ޚަބަރު

ވިލިމާލޭގައި ބެޓެރީ ޓެކްސީގެ ޚިދުމަތް ދޭން ފަށަނީ


ވިލިމާލޭގައި ބެޓެރީ ޓެކްސީގެ ޚިދުމަތްފަށަން މާލޭ ސިޓީ ކައުންސިލުން ނިންމައފިއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިކަން ހާމަކުރައްވައި މާލެ ސިޓީގެ މޭޔަރ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވީ މި ހަފްތާގެ ތެރޭގައި 10 ބެޓެރީ ނުވަތަ އިލެކްޓްރިކް ކާރު ހޯދުމަށް އިއުލާނުކުރައްވާނެ ކަމަށެވެ. މުޢިއްޒު ވިދާޅުވީ އެގޮތަށް ނިންމާފައި ވަނީ ވިލިމާލެއަކީ ބަގީގެ ޚިދުމަތްދޭ ރަށަކަށްވެފައި ބަގީގައި ނުގެންދެވޭ ތަކެތި ވެސް ހުންނާތީ ރައްޔިތުންނަށް ވީހާވެސް ލުއި ގޮތްތަކެއް ހޯދައިދިނުމަށް ކަމަށެވެ. އެހެންކަމުން ވިލިމާލޭގައި ޓެކްސީގެ ޚިދުމަތް ދިނުން ވަރަށް މުހިންމުކަމަށް ޑރ.މުޢިއްޒު ފާހަގަކުރެއްވިއެވެ.

ވިލިމާލޭގައި މިހާރު ދެމުން އަންނަ ބަގީ ޚިދުމަތް ހުއްޓިފައިވާކަން ފާހަގަކުރައްވައި ޑރ.މުއިއްޒު ވިދާޅުވީ އެ ޚިދުމަތް ދިނުމަށްވެސް އިތުރު ބަޔަކު ހޯދުމަށް އިޢުލާންކޮށްފައިވާކަމަށެވެ. އަދި މިހާރު އެ ޚިދުމަތް ދެމުން އަންނަ ފަރާތާ މަޝްވަރާކޮށް، ކައުންސިލުން ކޮށްދޭން ޖެހެނީ ކޮން ކަންތައްތަކެއްތޯ ބަލައި އެކަންކަން ކޮށްދިނުމަށް ނިންމާފައިވާކަމަށް މުޢިއްޒު ވިދާޅުވިއެވެ.

ވިލިމާލޭގައި މީހުން އާބާދުވީއްސުރެ އެއަވަށަކީ އިންޖީނުލީ އެއްގަމު އުޅަނދު ދުއްވުން މާނާ ރަށެއްކެވެ. އެއަވަށުގައި މުޅިންވެސް ބޭއްނުންކުރަމުން އަންނަނީ ތިމާވެއްޓާ ރައްޓެހި އުޅަނދުތަކެވެ. ވިލިމާލޭގައި ދުއްވާ ބެޓެރި ވެހިކަލްތަކުގެ ޢަދަދު ދުވަހެއް ދުވަހަކަށް އިތުރުވަމުންދާތީ، ވިލިމާލޭގައި ދުއްވާ ބެޓެރި ވަހިކަލްތަކުގެ ދަފްތަރެއް އެކުލަވާލުމަށް މާލެ ސިޓީ ކައުންސިލުން ވަނީ ނިންމަވާފައެވެ.