ޚަބަރު

ފަތުހު ގްރޫޕުގެ ހައްޖުވެރިން ހައްޖަށް ފޮނުވަން ދައުލަތުން ކުރި ޚަރަދު ދޭން ސުޕްރީމް ކޯޓުން ޙުކުމްކޮށްފި


އަލްފަތުހު ހައްޖު އެންޑް އުމްރާ ގްރޫޕުން ހައްޖަށް ގެންދާނެ ކަމަށް ބުނެ ގިނަބައެއްގެ އަތުން ފައިސާ ނެގުމަށްފަހު އެއަށް ޚިޔާނާތްތެރިވި މައްސަލައިގައި، އެމީހުން ޢުމްރާއަށް ފޮނުވުމަށް ދައުލަތުން ޚަރަދުކުރި 6 މިލިއަން ރުފިޔާ ދެއްކުމަށް ސުޕްރީމް ކޯޓުން ޢަމުރުކޮށްފިއެވެ.

މީގެ ހަތް އަހަރު ކުރިން 2014 ވަނަ އަހަރު ފަތުހު ގްރޫޕުން ހައްޖަށް ގެންގޮސްދޭނެކަމަށް ބުނެ 121 މީހެއްގެ އަތުން މަކަރާ ހީލަތް ހަދައިގެން ފައިސާ ނަގާފައިވާ މައްސަލާގައި، ދައުލަތުން ވަނީ އެ ހުރިހާ އެންމެ ދައުލަތުގެ ޚަރަދުގައި ހައްޖަށް ގެންގޮސްފައެވެ. އެގޮތުން އެމީހުންގެ ދެކޮޅު ޓިކެޓާއި ކެއުމާއި، މައްކާގައި ތިބުމުގެ ޚަރަދުވެސް ސަރުކާރުން ވަނީ ހަމަޖައްސާދިފައެވެ.

މިގޮތުން އެމީހުން ޙައްޖަށް ގެންދިއުމަށް ދައުލަތުން ޚަރަދުކުރި 6،722،408 (ހަ މިލިއަން ހަތް ލައްކަ ބާވިސް ހާސް ހަތަރުސަތޭކަ އަށް) ރުފިޔާ ދައުލަތަށް ދެއްކުމަށް ފަތުހު ގުރޫޕުން ކުރިން އެއްބަސްވެފައިވެއެވެ. އަދި އެކުންފުންޏަށް އެ ފައިސާ ކުންފުންޏަށް ނުދެއްކިއްޖެނަމަ އަމިއްލައަށްވެސް އެފައިސާ ދައްކާނެކަމަށް ފަތުހު ގްރޫޕުގެ މެނޭޖިންގ ޑިރެކްޓަރ މުސްޠަފާ މުޙައްމަދު ދީދީ ހައި ކޯޓުގައި އެއްބަސްވެފައިވެއެވެ.

މި މައްސަލާގައި އެންމެ ފުރަތަމަ ސިވިލް ކޯޓުން ހުކުމް ކުރީ ދައުލަތުން ހޯދަން އެދުނު ފައިސާއަކީ ފަތުހު ގްރޫޕުން ޚިޔާނާތްތެރިވެފައިވާ ފައިސާއަކަށް ނުވާތީ އެފައިސާ ދައްކަން ނުޖެހޭނެކަމަށެވެ. ނަމަވެސް އެ ހުކުމް ބަދަލުކޮށް ހައިކޯޓުން ފަހުން ކުރި ހުކުމުގައި ވަނީ އެފައިސާ ދައްކަން ޖެހޭނެކަމަށް ކަނޑައަޅައި ފަތުހު ގްރޫޕްގެ މެނޭޖިންގ ޑިރެކްޓަރ މުސްޠަފާ މުޙައްމަދު ދީދީ އަމިއްލަ ހައިސިއްޔަތުން ޒިންމާ ކުރުވާފައެވެ.

މި މައްސާލަގައި މިއަދު ސުޕްރީމް ކޯޓުން ކުރި ޙުކުމުގައި ވަނީ ފަތުހު ގްރޫޕަށް ހައްޖަށް ދިއުމަށް ފައިސާ ދައްކާފައިވާ މީހުންގެ ފައިސާއަށް ޚިޔާނާތްތެރިވުމުން، ދައުލަތުން އެމީހުން ހައްޖަށް ގެންދިއުމަށް ކޮށްފައިވާ ޚަރަދުކަމަށްވާ ހަ މިލިއަން ހަތް ލައްކަ ބާވިސް ހާސް ހަތަރުސަތޭކަ އަށް ރުފިޔާއަކީ ފަތުހު ގްރޫޕާއި، އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ މުސްޠަފާ މުޙައްމަދު ދީދީ އެކުއެކީ އަދި ވަކިވަކީން ދައުލަތަށް ދައްކަންޖެހޭ ފައިސާއެއްކަމަށް ކަނޑައަޅަކަމަށެވެ. އަދި އެ ފައިސާ މިއަދުން ފެށިގެން ހަ މަސްދުވަހުގެ ތެރޭގައި އެ މަހަކަށް ޖެހޭވަރެއް ސިވިލް ކޯޓަށް ދައްކައި ޚަލާސްކުރުމަށް އަލް ފަތުހު ގްރޫޕްގެ މައްޗަށާއި، އެ ގްރޫޕްގެ މެނޭޖިންގ ޑިރެކްޓަރ މުސްޠަފާ މުޙައްމަދު ދީދީގެ މައްޗަށް ޢަމުރުކުރާކަމަށްވެސް ފަނޑިޔާރު ޑރ.މ،ުޙައްމަދު އިބްރާހީމް ކުރެއްވި ޙުކުމުގައިވެއެވެ.

ފަނޑިޔާރު ޑރ.އިބްރާހީމް މުޙައްމަދުގެ މި ރަޢުޔަށް ފަނޑިޔާރު ޙުސްނުއްސުޢޫދާއި، ފަނޑިޔާރު ޢަލީ ރަޝިދު ޙުސައިން ވަނީ ތާޢީދުކުރައްވާފައެވެ.