ޚަބަރު

ހުކުމަށް ވާސިލްވިގޮތް ތަފްސީލްނުކުރާނަމަ، ފަނޑިޔާރުންގެ އިތުބާރު ގެއްލޭ: ހުސްނުއްސުޢޫދު


މައްސަލަތަކުގައި ކޯޓުތަކުގެ ފަނޑިޔާރުން ކުރައްވާ ޙުކުމްތައް، ވީހާވެސް ތަފްސީލްކުރެއްވުމަށް، ސުޕްރީމް ކޯޓުގެ ފަޑިޔާރު އަލްއުސްތާޛް ޙުސްނުއް ސުޢޫދު އެދިވަޑައިގެންފިއެވެ. ސުޕްރީމް ކޯޓުގެ ފަނޑިޔާރު މިކަމަށް އެދިވަޑައިގަތީ، ފެމިލީ ކޯޓަށް އަލަށް އައްޔަންކުރެއްވި ދެ ފަނޑިޔާރުން ހުވައި ކުރުމަށް ޖޭއެސްސީގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މިރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން، ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛް ޙުސްނުއްސުޢޫދު ވިދާޅުވީ، އާއިލާ އާއި ބެހޭ ކޯޓުގެ މަސައްކަތްތަކަކީ ޢާންމުކޮށް ޢާންމުންގެ ނަޒަރު ހުއްޓޭ މައްސަލަތަކެއް ނޫންކަމަށެވެ. ސަބަބަކީ އެ ކޯޓުން ކުރާ މަސައްކަތްތަކަކީ އެހެން ކޯޓްތަކާއި ތަފާތު މަސައްކަތްތަކެއްކަން ފާހަގަކުރައްވާ ފަނޑިޔާރު ސުޢޫދު ވިދާޅުވީ، ފެމިލީ ކޯޓަށް ހުށައެޅޭ މައްސަލަތައް ނިންމުމަށް ޢާންމުކޮށް 18 އަހަރު ދުވަސް ހޭދަވާކަމަށެވެ. އެގޮތުން ކުއްޖާ އުފަންވެ އެކުއްޖާ ބޮޑުވުމާއި ހަމައަށް ދާއިރުވެސް މައްސަލާއިގެ ހުކުމާއި ހަމައަށް ނުގޮސް ގިނަ މައްސަލަތަކެއް ހުންނަކަމަށާއި، އެ މުއްދަތުގެ ތެރޭގައިވެސް އާއިލާއާއި ބެހޭ މައްސަލަތަކަށް ހަގީގީ ހައްލެއް ނުހޯދޭކަމަށް ފަނޑިޔާރު ވިދާޅުވިއެވެ. ސަބަބަކީ އާއިލާއާއި ބެހޭ ކޯޓަށް ހުށައެޅޭ މައްސަލަތަކަކީ އާއިލީ މައްސަލަތަކެއްކަމަށް ވުމުންކަމަށާއި، އެހެންކަމުން އެފަދަ މައްސަލަތައް ހައްލުކުރުމަށް ފަސޭހަވަނީ ޤާނޫނަކަށްވުރެ ބޮޑަށް ސުލްހަވެރިކަމާއެކު ވާހަކަ ދައްކައިގެންކަމަށް ފަނޑިޔާރު ވިދާޅުވިއެވެ.

"ޢާއިލާއާއި ބެހޭ ކޯޓަށް ހުށައެޅޭ ގިނަ މައްސަލަތަކަކީ އާއިލާގެ މެދުގައި އުފެދޭ ނުވަތަ އިންސާނުންގެ މެދުގައި އުފެދޭ ޚިލާފްތަކެއް ނުވަތަ އާއިލީ ގުޅުމަށް ބުރޫއަރައިގެން އުފެދޭ މައްސަަލަތަކެއް. އެފަދަ މައްސަލަތަކަކީ ޤާނޫނަކުން ނުވަތަ ހުކުމަކަށްވުރެ ބޮޑަށް ވާހަކަ ދައްކައިގެން ސުލްހަވެރިކަމާއެކު ހައްލު ހޯދޭނެ މައްސަލަތަކެއް."ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛް ޙުސްނުއްސުޢޫދު ވިދާޅުވިއެވެ.

ފަނޑިޔާރު ސުޢޫދު ވަނީ ކޯޓުތަކުން ހުކުމް ކުރައްވާއިރު، އެ މައްސަލައެއް ހުކުމާއި ހަމައަށް ވާސިލްވި ގޮތް ތަފްސީލްކޮށް ހުކުމުގައި ބަޔާންކުރުމަށްވެސް އިލްތިމާސްކުރައްވާފައެވެ. ފަނޑިޔާރު ވިދާޅުވީ، ހުކުމުގައި ބަޔާންކުރާ ވާހަކަތައް މައްސަލަ ރައްދުވާ މީހާއަށް ފަހުމް ނުވުމުގެ ސަބަބުން، ކޯޓަށާއި، ފަނޑިޔާރުންނަށް ކުރާ އިތުބާރު ގެއްލޭ ހިސާބަށް ދާކަމަށެވެ. ނަމަވެސް ހުކުމުގައި ތަފްސީލްކޮށް ހުކުމާއި ހަމައަށް ވާސިލްވި ގޮތް ބަޔާންކޮށްފިނަމަ، ފަނޑިޔާރުންނަށް ބަދުބަސް ބުނުން ދުރުވެ އިތުބާރު އުފެދޭނެކަމަށް ފަނޑިޔާރު ސުޢޫދު ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޖޭއެސްސީގެ މެންބަރު އަދި ހައިކޯޓުގެ ފަނޑިޔާރު އަލްއުސްތާޛް ޢަލީ ސަމީރު ދެއްކެވި ވާހަކަފުޅުގައި ރާއްޖޭގައި ހުރި އެހެން ކޯޓުތަކާއި ޚިލާފަށް އާއިލާއާއި ބެހޭ ކޯޓަށް އެންމެ ގިނައިން މައްސަލަ ހުށައަޅަނީ އަންހެނުންކަމަށް ވިދާޅުވިއެވެ. އެގޮތުން ގިނައިން ހުށައަޅާ މައްސަލަތަކަކީ ދަރިފުޅަށް ޚަރަދު ނުދިނުމުގެ މައްސަލައާއި، ދަރިފުޅުގެ ޙަޟާނާތުގެ މައްސަލައާއި، ގެވެށި އަނިޔާގެ މައްސަލަތަކާއި، ފިރިމީހާ ކަންކުރާގޮތުން ވަރިިވުމަށް ހުށައަޅާ މައްސަލަތައްކަމަށްސް ސަމީރު ވިދާޅުވިއެވެ. ފަނޑިޔާރު ސަމީރު ވިދާޅުވީ، އާއިލާއާއި ބެހޭ ކޯޓަށް މައްސަލަ ހުށައަޅާ އަންހެނުންގެ ނިސްބަތް އިތުރުނަމަވެސް، އޭގެ ތެރެއިން ގިނަ އަންހެނުންނަކީ މާލީ ގޮތުން ތަނަވަސްކަން ނެތްބައެއްކަމަށެވެ. އެހެންކަމުން ފެމިލީ ކޯޓުގެ އިންތިޒާމްތައް ތަރުތީބުވެފައި ހުންނަންވާނީ އެފަދަ ފަރާތްތަކަށް ފަސޭހަ ގޮތަކަށްކަމަށް ފަނޑިޔާރު ސަމީރު ވިދާޅުވެފައެވެ.

" ފެމިލީ ކޯޓުގެ ދޮރުގައި ޓަކިޖަހާ ގިނަ އަންހެން ބޭފުޅުންނަކީ ވަރަށް ހިތްވަރުކޮށްގެން ފަރުވާ ހޯދުން ނޫން އިތުރު ގޮތެއް ނެތިގެން ކޯޓުގެ ދޮރުގައި ޓަކިޖަހާ ފަރާތްތަކެއް. އެހެންކަމުން ފެމިލީ ކޯޓުގެ ތަރުތީބުތައް ހުންނަންޖެހޭނީ މިފަދަ ފަރާތްތަކަށް ފަސޭހައިން ކޯޓާއި ހަމައަށް ވާސިލްވެވޭނެފަދަ ގޮތަކަށް. އެއީ މައްސަލަ ހުށައެޅޭނެ ގޮތްކަމުގައިވިޔަސް އަދި ކޯޓަށް ގޮސް ދައްކަންޖެހޭ ވާހަކަތައްކަމުގައި ވިޔަސް."ޖޭއެސްސީގެ މެންބަރު އަދި ހައިކޯޓުގެ ފަނޑިޔާރު އަލްއުސްތާޛް ޢަލީ ސަމީރު ވިދާޅުވިއެވެ.

ފަނޑިޔާރު ސަމީރު ވަނީ މިހާތަނަށް ފެމިލީ ކޯޓުގައި ފަނޑިޔާރުކަންކޮށްފައިވަނީ އެންމެ އަންހެން ފަނޑިޔާރެއްކަން ފާހަގަކުރައްވާ އަލަށް އައްޔަންކުރެވުނު އަންހެން ދެ ފަނޑިޔާރުންގެ އިތުރުން، އިތުރު އަންހެން ފަނޑިޔާރުންވެސް އައްޔަންކުރެވޭނެ ކަމަށް އުއްމީދުކުރެވޭކަމަށްވެސް ވިދާޅުވެފައެވެ. އާއިލާއާއި ބެހޭ ކޯޓުގައި އަންހެން ފަނޑިޔާރުން ނެތުމަކީ އާއިލީ އަދުލުގެ ނިޒާމަށް އޮތް ހީނަރުކަމެއްކަމަށްވެސް ފަނޑިޔާރު ސަމީރު ވިދާޅުވިއެވެ.

އާއިލާއާއި ބެހޭ ކޯޓަށް އަލަށް އައްޔަންކުރެއްވި ދެ ފަނޑިޔާރުންނަކީ ފަނޑިޔާރު އަލްއުސްތާޛާ ޒަޢީމާ ނަޝީދު އަބޫބަކުރާއި، ފަނޑިޔާރު އަލްއުސްތާޛާ މަޢީޝާ ޔޫސުފްއެވެ.