ދަޚީލީ ބޮޑު ހަމަނުޖެހުމުގެ ތެރޭގައި އޮތް އިތިއޮޕިޔާގެ ސަރުކާރަށް ޔޫއޭއީން އަސްކަރީ ގޮތުން އެހީތެރިވާކަން ހާމަވެއްޖެއެވެ.
ފާއިތުވި އަހަރުގެ ތެރޭގައި އެފްރިކާގެ ދެވަނައަށް އެންމެ އާބާދީ ބޮޑު ޤައުމުކަމަށްވާ އިތިއޯޕިޔާގެ ޙާލަތު ގޯސްވެފައިވަނީ އެ ޤައުމުގެ އުތުރުގައި ދިރިއުޅޭ ޓިގުރޭ ދަރިކޮޅުގެ މީހުންނާ ޖެހުނު މައްސަލަތަކަކާ ގުޅިގެންނެވެ. އެ ގޮތުން އިތިއޯޕިޔާއާ ވަކިވެގަތުމަށް މަސައްކަތްކުރާ ޓިގްރައި ޕީޕަލްސް ލިބަރޭޝަން ފުރަންޓު، ޓީޕީއެލްއެފުގެ ފައުޖުތަކާއި އިތިއޮޕިޔާގެ ސިފައިންނާ ދެމެދު ބަދަލުކުރި ޙަމަލާތަކުގައި 2.5 މިލިޔަން މީހުންގެ ގެދޮރު ގެއްލުމުގެ އިތުރުން 7 މިލިޔަން މީހުންވަނީ ޙާލުގައި ޖެހިފައެވެ.
އަލްޖަޒީރާއިން ޢާއްމުކޮށްފައިވާ ސެޓަލައިޓު ފޮޓޯތަކަކުން ދައްކައި ގޮތުގައި ވައިގެ މަގުން ޔޫއޭއީންވަނީ އިތިއޮޕިޔާއަށް ބޮޑު އެހީތެރިކަމެއް ފޯރުކޮށްދީފައެވެ. އެ ގޮތުން ފާއިތުވި ދެ މަސްދުވަހުގެ ތެރޭގައި ޔޫއޭއީން ވައިގެ މަގުން 90 އަސްކަރީ ދަތުރު އިތިއޮޕިޔާއަށް ކޮށްފައިވެއެވެ. އޭގެ ތެރެއިން 54 ދަތުރުކޮށްފައިވަނީ ސުޕެއިންގެ ކުންފުންޏަކަށެވެ. އަދި ޔޫކްރެއިންގެ ކުންފުންޏަކުން 39 ދަތުރުކޮށްފައިވާކަންވަނީ ހާމަވެފައެވެ. އަދި އެ މަތިންދާބޯޓުތައް އުދުއްސާލި ސަރަޙައްދުތަކާއި ޖެއްސި ސަރަޙައްދުތައް ވަރަށް ބޮޑަށް ސިއްރުކުރަން މަސައްކަތްކޮށްފައިވާކަމަށްވެސް އަލްޖަޒީރާއިން ޢާއްމުކޮށްފައިވާ މަޢުލޫމާތުތަކުން އެނގެއެވެ. އޭގެ އިތުރުން އިތިއޮޕިޔާގެ އަސްކަރީ ވައިގެ ބަނދަރުތަކުގައި ޗައިނާއިން އުފައްދާފައިވާ އަސްކަރީ ޑުރޯން ފެނިފައިވާކަމަށްވެސް އަލްޖަޒީރާއިން ބުނެފައިވެއެވެ.
ދާޚިލީ ހަނގުރާމައެއްގެ ބިރުވެރިކަން ބޮޑުވެފައިވާ އިތިއޮޕިޔާގެ އަސްކަރިޔާއާއެކު ހަނގުރާމައިގެ ކުރީސަފަށް އެ ޤައުމުގެ ބޮޑުވަޒީރު އަބީ އަޙްމަދުވަނީ ވަޑައިގެންފައެވެ. އިތިއޮޕިޔާގެ ސަރުކާރުން ބުނެފައިވާ ގޮތުގައި ހަނގުރާމައިގެ ކުރީސަފަށް ވަޑައިގެންނެވުމުގެ ކުރިން އަބީވަނީ މަޤާމުގެ މަޞްޢޫލިއްޔަތުތައް އޭނާގެ ނައިބުގެ މަޤާމުގައި ހުންނެވި ދެމެކޭ މަކުންނެންނަށް ޙަވާލުކުރައްވައިފައެވެ.
ހަނގުރާމައިގެ ކުރީ ސަފަށް ވަޑައިގަންނަވާނެކަން އަބީ އިޢުލާނުކުރައްވާފައިވަނީ ޓީޕީއެލްއެފުގެ ފައުޖުތައް އެ ޤައުމުގެ ވެރިރަށް އަދިސް އަބާދާއަށް މިޞްރާބު ޖަހާފައިވާ ދަނޑިވަޅެއްގައެވެ. އެއާއެކު ވެރިރަށް ދިފާޢުކުރުމަށް އެ ޤައުމުގެ ފުލުހުންވަނީ ޢާއްމުންގެ 147،000 ތަމުރީންކޮށްފައެވެ. އޭގެ އިތުރުން އަސްކަރީ ޑުރޯން ގަތުމަށް އިތިއޮޕިޔާއިންވަނީ ތުރުކީވިލާތާއެކު އެއްބަސްވުމެއްވެސް ޤާއިމުކޮށްފައެވެ.