ޚަބަރު

ދިވެއްސަކު ނިވާފަތް ގަނޑަކަށްވެހުރެ ބިދޭސީން ވިޔަފާރިކުރުން މަނާކުރަން މަޖިލީހުން ފާސްކޮށްފި


ދިވެހިންގެ ނަމުގައި ވިޔަފާރިތައް ރަޖިސްޓްރީކޮށް، ބިދޭސީން ވިޔަފާރިކުރުން ހުއްޓުވުމަށް ސަރުކާރުން ހުށައެޅި ބިލު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ. އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނަށް ސަރުކާރުގެ ފަރާތުން ގެނައި މި އިޞްލާހުގެ ބިލު ފާސްކުރީ 53 މެންބަރުންގެ ވޯޓުންނެވެ.

އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނަށް ގެނައި މައިގަނޑު އިޞްލާހަކީ ރާއްޖޭގައި ވިޔަފާރިއެއް ހިންގުމަށް ހަވާލުކުރާ ފަރާތަކީ ދިވެއްސަކަށް ވުން ލާޒިމްކުރުމެވެ. އެގޮތުން ޤާނޫނަށް ގެނައި އިޞްލާހުގައި ބަޔާންކޮށްފައިވަނީ، ވިޔަފާރި ހިންގަން ހަވާލުކުރާ ފަރާތަކީ އުމުރުން 18 އަހަރު ވެފައިވާ ދިވެއްސަކަށް ވާން ޖެހޭނެކަމަށެވެ.

މީގެއިތުރުން މި ޤާނޫނަށް ގެނައި އިޞްލާހުތަކުގެ ތެރޭގައި ރާއްޖޭގައި ހިންގާ ވިޔަފާރިއެއްގައި ބިދޭސީން ޝާމިލްވާ ކަމަށް ރަޖިސްޓްރާ އޮފް ކޮމްޕެނީސްއަށް ފާހަގަކުރެވިއްޖެ ހިނދެއްގައި އެވިޔަފާރިއަކަށް ދީފައިވާ ހުއްދަ ބާޠިލްކުރުންވެސް ހިމެނެއެވެ. އެގޮތުން ސީދާ ގޮތުންނާއި ނުސީދާ ގޮތުން ބިދޭސީއަކަށް ވިޔަފާރީގެ މަންފާ ލިބޭކަމަށް އެކަށީގެންވާ ހެއްކާ އެކު ރެޖިސްޓްރާ އޮފް ކޮމްޕެނީސްއަށް ގަބޫލުކުރެވިއްޖެނަމަ އެ ވިޔަފާރިއެއްގެ ހުއްދަ ބާޠިލްކުރެވޭނެ ކަމަށް މަޖިލީހުން ފާސްކުރި ބިލުގައިވެއެވެ.

ޢާންމު ފަރުދުންގެ ޤާނޫނަށް މިއިޞްލާހުތައް ގެނައުމުގެ މަޤްޞަދެއްކަމަށް ބަޔާކޮށްފައިވަނީ، އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓަރީކޮށްފައިވާ ފަރާތްތަކަށް މިހާރު ދިމާވާ ދަތިތައް ޙައްލުކުރުމާއި، އެފަދަ ވިޔަފާރިތަކުގެ ޙާލަތު ދެނެގަތުމަށް ފަސޭހަވާނެ އިންތިޒާމެއް ހަމަޖެއްސުމާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީކުރެވޭ މުއްދަތު އިތުރުކޮށް އެފަދަ ވިޔަފާރި އެހެން ފަރާތަކަށް ބަދަލުކުރުމުގައި ޢަމަލުކުރާނެ އުސޫލުތައް ބަޔާންކުރުމެވެ. އަދި ދިވެއްސަކު ނިވާފަތްގަނޑަކަށްވެހުރެ، ސީދާގޮތުން ނުވަތަ ނުސީދާގޮތުން ބިދޭސީ ފަރާތަކަށް ވިޔަފާރީގެ މަންފާ ލިބިދިނުމަށް ހިންގާ ވިޔަފާރިތަކުގެ ސަބަބުން އެންމެ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށާއި، ދިވެހިރައްޔިތުންނަށް ލިބޭ އިޤްތިޞާދީ ފުރުޞަތުތައް ހަނިވިޔަނުދީ ފިޔަވަޅުއެޅޭނެ އިންތިޒާމެއް ހަމަޖެއްސުމަކީވެސް އެ ޤާނޫނަށް އިޞްލާހު ގެނައުމުގެ މަޤްޞަދެއްކަމަށް ބަޔާންކޮށްފައިވެއެވެ.