ޚަބަރު

ރާއްޖެ-މޮރިޝަސް ކަނޑުގެ މައްސަލައަށް ރާއްޖެއިން ޖަވާބުދާރީވެއްޖެ


ކަނޑުގެ ޤާނޫނާ ބެހޭ ޓްރައިބިއުނަލަށް މޮރިޝަސް އިން ހުށަހަޅާފައިވާ މައްސަލައަށް ދިވެހިރާއްޖެއިން ޖަވާބުދާރީ ވެއްޖެއެވެ.

މިއީ އައްޑޫގެ ދެކުނުން ރާއްޖޭގެ އިކޮނޮމިކް ޒޯން، މޮރިޝަސްގެ ދަށުގައި އޮންނަ ޗާގޯސް އާކިޕެލާގޯގެ ކަނޑުގެ ސަރަހައްދާ ފުށުއަރާކަމަށް ބުނެ ކަނޑުގެ ޤާނޫނާ ބެހޭ ބައިނަލްއަގުވާމީ ޓްރައިބިއުނަލަށް 2019ވަނަ އަހަރު އެ ގައުމުން ހުށަހެޅި މައްސަލައެކެވެެ.

އެޓާނީ ޖެނެރަލް އޮފީހުން ވިދާޅުވީ މި މައްސަލަ އުފަންވީ މީގެ އެތައް އަހަރުތަކެއް ކުރިން އިނގިރޭސި ވިލާތާއި މޮރިޝަސްއާ ދެމެދު އުފެދިފައިވާ މައްސަލައަކުންނެވެ. މިހާތަނަށްވެސް ހައްލުނުކުރެވިފައިވާ މި މައްސަލަ ބައިނަލްއަގްވާމީ ކަނޑުތަކާބެހޭ ޓްރައިބިއުނަލްއަށް ޔުނައިޓެޑް ނޭޝަންސް ކޮންވެންޝަންގެ މުޢާހަދާގެ ދަށުން ވަނީ ހުށަހަޅާފައެވެ. އަދި މިއަހަރުގެ ތެރޭގައި ރާއްޖެއިން ފާހަގަކުރި އިޖުރާއީ ނުކުތާއަކާ ގުޅިގެން ވަނީ ޗާގޮސްގެ މައްޗަށް ސިޔާދަތީ ބާރުތައް އޮތްކަމަށް އިނގިރޭސި ވިލާތުން ބުނަމުން ގެންދިޔަ ނަމަވެސް، ކަނޑުގެ ސަރަހައްދުގެ ބައުންޑަރީ ކަނޑައެޅުމުގެ އިޚްތިސާސް އެ ޓްރައިބިއުނަލަށް ލިބިގެންވާކަން ބަޔާންކޮށްފައެވެ.

އޭޖީ އޮފީހުން ވިދާޅުވީ އެ ނިންމުމާ ގުޅިގެން މިއަހަރުގެ މެއި މަހު މޮރިޝަސްގެ ފަރާތުން ހުށަހެޅިި މައްސަލައަށް މިއަދު ޖަވާބުދާރީވެފައި ވާނެ ކަމަށެވެ. އަދި ރާއްޖޭގެ ފަރާތުން މި މައްސަލައަށް ޖަވާބު ހުށަހަޅާފައިވަނީ ކަމާގުޅޭ ސަރުކާރުގެ އިދާރާތަކުން މައޫލޫމާތު ހޯދައި ވަޒީރުންގެ މަޖިލީހުގައި މަޝްވަރާކޮށްގެންކަން އެ އޮފީހުން ވިދާޅުވެއެވެ.

އޭޖީ އޮފީހުން ވިދާޅުވީ މި މައްސަލައަކީ ރާއްޖެފަދަ މަސްވެރިކަމަށް ބަރޯސާވާ ގައުމަކަށް މުހިންމު މައްސަލައެއްކަމަށާއި މި މައްސަލައިގައި ބައިނަލްއަގްވާމީ ހަމަތަކުގެ މަތިން ޓްރައިބިއުނަލްގައި ރާއްޖޭގެ މަސްލަހަތުތައް ދިފާއުކޮށް ރާއްޖެ ތަމްސީލުކުރުމަށްޓަކައި ތައުލީމާއި ތަޖުރިބާހުރި ބައިނަލްއަގްވާމީ ވަކީލުންނާއި ހައިޑްރޯގްރަފީ އަދި ޖިއޮލޮޖީ ދާއިރާގެ ޚަބީރުންގެ މައްޗަށް އެކުލެވޭ ޓީމެއް އެކުލަވާލާފައިވާކަމަށެވެ.