ޚަބަރު

އަލީ ވަހީދަށް 3 ދުވަސް، ހާޒިރުނުވެއްޖަނަމަ އަސްހަދަށް ފިޔަވަޅު އަޅަނީ


ކުރީގެ ޓުއަރިޒަމް މިނިސްޓަރ އަލީ ވަހީދުގެ ކުރިޔަށް އޮތް 3 ދުވަހުގެ ތެރޭގައި ކޯޓަށް ހާޒިރުނުވެއްޖެނަމަ އޭނާގެ ބަދަލުގައި ކޯޓުގައި ޖާމިނުވި ޔޫތް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަސްހަދު އަލީ އަށް ފިޔަވަޅު އަޅަން ކްރިމިނަލްކޯޓުން ނިންމައިފިއެވެ.

އަލީ ވަހީދު ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ފުރީ އޭނާގެ މައްޗަށް ތުހުމަތުކުރެވުނު ޖިންސީ ގޯނާގެ މައްސަލައިގެ ޝަރީއަތަށް ކޯޓުގައި ފަށައިފައިވަނިކޮށެވެ. ބޭސް ފަރުވާއަށް އަލީ ވަހީދު ފުރަން ކޯޓުން އޭނާގެ ޕާސްޕޯޓް ދޫކޮށްލީ އަސްހަދު އަލީ ޖާމިނުވުމުންނެވެ. އަސްހަދު ޖާމިނުވެފައިވަނީ ހަތަރު މަސްދުވަހުގެ ތެރޭގައި އަލީ ވަހީދު ރާއްޖެ ނައިސްފިނަމަ ޒިންމާ އަސްހަދު ނަގާ ގޮތަށެވެ. އެހެންނަމަވެސް މިދިޔަ ފެބްރުއަރީ މަހު ރާއްޖެއިން ބޭރަށް ދިޔަ ގޮތަށް އަލީ ވަހީދު ދިރިއުޅެމުން އަންނަނީ އިނގިރޭސިވިލާތުގައެވެ.

ޓުއަރިޒަމް މިނިސްޓްރީގެ މުވައްޒަފުންތަކަކަށް ޖިންސީ ގޯނާ ކުރި މައްސަލާގައި އަލީ ވަހީދުގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ އަޑުއެހުންތައް މީގެކުރިން ސިއްރުން ކުރިޔަށް ގެންދިޔަނަމަވެސް މިއަދުގެ އަޑުއެހުން ކްރިމިނަލް ކޯޓުން ވަނީ ލައިވްކޮށްފައެވެ. އަދި މިއަދުގެ އަޑުއެހުން ކުރިޔަށް ގެންދިޔައީ އަސްހަދު އަލީވެސް ހާޒިރުކޮށްގެންނެވެ.

މިއަދުގެ އަޑުއެހުމުގައި ވާހަކަދައްކަވަމުން މައްސަލަ ބައްލަވާ ގާޒީ ވިދާޅުވީ ބޭރުގައި ހުރެގެން އަލީ ވަހީދަށް ޝަރީއަތުގައި ބައިވެރިވޭނެ އިންތިޒާމު ހަމަޖައްސާދިނީ އެނާ ހުށައެޅުއްވި ލިޔުންތަކަށް ރިއާޔަތްކޮށެވެ. އަދި ބޭސްފަރުވާއަށް ބޭނުންވާ ވަގުތު މިހާރު ދެވިއްޖެކަންވެސް ގާޒީ ފާހަގަކުރެއްވިއެވެ.

މަތީ ކޯޓްތަކަށްވެސް އަލީ ވަހީދު ހާޒިރުނުވެ އެކޯޓްތަކުގެ ހުރުމަތް ކަޑާފައިވާކަން ފާހަގަކުރައްވާ ގާޒީ ވިދާޅުވީ ދެން މި މައްސަލާގައި އަޑުއެހުންތައް އޮންލައިންކޮށް ކުރިޔަށް ނުގެންދެވޭނެކަމަށެވެ. ގާޒީ މި ގޮތަށް ނިންމެވީ ސުޕްރީމްކޯޓުން ނެރެފައިވާ އަމުރަށް ރިއާޔަތްކުރައްވައެވެ.

ގާޒީ ވަނީ އަލީ ވަހީދު ކޯޓަށް ހާޒިރުވުމަށް 3 ދުވަހުގެ މުއްދަތެއް ދެއްވާފައެވެ. އަދި އެ މުއްދަތުގެ ތެރޭގައި އަލީ ވަހީދު ކޯޓަށް ހާޒިރުނުވެއްޖެނަމަ އަސްހަދަށް ފިޔަވަޅު އަޅާނެކަމަށްވެސް ގާޒީ ވިދާޅުވިއެވެ.

ގާޒީގެ މި ވާހަކަތަކާއި ގުޅިގެން އަސްހަދު ވިދާޅުވީ އޭނާ އަލީ ވަހީދާއި ޖާމިނުވީ ހަތަރު މަސްދުވަހަށްކަމަށާއި އެ ހަތަރު މަސްދުވަހު އޮންލައިންކޮށް އޭނާ ކޯޓަށް ހާޒިރުކޮށްދީފައިވާނެކަމަށެވެ. އަދި މިހާރު އަލީ ވަހީދު ކޯޓަށް ހާޒިރުނުވުމަކީ ޒިންމާވާން ޖެހޭކަމެއް ނޫންކަމަށްވެސް އަސްހަދު ވިދާޅުވިއެވެ.

މައްސަލަ ބައްލަވާ ގާޒީ ވިދާޅުވީ އަސްހަދަށް ފިޔަވަޅު އަޅާނީ ކޯޓް ހުރުމަތް ރައްކާތެރިކުރުމުގެ ޤަވައިދުގެ ދަށުންކަމަށެވެ. އެ ޤަވައިދު ބުނާގޮތުން 4 އަދަބެއް ކަނޑައެޅޭނެއެވެ. އޭގެތެރޭގައި އެއް އަހަރަށްވުރެ ދިގު ނޫން މުއްދަތަކަށް ޖަލަށްލުމާއި 2 އަހަރަށް ވުރެ ދިގު ނޫން މުއްދަތަކަށް ގޭގައި ބަންދުކުރުމާއި 15،000 ރުފިޔާއަށްވުރެ ބޮޑު ނޫން އަދަދަކުން ޖޫރިމަނާކުރުން ހިމެނެއެވެ.

ޢަލީ ވަޙީދުގެ މައްޗަށް އުފުލާފައިވާ ދަޢުވާތައް

  • 1. ޖިންސީ އަނިޔާ ކުރުމުގެ ކުށުގެ ދަޢުވާ.
  • 2. ރޭޕްކުރަން އުޅުމުގެ ކުށުގެ ދަޢުވާ.
  • 3. ބޭއަދަބީ ގޮތުގައި ޖިންސީ ގުނަވަން ހާމަކުރުމުގެ ކުށުގެ ދަޢުވާ.
  • 4. ޖިންސީ ގޯނާކުރުމުގެ ކުށުގެ ދަޢުވާ.
  • 5. ޖިންސީ ގޯނާކުރަން އުޅުމުގެ ކުށުގެ ދަޢުވާ.
  • 6. ހުއްދަނޫން ޖިންސީ މުޢާމަލާތެއް ހިންގުމަށް އެދުމުގެ ކުށުގެ 2 ދަޢުވާ.

މަސައްކަތުގެ މާޙައުލުގައި ހިނގައިގެން ނުވާނެފަދަ އަޚްލާގީ މައްސަލަތަކެއް ޓުއަރިޒަމް މިނިސްޓްރީގައި ހިންގާފައި ވާކަމުގެ ޝަކުވާ އެމިނިސްޓްރީގެ މުވައްޒަފުންތަކެއް ރައީސުލްޖުމްހޫރިއްޔާއަށް ހުށަހެޅުމާއި ގުޅިގެން ވަޒީރުކަމުން އިސްތިއުފާދެއްވުމަށް ޢަލީ ވަޙީދު އެންގެވިއެވެ. އެހެންނަމަވެސް ޢަލީ ވަޙީދު މަޤާމުން އިސްތިއުފާނުދެއްވުމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ޓްއަރިޒަމް މިނިސްޓްރީގެ ވަޒީރުކަމުން މިދިޔަ އަހަރުގެ ޖުލައި މަހުގެ 9 ވަނަދުވަހު އޭނާ ވަކިކުރައްވާފައެވެ.

ކުރީގެ ރައީސް ޢަބްދުﷲ ޔާމީންގެ ވެރިކަމުގައިވެސް އަމިއްލަ ފުޅަށް އަރުވާލެވިގެން އިނގިރޭސިވިލާތުގައި ޢަލީ ވަޙީދު ހުންނެވިއެވެ.