ކޯވިޑް-19ގެ ނުރައްކާތެރި އަދި ވާރުތަވުމުގެ ބާރުގަދަ އައު ވައްތަރުކަމަށްވާ އޮމިކްރޯން ވޭރިއެންޓަކީ މުޅި ދުނިޔެއަށް އޮތް ބޮޑު ނުރައްކަލެއްކަމަށާއި އެކަށީގެންވާ ފިޔަވަޅުތަކެއް ނާޅައިފިނަމަ ނަތީޖާ ހިތިވެދާނެކަމުގެ އިންޒާރު ދުނިޔޭގެ ޞިއްޙަތާބެހޭ ޖަމުޢިއްޔާއިން ދީފިއެވެ. އެ ޖަމުޢިއްޔާއިން ވަރުގަދަ އިންޒާރެއް ދީފައިވަނީ ގިނަ ޢަދަދެއްގެ ޤައުމުތަކުން އޮމިކްރޯން ފެނުމުގެ ސަބަބުން ސަރަޙައްދީ ރޮނގު ބަންދުކޮށް ރައްކާތެރިކަމުގެ ފިޔަވަޅުތަކެއް އަޅަމުންދަނިކޮށެވެ. ޞިއްޙަތާބެހޭ ޖަމުޢިއްޔާގެ އިންޒާރާއެކު ފާއިތުވި ދެ އަހަރުދުވަހުގެ ތެރޭގައި ކޯވިޑް-19އާ ދެކޮޅަށް ދުނިޔެއިން ކުރަމުންދިޔަ މަސައްކަތްތަކުގެ ސަބަބުން ރަނގަޅު ނަތީޖާއެއް ލިބޭނެކަމަށް ގިނަ ބަޔަކު ކުރި އުއްމީދުތަކަށްވަނީ ހިޔަނިއެޅިފައެވެ.
ޞިއްޙީ ތަޖުރިބާކާރުން ބުނެފައިވާ ގޮތުގައި ދެކުނު އެފްރިކާއިން އެންމެ ފުރަތަމަ ފެނުނު އޮމިކްރޯނުގެ ސަބަބުން ކުރިމަތިވެދާނެ ނުރައްކާތައް ދެނެގަތުމަށް ހަފުތާތަކެއް ނަގާނެއެވެ. އައު ވޭރިއެންޓެއް ފެނުމުން ދުނިޔޭގެ ގިނަ ޤައުމުތަކުންވަނީ ދަތުރުފަތުރުކުރުން މަނާކުރުމުގެ އިތުރުން ސަރަޙައްދީ ރޮނގުތައްވެސް ބަންދުކޮށްފައެވެ. އަދި ކޯވިޑް-19ގެ ވެކްސިން ޖަހަމުންނުދައި މުޖުތަމަޢުތަކުގެ ތެރޭގައި ބަލިމަޑުކަން ފެތުރުމުގެ ބިރުވެރިކަންވަނީ ފެތުރިފައެވެ. އެއާއެކު ދުނިޔޭގެ ޙިއްޞާގެ ބާޒާރަށް ދެ ޓުރިލިޔަން އެމެރިކާ ޑޮލަރުގެ ގެއްލުމެއް ލިބުމުގެ އިތުރުން ތެލުގެ އަގުވަނީ ވެއްޓިފައެވެ.
ދުނިޔޭގެ ޞިއްޙަތާބެހޭ ޖަމުޢިއްޔާއިންވަނީ އޮމިކްރޯން ފެތުރުން ނުހުއްޓުވިއްޖެނަމަ އެ ކަމުގެ ނަތީޖާ ހިތިވާނެކަމަށް އެ ޖަމުޢިއްޔާގެ މެންބަރު 194 ޤައުމަށް އަންގައިފައެވެ. އެ ޖަމުޢިއްޔާއިން ބުނެފައިވަނީ އޮމިކްރޯނުގެ ސަބަބުން މީހަކު މަރުވިކަން އަދި ކަށަވަރުނުވި ނަމަވެސް ކޯވިޑް-19ގެ ނުރައްކާތެރި އައު ވައްތަރެއް އަނެއްކާވެސް ފެނުމުން މައްސަލައިގެ ނާޒުކުކަން ދައްކުވައިދީފިކަމަށެވެ.
އޮމިކްރޯން އެންމެ ފުރަތަމަ ފެނުނު ދެކުނު އެފްރިކާއިން ބުނެފައިވަނީ ކޯވިޑް-19ގެ އެ ވައްތަރަކީ އޭގެ ކުރިން ފެނުނު އެންމެ ނުރައްކާތެރި ޑެލްޓާ ވޭރިއެންޓަށްވުރެ ވާރުތަވުމުގެ ބާރުގަދަ ވައްތަރެއްކަމަށެވެ. އެ ގޮތުން ކުރިން ކޯވިޑް-19 ޖެހި ފަސޭހަވެފައިވާ މީހުންނަށާއި ވެކްސިންގެ ޑޯސްތައް ފުރިހަމަކޮށްފައިވާ މީހުންނަށްވެސް އޮމިކްރޯން ޖެހޭކަމަށް އެ ޤައުމުން ބުނެފައިވެއެވެ. އޮމިކްރޯން ފެތުރެން ފެށުމުން ދެކުނު އެފްރިކާގައި މިހާރު ދުވާލެއްގެ މައްޗަށް 10،000 މީހުންނަށް ބަލިޖެހެއެވެ. މީގެ ދެ ދުވަސް ކުރިން އެ ޢަދަދު ހުރީ 2،800ގައެވެ. އަދި މީގެ ދެ ހަފުތާ ކުރިން އެ ޢަދަދު ހުރީ 300އަށްވުރެ ދަށުގައެވެ.
އޮމިކްރޯނުގެ ޢަލާމަތްތަކާމެދު ދެކުނު އެފްރިކާއިން ބުނެފައިވަނީ ކޯވިޑް-19ގެ އެހެން ވައްތަރުތަކަށްވުރެ ޢަލާމަތްތައް ބޮޑުކަމަށް ނިންމުން އަދި އަވަސްކަމަށެވެ. އެ ގޮތުން ކުރިން ވެކްސިން ޖަހާފައިވާ މީހުންނަށް އޮމިކްރޯނުން ކުރައި އަސަރު ކުޑަވުމުގެ ފުރުޞަތު އޮތްކަމަށް އެ ޤައުމުން ޤަބޫލުކުރެއެވެ.
އޮމިކްރޯނާ ދެކޮޅަށް އަޅައި އެންމެ މުޙިއްމު ފިޔަވަޅަކަށް ވެކްސިންގެ ޑޯސްތައް ފުރިހަމަކުރުމަށް ދުނިޔޭގެ ޞިއްޙަތާބެހޭ ޖަމުޢިއްޔާއިންވަނީ އިލްތިމާޞްކޮށްފައެވެ. އެހެންނޫންނަމަ ފާއިތުވި ދެ އަހަރުދުވަހު ކުރިމަތިވި ޙާލަތައްވުރެ ނުރައްކާތެރި ޙާލަތަކާ ދުނިޔެއިން ކުރިމަތިލާން ޖެހިދާނެކަމަށް އެ ޖަމުޢިއްޔާއިން ބުނެއެވެ.
އޮމިކްރޯން އެންމެ ފުރަތަމަ ފެނުނު ދެކުނު އެފްރިކާއާއި އަވަށްޓެރި ބޮޓްސްވާނާގައި ކޯވިޑް-19ގެ ވެކްސިންގެ ޑޯސްތައް ފުރިހަމަކޮށްފައިވަނީ އާބާދީގެ %25 މީހުންނެވެ. ދުނިޔޭގެ އެހެން ސަރަޙައްދުތަކަށްވުރެ ވެކްސިން ދިނުމުގެ ނިޞްބަތް އެންމެ ދަށީ އެފްރިކާގައެވެ. އޮމިކްރޯނުގެ ނުރައްކާތެރިކަން ދުނިޔެއަށް ބޮޑުވެފައިވާ ދަނޑިވަޅެއްގައި ޗައިނާއިންވަނީ ވެކްސިންގެ އެއް ބިލިޔަން ޑޯސް އެފްރިކާގެ ޤައުމުތަކަށް ހަދިޔާކުރުމަށް ނިންމައިފައެވެ. މީގެ ކުރިންވެސް ޗައިނާއިންވަނީ ވެކްސިންގެ އެއް ބިލިޔަން ޑޯސް އެފްރިކާގެ ޤައުމުތަކަށް ފޮނުވައިފައެވެ.