ޚަބަރު

ޙާލުކޮޅު ގޯސްވެ ޚާލިދާ ޒިޔާއަށް ބޭރުން ފަރުވާދިނުމަށް އެދިއްޖެ


ބަންގުލަދޭޝުގެ ކުރީގެ ބޮޑުވަޒީރު ޚާލިދާ ޒިޔާގެ ޙާލުކޮޅު ގޯސްވުމުގެ ސަބަބުން އިތުރު ފަރުވާއަށް ޤައުމުން ބޭރަށް ގެންދަންޖެހޭކަމަށް އޭނާއަށް ފަރުވާދެމުންދާ ޑަކްޓަރުންގެ ޓީމުން ބުނެފިއެވެ.

ބަންގުލަދޭޝުގެ މިހާރުގެ ބޮޑުވަޒީރު ޝޭޚް ހަސާނެ އެންމެ ބޮޑު ސިޔާސީ ވާދަވެރިޔާކަމަށްވާ ޢުމުރުފުޅުން 76 އަހަރުގެ ޚާލިދާގެ ޗިސްމެޔަށް ބައްޔެއް ޖެހި ފާއިތުވި ދެ ހަފުތާގެ ތެރޭގައި ތިން ފަހަރެއްގެ މަތިން އެތެރެއިން ލޭމަނާކުރަން ޖެހުނުކަމަށް އޭނާއަށް ފަރުވާދެމުންދާ އެންމެ އިސް ޑަކްޓަރުކަމަށްވާ ފަޚްރުއްދީން މުޙައްމަދު ސިއްދީޤީވަނީ ވިދާޅުވެފައެވެ. އޭގެ އިތުރުން ޚާލިދާއަށް ފަރުވާދެވޭނެ ވަޞީލަތެއް ބަންގުލަދޭޝުގައި ނެތްކަމަށާއި ފެންވަރު ރަނގަޅު ފަރުވާއެއް އަވަހަށް ނުދެއްވިއްޖެނަމަ އޭނާގެ ޙާލަތު ގޯސްވާނެކަމަށްވެސް ސިއްދީޤީ ވިދާޅުވިއެވެ. އަދި މިއީ ޚާލިދާގެ ފުރާނަ ސަލާމަތްކުރުމަށް މުޙިއްމުކަން ދީގެން މަސައްކަތްކުރަންވީ ވަޤުތުކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މީގެ ފަސް މަސްދުވަސް ކުރިން ކޯވިޑް-19 ޖެހުނު ޚާލިދާގެ ޙާލުކޮޅު ގޯސްވުމުން އޭނާއަށް ފަރުވާދެނީ ބަންގުލަދޭޝުގެ ހަސްފަތާލެއްގެ އައިސީޔޫގައެވެ. އިތުރު ފަރުވާއަށް ޚާލިދާ ޤައުމުން ބޭރަށް ގެންދަންޖެހޭކަމަށް ޑަކްޓަރުން ބުނި ނަމަވެސް 2018ވަނަ އަހަރުގެ ތެރޭގައި ބަންގުލަދޭޝުގެ ކޯޓަކުންވަނީ އޭނާ ފުރުން މަނާކޮށްފައެވެ. އެއާއެކު ޚާލިދާ ނިޞްބަތްވެވަޑައިގަންނަވައި ބަންގުލަދޭޝް ނޭޝަނަލް ޕާޓީ، ބީއެންޕީއަށް ތާޢީދުކުރާ މީހުންވަނީ އޭނާއަށް ބޭސްފަރުވާ ކަށަވަރުކޮށްދިނުމަށް ގޮވާލައި ވަރުގަދަ މުޒާހަރާތަކެއް ކުރަން ފަށައިފައެވެ. ނަމަވެސް ބަންގުލަދޭޝުގެ ސަރުކާރުން ބުނެފައިވަނީ ބޭރުން ޑަކްޓަރުން ގެނެސްގެން ޚާޅިދާއަށް ފަރުވާދިނުމަށް އެއްވެސް ހުރަހެއް ނެތްކަމަށެވެ.

ދެ ފަހަރެެއްގެ މަތިން ބަންގުލަދޭޝުގެ ބޮޑުވަޒީރުކަން ކުރެއްވި ޚާލިދާގެ މައްޗަށް ކުރި ޚީޔާނާތުގެ ދަޢުވާއެއް ސާބިތުވެ އޭނާ 10 އަހަރުދުވަހަށް ޖަލަށް ލުމަށް ޙުކުމުކޮށްފައިވަނީ 2018ވަނަ އަހަރުގެ ތެރޭގައެވެ. ނަމަވެސް މިދިޔަ އަހަރުގެ މާރިޗު މަހުގެ ތެރޭގައި ޚާޅިދާގެ ޙާލުކޮޅު ގޯސްވުމުން އޭނާވަނީ ގެޔަށް ބަދަލުކޮށް ޤައުމުން ފުރުން މަނާކޮށްފައެވެ.