ދީން

އިންޓަރނެޓްގެ ޒަރިއްޔާއިން އިސްލާމް ދީނާ މެދު ޝައްކު އުފެއްދުން!


އިންޓަރނެޓްގެ ޒަރިއްޔާއިން އިސްލާމް ދީނާ މެދު ޝައްކު އުފެއްދުމުގެ ޕްރޮޕެގެންޑާއެއް ހުޅަނގުން ފަށާފައިވާ ކަމަށާ، މިކަމުން މިންޖުވެވޭނީ ހަމަބުއްދީގެ ބޭނުންކޮށްގެން ކަމަށް ޕްރޮފެސަރ ޑރ. މުޙައްމަދު ކަމާލް ޙަސަން ވިދާޅުވެއްޖެއެވެ.އޭނާ މިހެން ވިދާޅުވީ، ދިވެހި ރައްޔިތުންގެ މެދުގައި ދީނީ ހޭލުންތެރިކަން އިތުރުކުރެއްވުމުގެ ގޮތުން އިސްލާމިކް މިނިސްޓްރީން އިންތިޒާމްކޮށްގެން ބާއްވަވަމުން ގެންދަވާ ދަރުސް ސިސްސިލާ " ދަ މެސެޖް " ގެ މިއަހަރުގެ އެންމެފަހު ދަރުހުގައި ދެއްވި ތަޤްރީރުގައެވެ. އޭނާ ވިދާޅުވީ ހުޅަނގުން މި ކުރިޔަށްގެންދާ ޕްރޮޕެގެންޑާގައި އިސްލާމް ދީނަކީ ޓެރަރިޒަމަށް މަގުފަހިކުރާ ދީނެއް ކަމަށް ދެއްކުމަށް އެބައިމީހުން ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ. އަދި އިސްލާމް ދީނަކީ ކުރީ ޒަމާނުގެ ދީނެއް ކަމަށް ބުނެ އިސްލާމް ދީނަށް ފުރައްސާރަކުރުންވެސް އާއްމުވެފައިވާ ކަމަށެވެ.ޑރ. މުޙައްމަދު ކަމާލް ޙަސަންގެ ވާހަކަފުޅުގައި އިތުރަށް ވިދާޅުވީ ކަން މިހެން ހުރިނަމަވެސް، އިސްލާމް ދީނަކީ ހަމަބުއްދީގެ ބޭނުން ހިފައިގެން ދިރިއުޅުމުގެ މަޤްސަދާއި، އިލާހީ އުނގަންނައިދިނުންތައް ވިސްނަދޭ ދީނެއް ކަމަށެވެ. ދަރުސް ސިސްސިލާ " ދަ މެސެޖް " ގެ ދަރުހުގައި މިރޭ ދެން ތަޤްރީރު ކުރެއްވި ޕްރޮފެސަރ ޑރ. ވަލީދު ފިކްރީ މުޙައްމަދު ފާރިސް ވިދާޅުވީ މާތްﷲ ސުބްހާނަހޫ ވަތަޢާލާ، ރަސޫލުﷲ ސައްލައްލާހު އަލައިހި ވަސައްލަމް މެދުވެރިކުރައްވާ ބާއްވާލެއްވި ކީރިތި ޤުރުއާން ބެހިފައިވަނީ މައިގަނޑު ދެބަޔަކަށް ކަމަށެވެ. މި ދެބަޔަކީ އިސްލާމް ދީން ގަބޫލުކުރާ ފަރާތްތަކާއި، އިސްލާމް ދީން ގަބޫލު ނުކުރާ ފަރާތްތައް ކަމަށެވެ. މިކަމުން ދައްކުވައިދެނީ ކީރިތި ޤުރުއާނަކީ އެންމެހާ އަޅުތަކުންގެ މައްޗަށް ބާއްވާލެވުނު އެއްޗެއްކަން ކަމަށް ޑރ. ވަލީދު ވިދާޅުވިއެވެ.