ޚަބަރު

އަންނަމަހުން ފެށިގެން ދިވެހިންނަށް ކަރަންޓީންނުވެ ސިންގަޕޫރަށް ދަތުރުކުރެވޭނެ


އަންނަމަހުގެ 16 ވަނަދުވަހުން ފެށިގެން ވެކްސިން ފުރިހަމަކޮށްފައިވާ ދިވެހިންނަށް ކަރަންޓީންވުމަކާއި ނުލައި ސިންގަޕޫރަށް ދަތުރުކުރެވޭނެކަމަށް އެޤައުމުގެ ކަމާއި ބެހޭ އިދާރާތަކުން ހާމަކޮށްފިއެވެ.

ސިންގަޕޫރުގެ ސިވިލް އޭވިއޭޝަން އޮތޯރިޓީން ބުނީ، ސިންގަޕޫރަށް ދަތުރުކުރުމުގައި އަންނަމަހުން ފެށިގެން އިތުރު 6 ޤައުމެއްގެ ރައްޔިތުންނަށް ލުއި ދިނުމަށް ނިންމާފައިވާކަމަށެވެ. އެގޮތުން ތައިލެންޑް، ކެމްބޯޑިއާ، ފިޖީ، ސްރީލަންކާ، ތުރުކީގެ އިތުރުން ދިވެހިންނަށް ކަރަންޓީންވުމަކާއި ނުލައި އަންނަަމަހުން ފެށިގެން ސިންގަޕޫރަށް ދަތުރުކުރެވޭނެއެވެ. ނަމަވެސް ދަތުރުކުރާ ފަރާތްތަކަކީ ވެކްސިންގެ ފުރިހަމަކޮށްފައިވާ ފަރާތްތަކަކަށް ވާންޖެހެއެވެ.

އަންނަމަހުގެ 16 ވަނަދުވަހުން ފެށިން ކެމްބޯޑިއާ، ފިޖީ، ސްރީލަންކާ، ތުރުކީގެ އިތުރުން ދިވެހިންނަށް މި ލުއިތަކުގެ ދަށުން ދަތުރުކުރެވެން ފަށާއިރު، ތައިލެންޑުގެ ރައްޔިތުންނަށް ޑިސެމްބަރުމަހުގެ 14 ވަނަ ދުވަހުން ފެށިގެން މި ލުއިތައް ލިބޭނެއެވެ.

ސިންގަޕޫރަށް ދަތުރުކުރުމުގައި ދިވެހިންނަށް ލުއިތަކެއް ދޭން ނިންމީ ރާއްޖޭގައި ކޯވިޑްގެ ހާލަތަށް ރިޔާއަތްކުރުމަށްފަހުކަމަށް އެ ޤައުމުގެ ކަމާއިބެހޭ އިދާރާތަކުން ބުނެއެވެ. މީގެއިތުރުން ވެކްސިން ފުރިހަމަކޮށްފައިވާ ފަރާތްތަކަށް ރާއްޖޭގެ ބޯޑަރު ހުޅުވާލާފައިވާކަންވެސް ސިންގަޕޫރުގެ ކަމާއިބެހޭ ފަރާތްތަކުން ފާހަގަކުރެއެވެ.

ސިންގަޕޫރަކީ ބޭސްފަރުވާއާއި ޗުއްޓީ އަދި ވިޔަފާރި ބޭނުމަށް ގިނަ އަދަދެއްގެ ދިވެހިން ދަތުރުކުރާ ޤައުމެކެވެ. މީގެއިތުރުން އެކިއެކި ބޭނުންތަކުގައި ގިނަ އަދަދެއްގެ ދިވެހިން ސިންގަޕޫރުގައި ދިރިއުޅޭކަންވެސް ފާހަގަކޮށްލެވެއެވެ.