ޚަބަރު

އޮމިކްރޯނާ ގުޅުވައިގެން ފިޔަވަޅުތައް އަޅަނީ ބޭއިންޞާފުން: ދެކުނު އެފްރިކާ


ދެކުނު އެފްރިކާއަށް ދަތުރުފަތުރުކުރުން މަނާކޮށްފައިވާ ޤައުމުތަކުން އެ ނިންމުންތައް އަނބުރާ ގެންދިޔުމަށް އެ ޤައުމުގެ ރައީސް ސިރިލް ރަމަޕޯސާ ގޮވާލައްވައިފިއެވެ.

ކޯވިޑް-19ގެ ނުރައްކާތެރި އަދި ވާރުތަވުމުގެ ބާރުގަދަ އައު ވައްތަރުކަމަށްވާ އޮމިކްރޯން ވޭރިއެންޓު ދެކުނު އެފްރިކާއިން ފެނުމުން ގިނަ ޢަދަދެއްގެ ޤައުމުތަކަކުންވަނީ އެ ޤައުމަށް ދަތުރުކުރުން މަނާކޮށް ދެކުނު އެފްރިކާއިން އަންނަ އެއްވެސް މީހަކަށް އެ ޤައުމުތަކަށް އެތެރެނުވެވޭނެކަމަށް ނިންމައިފައެވެ. އެ ޤައުމުތަކުގެ ނިންމުމުގައި ދެކުނު އެފްރިކާގެ އިތުރުން އެ ޤައުމާ އަވަށްޓެރި ޤައުމުތައްވެސްވަނީ ހިމަނައިފައެވެ.

އޮމިކްރޯން އެންމެ ފުރަތަމަ ފެނުނު ދެކުނު އެފަރިކާއާއި އެ ޤައުމު ކައިރީގައި އޮންނަ އިތުރު ޤައުމުތަކަށް ދަތުރުކުރުން ދުނިޔޭގެ 20 ޤައުމަކުންވަނީ މަނާކޮށްފައެވެ. އަދި ކޯވިޑް-19ގެ ނުރައްކާތެރި އައު ވައްތަރެއް ފެތުރެން ފެށުމުން އަނެއްކާވެސް ބޮޑު ބިރުވެރިކަމެއް ދުނިޔެއަށްވަނީ ކުރިމަތިވެފައެވެ. އޮމިކްރޯން ޖެހިފައިވާ މީހުންވަނީ ވިލާތުގެ އެންމެ ބޮޑެތި ޤައުމުތައްކަމަށްވާ އިނގިރޭސިވިލާތާއި ޖަރުމަންވިލާތާއި އިޓަލީވިލާތުންނާއި ނެދަލެންޑްސުންނާއި ޑެންމާކުންނާއި އޮސްޓުރޭލިޔާއިންނާއި ހޮންގް ކޮންގުންނާއި އިސްރާއީލުން ފެނިފައެވެ.

ޤައުމާ މުޙާތަބުކުރައްވައި ވާހަކަދައްކަވަމުން ދެކުނު އެފްރިކާގެ ރައީސް ރަމަޕޯސާ ވިދާޅުވީ އެ ޤައުމަށާއި އެ ޤައުމުގެ އަވަށްތެރި ޤައުމުތަކާ ދެކޮޅަށް ފިޔަވަޅުތައް އަޅާފައިވަނީ ސައިންސުގެ އެއްވެސް ދަލީލަކަށް ރިޢާޔަތް ނުކޮށްކަމަށެވެ. ރަމަޕޯސާ ވިދާޅުވި ގޮތުގައި އެ ނިންމުން ނިންމި ޤައުމުތަކަށްވެސް އެ ކަމުގެ ނޭދެވޭ އަސަރުކުރާނެކަމަށާއި އެއީ ދުނިޔޭގެ އިޤްތިޞާދަށް ލިބޭނެ އިތުރު ގެއްލުމެއްކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި ދުނިޔޭގެ ޤައުމުތަކުން ނިންމުންތައް ނިންމަނީ އިންޞާފުވެރިކޮށް ނޫންކަމަށާއި ދެކުނު އެފްރިކާއާއި އެފްރިކާގެ އެހެން ޤައުމުތަކާ ދެކޮޅަށް ތަފާތުކުރުން ގެންގުޅޭކަމަށެވެ. އޭނާ ވިދާޅުވީ އޮމިކްރޯންނާ ދެކޮޅަށް އެޅޭނެ އެންމެ ރަނގަޅު އަދި ފައިދާވާނެ ފިޔަވަޅަކީ ބަލިފެތުރުން ހުއްޓުވުމަށް ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމާއި ވެކްސިން ޖެހުންކަމަށެވެ.

ދެކުނު އެފްރިކާއަކީ އެފްރިކާގެ ޤައުމުތަކުގެ ތެރެއިން ކޯވިޑް-19ގެ އަސަރު އެންމެ ބޮޑަށް ކޮށްފައިވާ ޤައުމެވެ. އެ ގޮތުން އެ ޤައުމުން 2.9 މިލިޔަން މީހުންނަށް ބަލިޖެހި 89،000އަށްވުރެ ގިނަ މީހުންވަނީ މަރުވެފައެވެ. އެ ޤައުމުގައި ވެކްސިންގެ ޑޯސްތައް ފުރިހަމަކޮށްފައިވަނީ 18 އަހަރުންމަތީގެ އާބާދީގެ %35 މީހުންނެވެ.

ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާއިން ބުނެފައިވާ ގޮތުގައި އޮމިކްރޯނުގެ ވާރުތަވުމުގެ ބާރާއި އޭގެ ނުރައްކާތެރިކަމާމެދު ކަނބޮޑުވާން ޖެހޭކަމަށެވެ. އެ ގޮތުން އޮމިކްރޯނަކީ އިންޑިޔާއިން އެންމެ ފުރަތަމަ ފެނުނު ޑެލްޓާ ވޭރިއެންޓަށްވުރެ ނުރައްކާތެރިކަން އެތައް ގުނައެއް ބޮޑު ވައްތަރެއްކަމަށްވެސް ޞިއްޙީ ތަޖުރިބާކާރުންވަނީ ބުނެފައެވެ. ނަމަވެސް އޮމިކްރޯނުން ސަލާމަތްވުމަށް ކުއްލި ނިންމުންތައް ނުނިންމުން މުޙިއްމުކަމަށް ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާއިންވަނީ ބުނެފައެވެ.

އޮމިކްރޯނަކީ ކަންބޮޑުވާން ޖެހޭ ކޯވިޑް-19ގެ ފަސްވަނަ ވައްތަރެވެ. އޮމްރިކޯނުގެ ބާރުގަދަކަން އެނގުނު ނަމަވެސް އެ ވައްތަރު ދިރާސާކޮށް އެޅޭނެ ފިޔަވަޅުތައް ދެނެގަތުމަށް ހަފުތާތަކެއް ހޭދަވާނެކަމަށް ބެލެވެއެވެ. ކޯވިޑް-19ގެ ނުރައްކާތެރި އައު ވައްތަރެއް ފެނިފައިވަނީ ފިނި މޫސުމާ ދިމާކޮށެވެ. އެހެންކަމުން ދުނިޔޭގައި ބަލިމަޑުކަން ފެތުރެން ފަސޭހަވާނެކަމަށްވެސް ބެލެވެއެވެ.

ފާއިތުވި ދެ އަހަރުގެ ތެރޭގައި ދުނިޔޭގެ އެކި ޤައުމުތަކުން ޖުމުލަ 261 މިލިޔަން މީހުންނަށް ކޯވިޑް-19 ޖެހި 5.4 މިލިޔަން މީހުންވަނީ މަރުވެފައެވެ.