ކުޅިވަރު

ބެލޮންޑިއޯ އެވޯޑު ހައްގީ ލެވޮންޑެސްކީ އަށް: މެސީ


ބެލޮންޑިއޯ އެވޯޑް ލިބެން ޖެހޭނީ ބަޔާން މިއުނިކްގެ ޕޮލެންޑް ފޯވާޑް ރޮބަޓް ލެވަންޑޯސްކީ އަށް ކަމަށް މި ފަހަރު އެ އެވޯޑް ހާސިލްކުރި ޕީއެސްޖީގެ ތަރި ލިއޮނަލް މެސީ ބުނެފިއެވެ.

ފްރާންސް ފުޓްބޯޅައިން މިދިޔަ އަަހަރު ބެލޮންޑިއޯ އެވޯޑް ނުބޭއްވީ ކޮވިޑް-19ގެ ސަަބަބުން އައި އިގްތިސާދީ ހީނަރުކަމުގެ އިތުރުން ބެލޮންޑިއޯ އެވޯޑްގެ ސްޕޮންސަރުން މަދުވުމުންނެވެ. މެސީ ބުނީ މީގެ ދެ އަހަރު ކުރިން 2019 ވަނަ އަހަރު ބެލޮންޑިއޯ ލިބުމުން ހީކުރީ އެއީ އެ އެވޯޑުގައި އަތްލެވޭނެ ފަހު ފަހަރު ކަމަށެވެ. އެހެން ނަަމަވެސް މިދިޔަ ސީޒަނުގައި ބާސެލޯނާގައި ހޭދަކުރަން ޖެހުނު އުނދަގޫ ދުވަސްތަކަށް ފަހު ވެސް މިދިޔަ ޖޫން/ ޖުލައި މަހު އާޖެންޓީނާ އަށް ކޮޕަ އެމެރިކާ ހޯދައިދެވުމުން ބެލޮންޑިއޯ އެވޯޑަށް އުއްމީދު ކުރެވުނު ކަމަށް މެސީ ބުންޏެވެ.

ރެކޯޑްއަދަދެއްކަމަށްވާ ހަތް ވަނަ ފަހަރަށް ބެލޮންޑިއޯ ކާމިޔާބުކުރުމަށް ފަހު ޕޯޑިއަމްގައި ހުރެ ވާހަކަ ދައްކަމުން މެސީ ބުނީ ބެލޮންޑިއޯ އެވޯޑް އިންތިޒާމްކުރާ ފްރާންސް ފުޓްބޯޅައިގެ ފަރާތުން މިދިޔަ އަހަރު، 2020 ގެ ބެލޮންޑިއޯ އެވޯޑް ލެވަންޑޯސްކީ އަށް ދޭން ޖެހޭ ކަމަށެވެ. ލެވަންޑޯސްކީ ބުނީ ބެލޮންޑިއޯ ހޯދި މެސީ އަށް މަރުހަބާ ކިޔާ ކަމަށާއި އޭނާ އަށް ވޯޓު ދިން ނޫސްވެރިން އަދި އެކުގައި ކުޅުނު ކުޅުންތެރިންނަށް ޝުކުރު އަދާކުރާ ކަމަށެވެ. ފުޓްބޯޅަ ދިރާސާކުރާ ގިނަ ފަރާތްތަކެއް ގަބޫލުކުރާގޮތުގައި މި ފަހަރުގެ ބެލޮންޑިއޯ އެވޯޑް ވެސް ލިބެން ޖެހޭނީ ލެވަންޑޯސްކީ އަށެވެ.

މިދިޔަ އަހަރުގެ ފީފާ ބެސްޓް އެވޯޑްސްގެ އެންމެ މޮޅު ކުޅުންތެރިޔާގެ ޓްރޮފީ ހޯދި ލެވަންޑޯސްކީ އަށް ރޭ ބެލޮންޑިއޯ އެވޯޑްސް އިން ލިބުނީ އެންމެ މޮޅު ފޯވާޑްގެ ޓްރޮފީއެވެ.