ޚަބަރު

މިއަހަރުގެ ޓީޓީއެމް މޯލްޑިވްސް ފަށައިފި


މިއަހަރުގެ ޓީޓީއެމް މޯލްޑިވްސް ފަށައިފިއެވެ.

ޓީޓީއެމް މޯލްޑިވްސްއަކީ ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ޓްރެވެލް ޓްރޭޑް ފެއަރއެވެ. މިއަހަރުގެ ޓީޓީއެމް މޯލްޑިވްސް ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރ މަހުގެ 28 އިން 30 އަށެވެ.

މިއަހަރުގެ ޓީޓީއެމް މޯލްޑިވްސް ފެށިގެންދިޔައީ މީރުމާ އިވެންޓްސް ކޮންފަރެންސް ފެސިލިޓީގައި ބޭއްވި ޓީޓީއެމް ޓްރެވަލް ސަމިޓުންނެވެ.

ޓީޓީއެމް ޓެރެވަލް ސަމިޓް އިފްތިތާހުކޮށްދެއްވާ، ވާހަކަފުޅުދެެއްކެވީ އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ހުންނަވާ ސަފީރު މުނޫ މަހާވަރުއެވެ. އިންޑިއާ ސަފީރުގެ އިތުރުން، އެމްއެމްޕީއާރުސީގެ މެނޭޖިންގ ޑިރެކްޓަރ ތައްޔިބް މުހައްމަދާއި، މެރީނާ އެޓް ކްރޮސްރޯޑްސްގެ މެނޭޖިންގ ޑައިރެކްޓަރ ތޮލްގާ އުނާން، އަދި ރިޓްޒް ކާލްޓަންގެ ޖެނެރަލް މެނޭޖަރ މާކް ހެއިރް ޕްރެޒެންޓޭޝަން ހުށަހަޅުއްވައިދެއްވިއެވެ.

ކޮންމެ އަހަރެއްގެ ޓީޓީއެމް މޯލްޑިވްސްގައި 3000 ޕްރީ ޝެޑިއުލް މީޓިން ކުރިއަށްގެންދެއެވެ. އަދި ދާއިރާގެ 500 އެއްހައި މީހުން ބައިވެރިވެއެވެ. މިއަހަރުގެ ޓީޓީއެމް ފެއަރގައި ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރާ 300 އަށްވުރެ ގިނަ ފަރާތުން ބައިވެރިވާނެއެވެ. އޭގެތެރޭގައި ސަޕްލަޔަރުންނާއި، ދާއިރާގެ ތަޖުރިބާކާރުން ހިމެނެއެވެ.

ޓީޓީއެމްއަކީ ރާއްޖޭގެ ފަތުރުވެރިކަމުގައި ހަރަކާތްތެރިވާ ފަރާތްތަކާއި ދުނިޔޭގެ ބޮޑެތި ޓްރެވެލް އޭޖެންޓުންނާއި ގުޅުވާލުމަށް ރާއްޖޭގައި މިހާތަނަށް ކުރިއަށްގެންދާ އެންމެ ބޮޑު ޓްރެވެލް ޓްރޭޑް ހަރަކާތެވެ. މިއަހަރު ކުރިއަށްގެންދާ ޓީޓީއެމް ހަރަކާތަކީ މީގެ 5 ވަނަ ހަރަކާތެވެ.

މިއަހަރުގެ ޓީޓީއެމް ފެއަރގެ ގާލާ ނައިޓް ބޭއްވުމަށް ހަމަޖެހިފައިވަނީ ކްރޮސްރޯޑްސްގައެވެ.