖެއެވެ.

ގއ. ވޮޑަމުލާ ކުއްޔަށް ދީގެން އިކުއިޒިޝަން ކޯސްޓްގެ ގޮތުގައި ލިބުނު އެއް މިލިއަން ޑޮލަރު އަމިއްލަ އެކައުންޓަށް ޖަމާކޮށް، އެ ފައިސާ އެހެން އެކައުންޓަކަށް ޖަމާކޮށް، އަސްލު އޮޅުވާލައި ފައިސާ ލޯންޑަރ ކުރިކަން ސާބިތުވާކަމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރީ 28 ނޮވެމްބަރު 2019 ގައެވެ. ކްރިމިނަލް ކޯޓުން ހުކުމްކުރީ ޔާމީން ފަސް އަހަރަށް ޖަލަށް ލައި، ފަސް މިލިއަން ޑޮލަރުން ޖޫރިމަނާ ކުރުމަށެވެ. އެ ނިންމުމަށް ހައިކޯޓުން ދެމެހެއްޓިއެވެ. އެހެންނަމަވެސް އެ ނިންމުންތައް ސުޕްރީމްކޯޓުން މިއަދު ވަނީ ބާތިލުކޮށްފައެވެ.

ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުންގެ އިއްތިފާގުން ނިންމި މި ހުކުމުގައި ގިނަ ނުކުތާތަކެއް ވަނީ ފާހަގަކޮށްފައެވެ. އެސްއޯއެފް ކުންފުންޏަކީ ރައީސް ޔާމީން ދަންނަ ކުންފުންޏެއް ނޫންކަމަށް އެމަނިކުފާނު ވިދާޅުވި ނަމަވެސް އެކުންފުނިން ޖަމާކުރި ފައިސާ އިންވެސްޓްކޮށްފައިވާކަން ސުޕްރީމް ކޯޓުގެ ހުކުމުގައި ވަނީ ފާހަގަކުރައްވާފައެވެ. މި ފައިސާ އިންވެސްޓްކޮށްފައިވަނީ އެ ފައިސާއަކީ އަޙްމަދު އަދީބު ދިން ފައިސާކަމަށް ޤަބޫލުކޮށްގެންކަމަށް ރައީށް ޔާމީން ވިދާޅުވިނަމަވެސް އެއީ ކަންތައް ކުރަންޖެހޭ ގޮތް ނޫންކަމަށްވެސް ސުޕްރީމްކޯޓުގެ ހުކުމްގައިވެއެވެ. އެކަން ރައީސް ޔާމީން ކުރައްވާފައިވަނީ އެ ފައިސާގެ ޙަޤީޤަތާއި މެދު ސުވާލު އުފެދި ދައުލަތުގެ އިދާރާތަކުން ތަޙްޤީޤު ކުރާކަން އެނގިހުރެ އެކަމަށް އެއްވެސް ބެލުމެއް ފަރުވާލެއް ނެތިކަންވެސް ހުކުމުގައިވަނީ ފާޖަގަކުރައްވާފައެވެ. އަދި އެއީ ދައުލަތުގެ އެއްބައިވަންތަކަން ދެމެހެއްޓުމަށް ރައީސުލްޖުމްހޫރިއްޔާއަށް ޤާނޫނު އަސާސީން މަތިކޮށްފައިވާ ޒިންމާއަށް ބެލުމެއްނެތި ޤާނޫނީ ވެރިކަން ކުރިއަށް ނެރުމުގެ ބަދަލުގައި އަމިއްލަ މަންފާ އިސްކޮށް ކޮށްފައިވާ އަމަލެއްކަމަށްވެސް ސުޕްރީމްކޯޓުގެ ހުކުމުގައިވެއެވެ.

"މިފައިސާ ދައުލަތުގެ އިދާރާއިން ތަހުގީގް ކުރާކަން އެގިހުރެ މިފައިސާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް އިންވެސްޓް ކުރުމަކީ ޤާނޫނީ އިމުގެ ތެރެއިން ތަހުގީގީ އިދާރާތަކުން ކުރާ ތަހުގީގް ތަކަށާއި، ބަލާ ބެލުންތަކަސް ފަރުވާލެއް ނުބަހައްޓައި، ދައުލަތުގެ އެއްބައިވަންތަކަން ދެމެހެއްޓުމަށް ރައީސުލްޖުމްހޫރިއްޔާއަށް ޤާނޫނު އަސާސީން މަތިކޮށްފައިވާ ޒިންމާއަށް ބެލުމެއްނެތި ޤާނޫނުގެ ވެރިކަން ނެގެހެއްޓުމުގެ ބަދަލުގައި ތިމާގެ އަމިއްލަ މަންފާ އިސްކުރުމުގެ އަމަލެއް ކަމުގައި ބެލެވޭ އަމަލެއް." ސްޕްރީމް ކޯޓުގެ ހުކުމުގައި ބުނެފައިވެއެވެ.

މީގެކުރިން ސުޕްރީމްކޯޓުގައި ބޭއްވި އަޑުއެހުމެއްގައި ވާހަކަ ދައްކަވަމުން ރައީސް ޔާމިން ވިދާޅުވެފައިވަނީ އެމަނިކުފާނުގެ އެކައުންޓަށް ޖަމާވި ފައިސާއާއި މެދު ތަހުޤީގީ އިދާރާތަކުން ސުވާލު އުފައްދަމުން ދިޔަ ދުވަސްކޮޅެއްގައި އެ ފައިސާ އިންވެސްކުރެވުނީ އިއްތިފާގުންކަމަށެވެ. އަދި އެއީ އެމްއެމްޕީއާރސީގެ ހިޔާނާތާއި ގުޅުން ހުރި ފައިސާއެއްކަން އެއްވެސް ިއދާރާއަކުން އިޝާރާތްކޮށްލިނަމަ އެ ފައިސާ ބޭނުން ނުކުރައްވާނެކަމަށްވެސް ސުޕްރީމްކޯޓުގައި ވާހަކަ ދައްކަވަމުން ރައީސް ޔާމީން ވަނީ ވިދާޅުވެފައެވެ.

އެހެންނަމަވެސް ސުޕްރީމްކޯޓުގެ ހުކުގައިވަނީ މި މައްސަލާގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އެކައުންޓަށް ޖަމާވި އެއް މިލިއަން ޑޮލަރަކީ ކުށްކޮށްގެން ހޯދާފައިވާ ފައިސާކަމަށް އެމަނިކުފާނަށް ޝައްކުކުރެވޭކަން ސާފުކޮށް އެނގޭކަމަށެވެ. މި މައްސަލައިގައި ރައީސް ޔާމީންގެ އެކައުންޓަށް ޖަމާވި ފައިސާގެ ޙަޤީޤަތް ސާފުނުވާތީ އެ އެއް މިލިއަން ޑޮލަރުގެ ޙަޤީޤަތް ބެލުމުގެ ފުރުސަތު ދައުލަތައް އަދިވެސް އޮތްކަން ވެސް ސުޕްރީމްކޯޓުގެ ހުކުމުގައިވަނީ ފާހަގަކުރައްވާފައެވެ. އަދި އެ ފައިސާއަކީ ދައުލަތަށް ލިބެންޖެހޭ ފައިސާއެއް ނަމަ އެ ފައިސާއާއި އެ ފައިސާއިން އިންވެސްޓްކުރުމުގެ ސަބަބުން ފައިދާއެއް ލިބިފައިވާނަމަ އެ ފައިދާއެއްވެސް ހިމެނޭހެން އެ ފައިސާ ހޯދުމުގެ ހައްގު ދައުލަތަށް ލިބިގެންވާކަމަށްވެސް ސުޕްރީމްކޯޓްގެ ތިން ފަންޑިޔާރުންގެ އިއްތިފާގުން ނިންމި ނިންމުމުގައިވެއެވެ.