ކުޅިވަރު

އެންމޮ މޮޅު ކީޕަރަކަށް ޑޮނަރޫމާން، ޒުވާން ކުޅުންތެރިޔަކަށް ޕެޑްރީ


ފްރާންސް ފުޓުބޯޅަ މެގަޒިންއިން ހޮވާ އަހަރުގެ އެންމެ ޒުވާން ކުޅުންތެރިޔާ، ކޮޕާ ޓްރޮފީގެ އެވޯޑު ޕެޑްރީ ރޮޑްރިގޭޒް އަދި އެންމެ މޮޅު ގޯލްކީޕަރު، ލެވް ޔަޝިން ޓްރޮފީ އިޓަލީގެ ޖުއާންލުއީޖީ ޑޮނަރޫމާ ހޯދައިފިއެވެ.

21 އަހަރުން ދަށުގެ އެންމެ މޮޅު ކުޅުންތެރިޔާއަށް ފްރާންސް ފުޓުބޯޅައިން ދޭ ކޮޕާ އެވޯޑު އުމުރުން 19 އަހަރުގެ ޕެޑްރީ ހޯދި އިރު، އޭނާ ވެފައިވަނީ ގޯލްޑަން ބޯއީ އެވޯޑާއި ކޮޕާ ޓްރޮފީ އެއްފަހަރާ ހޯދި އެންމެ ޒުވާން ކުޅުންތެރިޔާއަށެވެ. މިދިޔަ ސީޒަނުގައި ޕެޑްރީ ވަނީ ބާސާއަށް އެކަނިވެސް 53 މެޗު ކުޅެދީފައެވެ. އޭގެ އިތުރުން ސްޕެއިނަށް ކުޅުނު މެޗުތަކާއެކު އޭނާ ޖުމުލަ 75 މެޗު ސީޒަންގައި ކުޅެފައިވާ އިރު، ޕެޑްރީ ވަނީ ސްޕެއިނާއެކު މިދިޔަ ޔޫރޯގެ އެންމެ ޒުވާން ކުޅުންތެރިޔާގެ މާގާމުވެސް ހޯދައިފައެވެ.

ބެލޮންޑިއޯ ހަފުލާގައި އިއުލާންކުރި އަހަރުގެ އެންމެ މޮޅު ގޯލްކީޕަރުގެ މަގާމު، ލެވް ޔަޝިން ހާސިލުކުރި އުމުރުން 22 އަހަރުގެ ޑޮނަރޫމާ އެމަގާމު ހޯދާފައި ވަނީ އޭސީ މިލާނަށް މިދިޔަ ސީޒަންގައި ދެއްކި ކުޅުމުގެ އިތުރުން އިޓަލީ ޤައުމީ ޓީމަށް ދެއްކި ކުޅުމުންނެވެ. އިޓަލީއަށް ޔޫރޯ ކާމިޔާބު ކޮށްދިނުމުގައި ޑޮނަރޫމާ މުހިއްމު ދައުރެއް އަދާކޮށްފައިވާ އިރު، އޭނާއަކީ ޔޫރޯގެ އެންމެ މޮޅު ކުޅުންތެރިޔާވެސް މެއެވެ. ޑޮނަރޫމާ ވެފައި ވަނީ ޔޫރޯ މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި ދެވަނަ ގޯލްކީޕަރަށެވެ.