ކުޅިވަރު

ޔުނައިޓެޑްގެ ވަގުތީ ކޯޗަކަށް ރެންގްނިކް


އިންގްލިޝް ޕްރިމިއަރ ލީގުގެ މެންޗެސްޓަރ ޔުނައިޓެޑުގެ ވަގުތީ ކޯޗަކަށް ރަލްފް ރެންގްނިކް ހަމަޖައްސައިފިއެވެ. ރަންގްނިކް އެމަގާމްގައި ހުންނާނީ މިހާރު ކުރިއަށްދާ ސީޒަން ނިމެންދެނެވެ.

ޔުނައިޓެޑްގެ ކޯޗުކަމުގެ މަގާމާއި ހަވާލުވުމަށްޓަކައި ރަންގްނިކް މިހާރުވަނީ ރަޝިޔާގެ ލޮކޮމޯޓިވް މޮސްކޯގެ ސްޕޯޓްސް އެންޑް ޑިވެލޮޕްމަންޓްގެ އިސްވެރިޔާގެ މަގާމުން އިސްތިއުފާ ދީފައެވެ. ރަންގްނިކް ބުނީ އޭނާ މިމަގާމާއި ހަވާލުވާން ކެތް މަދުވެފައިވާ ކަމަށާއި އަހަރުގެ ބާކީ އޮތް ބަޔަކީ ޔުނައިޓެޑަށް ކާމިޔާބު ސީޒަނަށް ހެދުމަށް މަސައްކަތް ކުރާނެކަމަށެވެ. ޔުނައިޓެޑުން ބުނީ މިފަހަރުގެ ސީޒަން ނިމުމުން ރަންގްނިކް އަދިވެސް ކްލަބްގައި އިތުރު ދެ އަހަރު މަޑު ކުރާނެކަމަށެވެ. ނަމަވެސް އެދެއަހަރު މަސައްކަތް ކުރުމަށް ހަމަޖެހިފައިވަނީ ކޮންސަލްޓަންޓެއްގެ ހައިސިއްޔަތުންނެވެ.

ޔުނައިޓެޑަށް ދެން އެންމެ އަވަހަށް އޮތީ އާސެނަލް އާއި މިއަންނަ ބުރާސްފަތި ދުވަހު ބައްދަލުކުރާ މެޗެވެ. ނަމަވެސް އެމެޗްގައި ޔުނައިޓެޑްގެ މެޗުން ރަންގްނިކް ފެނިގެންދާނީ އޭނާގެ ވާރކް ވީސާ ހަމަޖެހިއްޖިނަމައެވެ. އެހާތަނަށް ވީސާ ހަމަނުޖެހިއްޖެނަމަ އެމެޗްގައިވެސް ޓީމާއެކު ނިކުންނާނީ މައިކަލް ކެރިކްއެވެ. ރަންގްނިކް ބުނީ ޔުނައިޓެޑްގައި އޮތީ ވަރަށް ހުނަރުވެރި އަދި ވަރުގަދަ ޓީމެއްކަމަށެވެ. އަދި މިޓީމުގައި ތަޖްރިބާކާރު ކުޅުންތެރިންނާއި ޒުވާން ކުޅުންތެރިން ވަރަށް ހަމަހަމަކޮށް އެބައޮތް ކަމަށެވެ.

ރަންގްނިކް އަކީ ކާމިޔާބު ކޯޗިންގ ކެރިއަރއެއް އޮތް ކޯޗެކެވެ. އޭނާވަނީ ޖަރުމަނުވިލާތުގައި ގިނަ ކާމިޔާބީތަކެއް ހާސިލްކޮށްފައެވެ. އަދި ލިވަޕޫލްގެ ކޯޗް ޔަރގެން ކްލޮޕާއި ޗެލްސީގެ ކޯޗް ތޯމަސް ޓުޗެލްވެސް ބުނެފައިވަނީ ރަންގްނިކްކަކީ ވަރަށް މޮޅު ކޯޗެއް ކަމަށެވެ. އަދި ކްލޮޕްވަނީ އޭނާއަކީ ލީގުގެ އެހެން ކްލަބްތަކުން ޖެހިލުންވާންޖެހޭވަރުގެ ކޯޗެއް ކަމަށް ބުނެފައެވެ.

ރަންގްނިކް ޔުނައިޓެޑާއި ގުޅުނު ނަމަވެސް މިވަގުތު ޓީމުގައި ތިބި ކޯޗިންގ ސްޓާފުން ވަކި ނުވާނެކަމަށް އެކްލަބުން ބުނެއެވެ. މިގޮތުން ކެރިކް ޓީމްގައި ހުންނާނެކަމަށާއި އަދި ރަންގްނިކް އޭނާ އާއެކު ގެންނާނީ ވަރަށް މަދު ސްޓާފުންތަކެއް ކަމަށްވެސް ޔުނައިޓެޑުން ބުނެއެވެ.