ޚަބަރު

ނިޔާމަބޯޓުގައި އަލިފާން ރޯވެ، ބޭނުން ނުކުރެވޭ ވަރަށް އަނދައިފި


ބ. އަތޮޅާއި މާލެއާ ދެމެދު ދަތުރުކުރާ "ނިޔާމަ" ބޯޓުގައި ރޭ ދަންވަރު އަލިފާން ރޯވެ ބޯޓު ބޭނުން ނުކުރެވޭ ވަރަށް އަނދައިފިއެވެ.މި އަލިފާނުގެ ހާދިސާ ހިނގިއިރު ބޯޓުގައި ބަންގްލަދޭޝްގެ ފަސް މީހަކު ތިބި ކަމަށާއި، އެ މީހުންނަށް އެއްވެސް ގެއްލުމެއް ނުލިބޭ ކަމަށް ފުލުހުން މައުލޫމާތުދެއްވައެވެ. ފުލުހުން ވިދާޅުވީ، ބޯޓުގައި ރޯވީ ތުޅާދޫ ބަނދަރުގައި އޮއްވައި ރޭ ދަންވަރު ދެ ގަޑި ތިރީސް އެހާކަންހާއިރު ކަމަށާއި، ބޯޓުގައި ރޯވި އަލިފާންގަނޑު ނިއްވާލެވުނީ، ރޭ ފަތިހު ކަމަށެވެ. އަދި ބޯޓު އެނދިއިރު ބޯޓުގައި މާގިނަ މުދަލެއް ނެތްކަމަށްވެސް ފުލުހުން ވިދާޅުވެއެވެ. އެހެންނަމަވެސް ބޯޓު އެނދުމާއި ގުޅިގެން 1.5 މިލިއަނާ ގާތްކުރާވަރުގެ ގެއްލުން ލިބިފައިވާ ކަމަށް ބޯޓުގެ ވެރިފަރާތުން މައުލޫމާތުދެއެވެ.ބޯޓުގައި ރޯވި މައްސަލަ ފުލުހުން މިހާރު ދަނީ ތަހްގީގް ކުރަމުންނެވެ. ނިޔާމަ ބޯޓަކީ ގާތްގަނޑަކަށް 80 ފޫޓުގެ ބޯޓެކެވެ. މި ބޯޓު އާންމުކޮށް ދަތުރުކުރަނީ އޭދަފުށި، ހިތާދޫ، ތުޅާދޫ އަދި މާލެއާ ދެމެދުގައެވެ.