ކުޅިވަރު

ބެލޮން ޑިއޯ އެވާރޑް ހަތްވަނަ ފަހަރަށް މެސީއަށް ލިބިއްޖެ


ބެލޮން ޑިއޯ އެވާރޑް އާޖެންޓީނާގެ ބައިނަލްއަޤްވާމީ ކުޅުންތެރިޔާ ލިއޮނެލް މެސީއަށް ލިބިއްޖެއެވެ.

މިއީ މެސީ ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހާއްސަކޮށްފައިވާ މި އެވާރޑް ހާސިލް ކުރި ހަތްވަނަ ފަހަރެވެ. މެސީ ވަނީ ކޮޕާ އެމެރިކާ އާޖެންޓީނާ އަށް ކާމިޔާބުކޮށްދިނުމުގައި މުހިންމު ދައުރެއް އަދާކުރުމުގެ އިތުރުން 2021 ވަނަ އަހަރުގެ ތެރޭގައި 40 ލަނޑު ކާމިޔާބުކޮށްފައެވެ. މީގެތެރޭގައި ބާސެލޯނާއަށް ޖަހައިދިން 28 ލަނޑާއި މިހާރު ކުޅެމުންދާ ޕެރިސް ސެއިންޓް ޖަރމެއިންއަށް ޖަހައިދީފައިވާ 4 ލަނޑާއި އާޖެންޓީނާއަށް ކާމިޔާބުކޮށްދިން އަށް ލަނޑު ހިމެނެއެވެ.

މިފަހަރު ދެވަނައަށް ދިޔައީ ބަޔޭން މިޔުނިކަށް ކުޅޭ ޕޯލަންޑްގެ ކެޕްޓަން ރޮބަރޓް ލެވަންޑޯސްކީއެވެ. އަދި ތިންވަނައަށްދިޔައީ މިފަހަރުގެ ޔޫރޯ އިޓަލީވިލާތަށް ކާމިޔާބުކޮށްދިނުމުގައި މުހިންމު ދައުރެއް އަދާކުރި އަދި ޗެލްސިއާއެކު ޗެމްޕިއަންސް ލިގުގެ ތަށިވެސް އުފުލާލި ޖޯޖީނިއޯއެވެ. އަދި ހަތަރުވަނަ ލިބުނީ ރެއާލް މެޑްރިޑްގެ ކަރިމް ބެންޒީމާއަށެވެ.

ބެލޮން ޑިއޯ އެވާރޑަކީ ދުނިޔޭގެ 180 ޖަރނަލިސްޓުން ވޯޓްދީގެން ކޮންމެ އަހަރަކު ހޮވަމުން އަންނަ ފުޓްބޯޅައިގެ ދުނިޔޭގައި ދެވޭ ވަރަށް ޝަރަފްވެރި އިނާމެކެވެ. 2008 އިން 2019 އާއި ދެމެދު އެންމެ ފަހަރެއް ފިޔަވާ އެހެން ހުރިހާ ފަހަރެއްގައި މިއިނާމް ހާސިލް ކުރަމުން ގޮސްފައިވަނީ މެސީ އާއި ކްރިސްޓިއާނޯ ރޮނާލްޑޯއެވެ. ރޮނާލްޑޯވަނީ މިއިނާމް ފަސް ފަހަރަށް ކާމިޔާބުކޮށްފައެވެ. މިމުއްދަތުގެ ތެރޭގައި އެދެކުޅުންތެރިންގެ އިތުރުން މިއިނާމް ހާސިލް ކޮށްފައިވަނީ 2018 ވަނަ އަހަރު ލޫކާ މޮޑްރިޗެވެ.

އިނާމާއި ހަވާލުވުމަށްފަހު ވާހަކ ދައްކަމުން މެސީ ބުނީ މީގެ ދެ އަހަރު ކުރިން އޭނާ ހީކުރީ މިއީ އެންމެ ފަހު ފަހަރު ކަމަށެވެ. ނަމަވެސް މި ފުރުސަތު އަލުން ލިބުމުން ވަރަށް އުފާވާކަމަށެވެ. މިއަހަރަކީ އޭނާއަށް ވަރަށް ޚާއްސަ އަހަރެއް ކަމަށާއި ޚާއްސަކޮށް ކޮޕާ އެމެރިކާގެ ތަށި އާޖެންޓީނާ އާއެކު ކާމިޔާބު ކުރެވުނީތީ ކަމަށް އޭނާ ބުންޏެވެ. އަދި އާޖެންޓީނާގެ ރައްޔިތުންނާއެކު މުބާރާތެއް ކާމިޔާބު ކުރުމުގެ އުފާ ހިއްސަ ކުރެވުމަކީ އާދަޔާ ހިލާފް އިހްސާސް ތަކެއް ކުރެވިގެންދިޔަ ކަމަށްކަމުގައިވެސް އޭނާ މެސީ ބުންޏެވެ.

ޕެރިހުގައި ބޭއްވި މިހަފްލާގައި ދެވަނައަށް ދިޔަ ލެވަންޑޯސްކީއަށް ވަނީ އަހަރުގެ އެންމެ މޮޅު ފޯވަޑްގެ އިނާމް ދީފައެވެ. މިއީ މިއަހަރު މުޅިން އަލަށް ތައާރަފްކުރި އެވާރޑެކެވެ.