ޚަބަރު

ފިލިޕީންސުގައި 3 ދުވަހުން ވެކްސިންގެ 9 މިލިޔަން ޑޯސް ޖަހަނީ


ތިން ދުވަހުގެ ތެރޭގައި ކޯވިޑް-19ގެ ވެކްސިންގެ 9 މިލިޔަން ޑޯސް ޖެހުމުގެ މަޝްރޫޢެއް ފިލިޕީންސުގައި ފަށައިފިއެވެ.

ކޯވިޑް-19ގެ ވެކްސިން ޖެހުމުގެ މަޝްރޫޢެއް ފިލިޕީންސުގައި ފަށާފައިވަނީ ދުނިޔޭގައި ކޯވިޑް-19ގެ ނުރައްކާތެރި އަދި ވާރުތަވުމުގެ ބާރުގަދަ އައު ވައްތަރުކަމަށްވާ އޮމިކްރޯން ވޭރިއެންޓު ފެތުރެމުންދާ ދަނޑިވަޅެއްގައެވެ. އެއާއެކު ފިލިޕީންސުން އެންމެ ފުރަތަމަ ނިންމީ ވެކްސިންގެ ޑޯސްތައް ފުރިހަމަނުކުރައި އެއްވެސް މީހަކަށް އެ ޤައުމަށް ދަތުރުކުރުން މަނާކުރުމަށެވެ. ނަމަވެސް އެ ނިންމުމަށް ޢަމަލުކުރުން ފަސްކޮށް އެ ޤައުމުގެ ރައްޔިތުންނަށް ވެކްސިން ދިނުމުގެ މަޝްރޫޢެއްވަނީ ފަށައިފައެވެ. އެ ގޮތުން އެންމެ ފުރަތަމަ އެ ޤައުމުން ނިންމީ ވެކްސިންގެ 15 މިލިޔަން ޑޯސް ދިނުމަށެވެ. ނަމަވެސް ފަހުން އެ ޢަދަދުވަނީ 9 މިލިޔަނަށް ދަށްކޮށްފައެވެ.

ނޮވެންބަރު މަހުގެ ތެރޭގައި ފިލިޕީންސުގައި ދުވާލެއްގެ މައްޗަށް ޖަހާފައިވަނީ ވެކްސިންގެ 829,000 ޑޯސެވެ. ތިން ދުވަހުން 9 މިލިޔަން ޑޯސް ޖެހުމަށް ދުވާލެއްގެ މައްޗަށް 3 މިލިޔަން ޑޯސް ޖަހަންޖެހޭނެއެވެ. އެއީ އެތައް ހާސް ޖަޒީރާ ރަށްތަކެއްގެ މައްޗަށް އެކުލެވިގެންވާ ފިލިޕީންސުގައި ކުރަން އުނދަގޫވާނެ ކަމަކަށްވި ނަމަވެސް ކުރެވޭނެ ކަމެއްކަމަށް ޞިއްޙީ ތަޖުރިބާކާރުން ބުނެއެވެ. އެ ޢަމާޒަށް ވާޞިލުވުމަށް އެ ޤައުމުގައި ވެކްސިން ޖެހުމަށް ޚާއްޞަ 11،000 މަރުކަޒު ޤާއިމުކޮށްފައިވެއެވެ. އަދި ވެކްސިން ދިނުމުގެ މަސައްކަތުގައި 160،000 މީހުން ޙަރަކާތްތެރިވާނެއެވެ.

ފިލިޕީންސުގެ ސަރުކާރުން މަސައްކަތްކުރަނީ އަހަރު ނިމުމުގެ ކުރިން 54 މިލިޔަން މީހުންނަށް ވެކްސިންގެ ހުރިހާ ޑޯސެއް ދިނުމަށެވެ. އަދި އަންނަ މާރިޗު މަހުގެ ނިޔަލަށް އިތުރު 23 މިލިޔަން މީހުންނަށް ވެކްސިންގެ ހުރިހާ ޑޯސެއް ދިނުމަށްވެސް ނިންމައިފައެވެ. މިހާތަނަށް އެ ޤައުމުގައި ވެކްސިންގެ ޑޯސްތައް ފުރިހަމަކޮށްފައިވަނީ 35 މިލިޔަން މީހުންނެވެ. އެއީ އެ ޤައުމުގެ 110 މިލިޔަން މީހުންގެ އާބާދީގެ ތިންބައިކުޅަ އެއްބައެވެ.