ޚަބަރު

އުމްރާވެރިންނަށް އުފާވެރިކަން، މިހާރު ބޭނުންވަރަކަށް ތަވާފްކުރެވޭނެ


މަސްޖިދުލް ޙަރަމްގައި ތަވާފްކުރުމަށް އޮތް ލިމިޓް އުވާލާ އާއްމުކޮށް ހުޅުވާލާއިފިއެވެ. ކޯވިޑާއި ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކަށް ސައުދީ ސަރުކާރުން އަންނަނީ މަޑުމަޑުން ލުއިތައް ދެމުންނެވެ.

ޖޫންމަހުން ފެށިގެން އުމްރާވުމަށް ދަތުރުކުރުމުގެ ފުރުސަތު ވަނީ އެ ޤައުމުން ހުޅުވާލާފައެވެ. އަދި ދެ ޙަރަމްގައި އަޅާފައިވާ ގައިދުރުކަމުގެ ފިޔަވަޅުތައް އުވާލާ މިދިޔަ މަހުގެ 18 ވަނަދުވަހުން ފެށިގެން އާއްމުކޮށް ވަނީ ހުޅުވާލާފައެވެ. އެހެންނަމަވެސް މިހާތަނަށް ތަވާފްކުރުމުގެ ފުރުސަތު ދެމުން އައީ އުމްރާވުމަށް އަންނަ މީހުންނަށް އެކަންޏެވެ. އަދި މި ފުރުސަތުގެ ދަށުންވެސް ތަވާފްކުރެވޭނީ އިހްރާމްގައި ތިބޭ މީހުންނަށް އެކަންޏެވެ.

ސައުދީ ސަރުކާރުން ބުނީ މިމަހުގެ 25 ވަނަ ދުވަހުން ފެށިގެން އާއްމުކޮށް ތަވާފްކުރުމަށް މިސްކިތް ހުޅުވާލާފައިވާ ކަމަށެވެ. އެހެންނަމަވެސް އާއްމުކޮށް ތަވާފްކުރާ މީހުނަށް ތަވާފްކުރެވޭނީ މިސްކިތުގެ އެއްވަނަ އަދި ދެވަނަ ފަންގިފިލާކަމަށެވެ. ގެފުޅު ހުންނަ މަތާފް ސަރަހައްދު އަދިވެސް ހާއްސަކޮށްފައިވަނީ އުމްރާއަށް އަންނަ މީހުންނަށް އެކަންޏެވެ.

މި ގެނައި ބަދަލާއި އެކު ތަވާފްކުރަން ވަންނަ ބޭނުންވާ މީހުންނަށް ތަވާފްކުރަން ތިން ވަގުތެއް ވަނީ ކަނޑައަޅާފައެވެ. ފުރަތަމަ ވަގުތަކީ ހެނދުނު 07:00 އިން 10:00 އަށެވެ. ދެވަނަ ވަގުތަކީ ރޭގަނޑު 21:00 އިން ދަންވަރު 00:00 ޖަހަންދެނެވެ. އަދި ދަންވަރު ބަރައިން ފެށިގެން ފަތިހު ތިނެއް ޖަހަންދެންވެސް ތަވާފްކުރަން ބޭނުންވާ މީހުންނަށް މިސްކިތަށް ވަދެވޭނެއެވެ. ތަވާފްކުރަން ބޭނުން މީހުންނަށްވެސް ޖެހޭނީ އެކަމަށް ހާއްސަކުރެވިފައިވާ އެޕް މެދުވެރިކޮށް ވަގުތު ހޯދާށެވެ.

ދުނިޔޭގެ ހުރިހާ ކަންކޮޅަކުން 18 އަހަރުން މަތީގެ ކޮންމެ މީހަކަށްވެސް އުމްރާގެ އަޅުކަމަށް ސައުދީއަށް އެތެރެވުމުގެ ހުއްދަ ވަނީ ދީފައެވެ. ސައުދީ ސަރުކާރުން ބުނީ އުމްރާއަށް އެތެރެވެވޭނީ ފައިޒަރ، މޮޑާނާ، އެސްޓަރަޒެނެކާ، ކޮވިޝީލްޑް އަދި ޖޮންސަން އެންޑް ޖޮންސަނުން އުފައްދާފައިވާ ކޯވިޑްގެ ވެކްސިން ޑޯޒްތައް ފުރިހަމަކޮށްފައިވާ ފަރާތްތަކަށެވެ. ޗައިނާގައި އުފައްދާފައިވާ ސިނޮފާމް ވެކްސިން ޖަހާފައިވާ މީހެއްނަމަ އެމީހަކު ސައުދީއަށް އެތެރެވުމުގެ ކުރިން ފައިޒަރ، މޮޑާނާ، އެސްޓަރަޒެނެކާ އަދި ޖޮންސަން އެންޑް ޖޮންސަންގެ ބޫސްޓަރ ޝޮޓެއް ޖަހަން ޖެހޭނެކަމަށްވެސް ސައުދީ ސަރުކާރުން ބުނެއެވެ.