ޚަބަރު

ވިލާތުގެ ބޮޑެތި ޤައުމުތަކުން އޮމިކްރޯން ފެނިއްޖެ


ކޯވިޑް-19ގެ ނުރައްކާތެރި އަދި ވާރުތަވުމުގެ ބާރުގަދަ އައު ވައްތަރުކަމަށްވާ އޮމިކްރޯން ވޭރިއެންޓު ވިލާތުގެ ބޮޑެތި ޤައުމުތައްކަމަށްވާ އިނގިރޭސިވިލާތާއި ޖަރުމަންވިލާތާއި އިޓަލީވިލާތުން ފެނިއްޖެއެވެ.

ކޯވިޑް-19ގެ އައު ވައްތަރެއް ފެތުރެން ފެށުމުން އަނެއްކާވެސް ބޮޑު ބިރުވެރިކަމެއް ދުނިޔެއަށްވަނީ ކުރިމަތިވެފައެވެ. އެ ގޮތުން ބަލީގެ އައު ވައްތަރު އެންމެ ފުރަތަމަ ފެނުނު ދެކުނު އެފްރިކާއަށް ދަތުރުކުރުން މަނާކުރުމުގެ އިތުރުން ދުނިޔޭގެ ޙިއްޞާގެ ބާޒާރުތަކަށް ފާއިތުވި އެއް އަހަރުދުވަހުގެ ތެރޭގައި ނާންނަވަރުގެ ލޮޅުމަކާވަނީ ކުރިމަތިލާން ޖެހިފައެވެ. އަދި ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގުވަނީ ވެއްޓިފައެވެ.

އޮމިކްރޯން އެންމެ ފުރަތަމަ ފެނުނު ދެކުނު އެފަރިކާއާއި އެ ޤައުމު ކައިރީގައި އޮންނަ އިތުރު ޤައުމުތަކަށް ދަތުރުކުރުން ދުނިޔޭގެ 20 ޤައުމަކުންވަނީ މަނާކޮށްފައެވެ. އެ ގޮތުން އިނގިރޭސިވިލާތުގެ ޞިއްޙަތާބެހޭ ވަޒީރު ސާޖިދު ޖާވިދު ވިދާޅުވި ގޮތުގައި އެ ޤައުމުގައި އޮމިކްރޯން ޖެހިފައިވަނީ ދެކުނު އެފްރިކާއިން ދަތުރުކުރި ބައެއްގެ ސަބަބުންކަމަށެވެ. އެއާއެކު އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ބޮރިސް ޖޮންސަންވަނީ ޓީވީ މެދުވެރިކޮށް ޢާއްމުންނާ މުޙާތަބުކުރައްވައި އަނެއްކާވެސް ރައްކާތެރިކަމުގެ ފިޔަވަޅުތަކެއް އަޅަންޖެހިފައިވާކަން އިޢުލާންކުރައްވައިފައެވެ. އެ ގޮތުން އިނގިރޭސިވިލާތުން އެންމެ ހަރުކަށި ފިޔަވަޅުތަކެއް އެޅުމަށް ނިންމާފައިވަނީ އެ ޤައުމަށް އެތެރެވާ މީހުންނާ ދެކޮޅަށެވެ. ޖޮންސަންވަނީ އެ ޤައުމަށް އެތެރެވާ މީހުން ބައްޔަށް ތަޙްލީލުކުރަން ޖެހޭނެކަމަށާއި އެ ޤައުމުގެ ހުރިހާ ސަރަޙައްދެއްގައި މާސްކު އަޅަންޖެހޭނެކަމަށް ވިދާޅުވެފައެވެ.

ވިލާތުގައި އެންމެ ބޮޑު އާބާދީއެއް އޮންނަ އެއް ޤައުމުތަކަށްވާ އޮމިކްރޯން ފެނުމުން އެ ޤައުމުގެ ސަރުކާރުންވަނީ ޚާއްޞަ ފިޔަވަޅުތަކެއް އެޅުމަށް ނިންމައިފައެވެ. ޖަރުމަންވިލާތުންވެސް ބުނެފައިވަނީ އެ ޤައުމުގައި އޮމިކްރޯން ޖެހިފައިވަނީ ދެކުނު އެފްރިކާއިން ދަތުރުކުރި ބައެއްގެ ސަބަބުންކަމަށެވެ. ނަމަވެސް އޮމިކްރޯން ފެނިފައިވާ އިޓަލީވިލާތުން ބުނެފައިވަނީ އެ ޤައުމަށް ކޯވިޑް-19ގެ ނުރައްކާތެރި ވައްތަރު އެތެރެވެފައިވަނީ މޮޒަންބީކުން ދަތުރުކުރި ބައެއްގެ ސަބަބުންކަމަށެވެ. އޭގެ އިތުރުން ބެލްޖިޔަމުންނާއި ބޮޓްސްވާނާއިންނާއި އިސްރާއީލުންނާއި ހޮންގް ކޮންގުންވެސްވަނީ އޮމިކްރޯން ޖެހިފައިވާ މީހުން ފެނިފައެވެ. އަދި އެނޫން ބައެއް އެހެން ޤައުމުތަކުންވަނީ އޮމިކްރޯން ޖެހިފައިވާކަމަށް ޝައްކުކުރެވޭ މީހުން ބައްޔަށް ތަޙްލީލުކުރަން ފަށައިފައެވެ.

ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާއިން ބުނެފައިވާ ގޮތުގައި އޮމިކްރޯނުގެ ވާރުތަވުމުގެ ބާރާއި އޭގެ ނުރައްކާތެރިކަމާމެދު ކަނބޮޑުވާން ޖެހޭކަމަށެވެ. އެ ގޮތުން އޮމިކްރޯނަކީ އިންޑިޔާއިން އެންމެ ފުރަތަމަ ފެނުނު ޑެލްޓާ ވޭރިއެންޓަށްވުރެ ނުރައްކާތެރިކަން އެތައް ގުނައެއް ބޮޑު ވައްތަރެއްކަމަށްވެސް ޞިއްޙީ ތަޖުރިބާކާރުންވަނީ ބުނެފައެވެ. ނަމަވެސް އޮމިކްރޯނުން ސަލާމަތްވުމަށް ކުއްލި ނިންމުންތައް ނުނިންމުން މުޙިއްމުކަމަށް ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާއިންވަނީ ބުނެފައެވެ.

އޮމިކްރޯނަކީ ކަންބޮޑުވާން ޖެހޭ ކޯވިޑް-19ގެ ފަސްވަނަ ވައްތަރެވެ. އޮމްރިކޯނުގެ ބާރުގަދަކަން އެނގުނު ނަމަވެސް އެ ވައްތަރު ދިރާސާކޮށް އެޅޭނެ ފިޔަވަޅުތައް ދެނެގަތުމަށް ހަފުތާތަކެއް ހޭދަވާނެކަމަށް ބެލެވެއެވެ. ކޯވިޑް-19ގެ ނުރައްކާތެރި އައު ވައްތަރެއް ފެނިފައިވަނީ ފިނި މޫސުމާ ދިމާކޮށެވެ. އެހެންކަމުން ދުނިޔޭގައި ބަލިމަޑުކަން ފެތުރެން ފަސޭހަވާނެކަމަށްވެސް ބެލެވެއެވެ.

ފާއިތުވި ދެ އަހަރުގެ ތެރޭގައި ދުނިޔޭގެ އެކި ޤައުމުތަކުން ޖުމުލަ 261 މިލިޔަން މީހުންނަށް ކޯވިޑް-19 ޖެހި 5.4 މިލިޔަން މީހުންވަނީ މަރުވެފައެވެ.