ކޯވިޑް-19ގެ ނުރައްކާތެރި އަދި ވާރުތަވުމުގެ ބާރުގަދަ އައު ވައްތަރެއް ފެތުރެން ފެށުމުން އަނެއްކާވެސް ބޮޑު ބިރުވެރިކަމެއް ދުނިޔެއަށް ކުރިމަތިވެއްޖެއެވެ. އެ ގޮތުން ބަލީގެ އައު ވައްތަރު އެންމެ ފުރަތަމަ ފެނުނު ދެކުނު އެފްރިކާއަށް ދަތުރުކުރުން މަނާކުރުމުގެ އިތުރުން ދުނިޔޭގެ ޙިއްޞާގެ ބާޒާރުތަކަށް ފާއިތުވި އެއް އަހަރުދުވަހުގެ ތެރޭގައި ނާންނަވަރުގެ ލޮޅުމަކާވަނީ ކުރިމަތިލާން ޖެހިފައެވެ. އަދި ދުނިޔޭގެ ބާޒާރުގައި ތެޔޮ ފީފާއެއްގެ އަގުންވަނީ 10 އެމެރިކާ ޑޮލަރު ކުޑަވެފައެވެ.
ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާއިން ބުނެފައިވާ ގޮތުގައި ކޯވިޑް-19ގެ އައު ވައްތަރެއްކަމަށްވާ އޮމިކްރޯން ވޭރިއެންޓަކީ ވާރުތަވުމުގެ ބާރުގަދަ އަދި އޭގެ ނުރައްކާތެރިކަމާމެދު ކަނބޮޑުވާން ޖެހޭކަމަށެވެ. އެ ގޮތުން އޮމިކްރޯނަކީ އިންޑިޔާއިން އެންމެ ފުރަތަމަ ފެނުނު ޑެލްޓާ ވޭރިއެންޓަށްވުރެ ނުރައްކާތެރިކަން އެތައް ގުނައެއް ބޮޑު ވައްތަރެއްކަމަށްވެސް ޞިއްޙީ ތަޖުރިބާކާރުންވަނީ ބުނެފައެވެ. ނަމަވެސް އޮމިކްރޯނުން ސަލާމަތްވުމަށް ކުއްލި ނިންމުންތައް ނުނިންމުން މުޙިއްމުކަމަށް ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާއިންވަނީ ބުނެފައެވެ.
ޞިއްޙީ ތަޖުރިބާކާރުން ބުނާ ގޮތުގައި ކުރިން ޢަމަލުކުރި ގޮތަށް ދަތުރުފަތުރުކުރުން ހުއްޓާލައިގެން އޮމިކްރޯނުން ސަލާމަތްވުން ނާދިރުކަމަށެވެ. އެ ގޮތުން އެ ކަމުގެ މިސާލަކަށް ތަޖުރިބާކާރުން ދައްކައިފައިވަނީ ދެކުނު އެފްރިކާއިން އެންމެ ފުރަތަމަ ފެނުނު ބަލީގެ އައު ވައްތަރު އެހެން ޤައުމަކަށް ފެތުރިފައިވާކަމެވެ. ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އެފްރިކާގައި އޮންނަ ބޮޓްސްވާނާއިންނާއި ވިލާތުގައި އޮންނަ ބެލްޖިޔަމުންނާއި މެދުއިރުމަތީގައި އޮންނަ އިސްރާއީލުންނާއި އޭޝިޔާގައި އޮންނަ ހޮންގް ކޮންގުންވަނީ އޮމިކްރޯން ފެނިފައެވެ. އެހެންކަމުން ތަޖުރިބާކާރުން ބުނާ ގޮތުގައި ދަތުރުފަތުރުކުރުން ހުއްޓާލަން މިހާރު ލަސްވެއްޖެއެވެ.
އޮމިކްރޯނަކީ ކަންބޮޑުވާން ޖެހޭ ކޯވިޑް-19ގެ ފަސްވަނަ ވައްތަރެވެ. އޮމްރިކޯނުގެ ބާރުގަދަކަން އެނގުނު ނަމަވެސް އެ ވައްތަރު ދިރާސާކޮށް އެޅޭނެ ފިޔަވަޅުތައް ދެނެގަތުމަށް ހަފުތާތަކެއް ހޭދަވާނެކަމަށް ބެލެވެއެވެ. ކޯވިޑް-19ގެ ނުރައްކާތެރި އައު ވައްތަރެއް ފެނިފައިވަނީ ފިނި މޫސުމާ ދިމާކޮށެވެ. އެހެންކަމުން ދުނިޔޭގައި ބަލިމަޑުކަން ފެތުރެން ފަސޭހަވާނެކަމަށްވެސް ބެލެވެއެވެ.
ފާއިތުވި ދެ އަހަރުގެ ތެރޭގައި ދުނިޔޭގެ އެކި ޤައުމުތަކުން ޖުމުލަ 261 މިލިޔަން މީހުންނަށް ކޯވިޑް-19 ޖެހި 5.4 މިލިޔަން މީހުންވަނީ މަރުވެފައެވެ.