ކުޅިވަރު

މާދަމާގެ މެޗަކީ ބޮޑު ޗެލެންޖެއް، އުނދަގޫ މެޗެއް – ރިކީ ހާރބަޓް


ބަނގްލަދޭޝްއާއި ދެކޮޅަށް ކުޅޭ މެޗަކީ ބޮޑު ޗެލެންޖެއްކަމަށް ދިވެހި ޓީމްގެ ކޯޗު ރިކީ ހާރބަޓް ބުނެފިއެވެ. ސާފް ސުޒުކީކަޕްގައި ރާއްޖެ ކުޅޭ ދެވަނަ މެޗުގައި މާދަމާ ބަނގްލަދޭޝްއާއި ދެކޮޅަށް ނިކުންނަން ޖެހޭ މެޗާއި ގުޅޭގޮތުން ކޯޗު ބުނީ އެއީ އުނދަގޫ މެޗެއްކަމަށާއި، ޗެލެންޖް ބޮޑުކަމަށެވެ." ވަރަށް ބޮޑު ޗެލެންޖެއް. ވަރަށް މުޙިންމު މެޗެއް. ދެޓީމަށްވެސް މެޗު މުޙިންމު. ބަނގްލަދޭޝް ކޮޅަށް އަފްޣާނިސްތާނުން 4 ލަނޑު ޖެހިއަސް އެއީ ބަލި ޓީމެއް ނޫން. ބަނގްލަދޭޝްއަކީ ރަނގަޅު ޓީމެއް. މެޗު އުނދަގޫވާނެ. އެއީ ވަރުގަދަ އުނދަގޫ ޓީމެއް. " މިއަދު އޮތް ޕްރެކްޓިސްއަށްފަހު ކޯޗު ބުންޏެވެ.މާދަމާގެ މެޗުގައި ދިވެހި ޓީމުން ބޭނުންކުރާނީ ބޫޓާންއާއި ދެކޮޅަށް ކުޅުނު މެޗުގެ ފުރަތަމަ އެގާރަތޯ ސުވާލުކުރުމުން ކޯޗު ބުނީ އަދި ނޭންގޭ ކަމަށާއި، ފަހަރެއްގައި ބަދަލުވެދާނެކަމަށެވެ. ލިބޭ ފުރުޞަތުތައް ނިންމާލުމަށް މިއަދުގެ ޕްރެކްޓިސްގައިވެސް ކޯޗު ވަނީ ޚާއްޞަ ސަމާލުކަމެއް ދީފައެވެ. މާދަމާވެސް ޓީމް ކުޅޭނީ ބޫޓާން މެޗުގައި ކުޅުނު ގޮތަށްކަމަށްވެސް ކޯޗު ބުންޏެވެ. މެޗު ފަށާނީ ރާއްޖެ ގަޑިން ތިނެއް ޖަހާއިރުއެވެ. މެޗު ޓީވީއެމްއިން ވަގުތުން ދައްކާނެއެވެ. އަދި މެޗު ހިނގަމުންދާގޮތް ދިވެހިރާއްޖޭގެ އަޑުން ދުރަށް ފޮނުވާނެއެވެ.