ކޯވިޑް-19އާ ދެކޮޅަށް ޗައިނާގައި އަޅާފައިވާ ރައްކާތެރިކަމުގެ ހަރުކަށި ފިޔަވަޅުތަކަށް ލުއިތަކެއް ދީފިނަމަ ދުވާލެއްގެ މައްޗަށް 630,000 މީހުންނަށް ބަލިޖެހުމުގެ ފުރުޞަތު އޮތްކަމަށް ދިރާސާއަކުން ދައްކައިފިއެވެ.
ޗައިނާގެ ޕެކިން ޔުނިވާސިޓީގައި މަސައްކަތްކުރާ ހިސާބު ޢިލުމުގެ ތަޖުރިބާކާރުން ކުރި ދިރާސާގައި ބުނެފައިވަނީ ކޯވިޑް-19އާ ދެކޮޅަށް ފެންވަރު ރަނގަޅު ވެކްސިންނެއް ނުވަތަ ބައްޔަށް އެކަށީގެންވާ ފަރުވާއެއް ނުހޯދައި އެ ޤައުމުގައި އަޅާފައިވާ ރައްކާތެރިކަމުގެ ހަރުކަށި ފިޔަވަޅުތަކަށް ލުއިތަކެއް ދެވެން ނެތްކަމަށެވެ. ޗައިނާގެ ސެންޓަރ ފޮރ ޑިސީސް ކޮންޓުރޯލް އެންޑު ޕުރެވެންޝަނުގެ ހަފުތާ މަޖައްލާގައި ޝާއިރުކޮށްފައިވާ ދިރާސާގައި ބުނެފައިވަނީ ޚާއްޞަކޮށް ދަތުރުފަތުރުކުރުމާ ގުޅޭގޮތުން އަޅާފައިވާ ފިޔަވަޅުތަކަށް ލުއިތަކެއް ދިނުމަކީ އެންމެ ރައްކާތެރި ގޮތް ނޫންކަމަށެވެ.
މިދިޔަ އޮގަސްޓު މަހުގެ ނިޔަލަށް އެމެރިކާއާއި އިނގިރޭސިވިލާތާއި ފަރަންސޭސިވިލާތާއި ސުޕެއިންނާއި އިސްރާއީލުގައި އަޅާފައިވާ ފިޔަވަޅުތަކާއި އެ ޤައުމުތަކުގެ ކޯވިޑް-19ގެ ޙާލަތު ދިރާސާކުރުމަށް ޕެކިން ޔުނިވާސިޓީގެ ތަޖުރިބާކާރުން ބުނެފައިވަނީ ޗައިނާގެ ޙާލަތާއި އެ ޤައުމުތަކުގެ ޙާލަތު ތަފާތުކަމަށެވެ. އެ ގޮތުން އިނގިރޭސިވިލާތުގައި އަޅާފައިވާފަދަ ފިޔަވަޅުތަކެއް އަޅައިފިނަމަ ޗައިނާގައި ދުވާލެއްގެ މައްޗަށް 275,793 މީހުންނަށް ބަލިޖެހޭނެކަމަށާއި ފަރަންސޭސިވިލާތުގައި އަޅާފައިވާފަދަ ފިޔަވަޅުތަކެއް އަޅައިފިނަމަ ޗައިނާގައި ދުވާލެއްގެ މައްޗަށް 454,198 މީހުންނަށް ބަލިޖެހޭނެކަމަށް އެ ދިރާސާގައި ފާހަގަކޮށްފައިވެއެވެ. އަދި އެ ކަމުގެ ސަބަބުން ޗައިނާގެ ޞިއްޙީ ނިޒާމަށް ނުއުފުލުނޭފަދަ ބޮޑު ބުރައެއް އުފުލަން ޖެހޭނެކަމަށްވެސް އެ ދިރާސާގައި ބުނެފައިވެއެވެ.
ދުނިޔޭގައި އެންމެ ފުރަތަމަ ކޯވިޑް-19 ފެތުރެން ފެށުނު ޗައިނާގައި އަލާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ދެ އަހަރުދުވަސް ފާއިތުވި ނަމަވެސް ބޮޑު ލުއިތަކެއް ދީފައެއް ނުވެއެވެ. އެ ގޮތުން އެ ޤައުމުގެ އަވަށަކުން ބަލިޖެހިފައިވާ މީހެއް ފެނިއްޖެނަމަ މުޅި ސަރަޙައްދު ބަންދުކޮށް އެ ސަރަޙައްދުގައި ދިރިއުޅޭ ހުރިހާ އެންމެން ބައްޔަށް ތަޙްލީލުކުރެއެވެ. އަދި ބަލިޖެހިފައިވާ މީހުންނަށް ފަރުވާދެނީ މުޖުތަމަޢުއާ އެކަހެރިކުރުމަށްފަހުއެވެ. ފާއިތުވި ދުވަސްތަކުގައި ޗައިނާގައި ބަލިޖެހިފައިވަނީ ދުވާލެއްގެ މައްޗަށް 25 މީހުންނަށްކަމަށް އެ ޤައުމުގެ ޞިއްޙަތާބެހޭ ވުޒާރާއިން ބުނެއެވެ.