ޚަބަރު

އެކުވެރި ސުވަދީބު ޕާޓީގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމުގެ ހުއްދައެއް ނުދިން


"އެކުވެރި ސުވަދީބު ޕާޓީ"ގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމުގެ ހުއްދަ ނުދޭން އިލެކްޝަންސް ކޮމިޝަނުން ނިންމައިފިއެވެ.

އެކުވެރި ސުވަދީބު ޕާޓީ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމުގެ ހުއްދައަށް އެދި އިލެކްޝަންސް ކޮމިޝަނަށް މިދިޔަމަހުގެ 15 ވަނަ ދުވަހު ހުށަހަޅާފައިވަނީ މުހައްމަދު ޔާސީން ނަމަކަށް ކިޔާ މީހެކެވެ.

އިލެކްޝަންސް ކޮމިޝަނުން ވިދާޅުވީ އެކުވެރި ސުވަދީބު ޕާޓީގެ ނަން ރާއްޖޭގެ ވަކި ސަރަހައްދަކަށް ނިސްބަތް ވާތީ އެއީ ސިޔާސީ ޕާޓީއަކަށް ކިޔުމަށް އެކަށީގެންވާ ނަމެއް ކަމުގައި ނުދެކޭ ކަމަށާއި އެހެންކަމުން އެދިފައިވާ ގޮތަށް ހުއްދަ ދެވެން ނެތްކަމަށެވެ.

ސިޔާސީ ޕާޓީގެ ގާނޫނުގައިވާ ގޮތުން ސިޔާސީ ޕާޓީއެއްގެ ނަމުގައި މީހެއްގެ އަމިއްލަ ނަން، ވަނަން، ރާއްޖޭގެ ވަކި ސަރަހައްދަކަށް، ވަކި އަތޮޅަކަށް، ވަކި ރަށަކަށް ނުވަތަ ވަކި އަވަށަކަށް ކިޔާ ނަން ހިމަނައިގެން ނުވާނެއެވެ.

ރާއްޖޭގައި މިހާރު ރަޖިސްޓްރީކޮށްފައިވާ 11 ސިޔާސީ ޕާޓީއެއް އޮތްއިރު، އިތުރު ޕާޓީތައް އުފެއްދުމުގެ މަސައްކަތް ބައެއް ފަރާތްތަކުން ކުރަމުން އަންނަކަން ފާހަގަކޮށްލެވެއެވެ.