ވާރޭވެހި ފެންބޮޑުވުމުގެ ސަބަބުން މަގުތައް ހަލާކުވެ އޭގެ ތަކުލީފު އުފުލަމުން އަންނަ އެރައް ރަށެއް އެބައޮތެވެ. ބައެއް ރަށްރަށުގެ ބައެއް މަގުތައް ބޭނުންނުކުރެވޭ ވަރަށް ހަލާކުވެފައިވެއެވެ. މަގުތަކުގައި ބޮޑުވެ ގޭގޭގެ ގޯތިތެރެއަށާއި ގެއަށް ފެންވަދެ ރައްޔިތުންގެ މުދަލަށް ބޮޑެތި ގެއްލުންވެއެވެ. މިއީ ރައްޔިތުންގެ ބޮޑު ކަންބޮޑުވުމެކެވެ.
ރަށްރަށުގެ މަގުތަކުގެ މައްސަލަތައް ޙައްލުކުރުމަށް ސަރުކާރުން އަންނަނީ މަސައްކަތް ކުރަމުންނެވެ. އެގޮތުން ސަރުކާރު ކުންފުނިތަކާ ޙަވާލުކޮށްގެން މިމަސައްކަތް އަންނަނީ ކުރަމުންނެވެ. އެމްޓީސީސީއާއި އާރްޑީސީއާ ޙަވާލުކޮށްގެން އެތައް ރަށެއްގެ މަގު ހެދުމުގެ މަސައްކަތްވަނީ ފަށާފައެވެ.
އާރްޑީސީން މިވަގުތުވެސް އަންނަނީ މާލޭ ސިޓީގެ ސްޓްރީޓް ސްކޭޕިންގ މަޝްރޫޢުއާއެކު 13 ރަށެއްގެ މަގު ހެދުމުގެ މަސައްކަތް ކުރަމުންނެވެ. ގދ.ގައްދޫ މަގު ހެދުމުގެ މަސައްކަތުގެ %24 މިހާރު ނިމިފައިވާކަމަށް އާރްޑީސީއިން ވިދާޅުވެއެވެ. ގައްދޫ ވަތަ ބަނޑޭރި މަގުގެ މަގުބައްތި ހަރުކުރުމުގެ މަސައްކަތާއި ޕޭމަންޓު ހެދުމުގެ މަސައްކަތް މިހާރު އަންނަނީ ކުރަމުންނެވެ. ޑިޒައިން އެންޑް ބިލްޑް އުޞޫލުން ކުރިއަށްގެންދާ މި މަޝްރޫޢުގެ ތެރެއިން ޖުމްލަ 6 ކިލޯމީޓަރުގެ މަގުގައި ތާރުއަޅައި ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަށްވަނީ ހަމަޖެހިފައެވެ.
އދ.މާމިގިލީ މަގުހެދުމުގެ މަސައްކަތުގައި މިހާރުކުރިއަށްދަނީ ކޭބަލްތަކާއި ހޮޅި ވަޅުލުމުގެ މަސައްކަތްކަމަށް އާރްޑީސީން ވިދާޅުވެއެވެ. މި މަޝްރޫޢުގެ %24 މަސައްކަތް ނިމިފައިވާކަމަށްވެސް އުކުންފުނިންގ ވިދާޅުވެއެވެ. މާމިގިލީ މަގުތައް ހެދުމަށް ހަމަޖެހިފައިވަނީ ތާރު އަޅައިގެން ޒަމާނީ ފެންވަރަށެވެ. މިއީ މިމަޝްރޫޢުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތެވެ. އާރްޑީސީން ވިދާޅުވީ މި މަސައްކަތުގެ ދަށުން އެރަށުގެ 6 މަގެއްގައި ތާރުއަޅާނެކަމަށެވެ. އެއީ ޖުމްލަ 4.89 ކިލޯމީޓަރުގެ މަގެވެ.
ށ.މިލަންދޫ މަގު ހެދުމުގެ މަސައްކަތްވެސް އާރްޑީސީއިން އަންނަނީ ކުރަމުންނެވެ. މިހާތަނަށް މަޝްރޫޢުގެ %22 ނިމިފައިވާކަމަށް އާރްޑީސީއިން ވިދާޅުވެއެވެ. އަދި ސަރވޭގެ މަސައްކަތް ނިމިފައިވާކަމަށާއި މިހާރު ކުރިއަށްދަނީ ޑީޓެލްޑް ޑިޒައިނިންގެ މަސައްކަތެވެ. މިލަންދޫ މަގުހެދުމުގެ މަޝްރޫއުގެ ދަށުން 8 މަގެއް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަށް ވަނީ ހަމަޖެހިފައެވެ. މިމަޝްރޫއުގެ ދަށުން 6.15 ކިލޯމީޓަރުގެ މަގު ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމަށްވަނީ ހަމަޖެހިފައެވެ.
މިރަށްރަށުގެ އިތުރުން މ.މުލަކާއި ރ.ހުޅުދުއްފާރާއި ދ.ކުޑަހުވަދުއާއި ނ.ވެލިދޫއާއި ޅ.ހިންނަވަރާއި ބ.ތުޅާދުއާއި ކެންދުއާއި ދަރަވަންދޫގެ އިތުރުން ހދ.ކުޅުދުއްފުއްޓާއި، ގދ.ތިނަދޫ މަގު ހެދުމުގެ މަސައްކަތް ވަނީ އެކި މަރުޙަލާތަކުގައެވެ.