ޚަބަރު

ޤައްޒާފީގެ ދަރިކަލުންނަށް އިންތިޚާބުގައި ވާދަނުކުރެއްވޭނެކަމަށް ކަނޑައަޅައިފި


ލީބިޔާގެ ކުރީގެ އިސްވެރިޔާ ކާނަލް މުޣައްމަރުލް ޤައްޒާފީގެ ދަރިކަލުން ސައިފުލް އިސްލާމު ޤައްޒާފީއަށް އެ ޤައުމުގައި ބާއްވައި ރިޔާސީ އިންތިޚާބުގައި ވާދަނުކުރެއްވޭނެކަމަށް ކަނޑައަޅައިފިއެވެ.

49 އަހަރުގެ ސައިފުލް އިސްލާމުވަނީ ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވުމަށް ބޭނުންވާ ލިޔެކިޔުންތައް ލީބިޔާގެ އިންތިޚާބާބެހޭ ވުޒާރާއަށް ވަޑައިގެން ހުށަހަޅުއްވައިފައެވެ. އެއީ ފާއިތުވި 10 އަހަރުދުވަހުގެ ތެރޭގައި ޢާއްމުންގެ ތެރެއަށް އޭނާ ނުކުމެވަޑައިގެންނެވި ފުރަތަމަ ފަހަރެވެ. އެ ގޮތުން އިންތިޚާބާބެހޭ ވުޒާރާއަށް އޭނާ ވަޑައިގެންނެވީ މުޣައްމަރުލް ޤައްޒާފީ ތުރުކުރެއްވިފަދަ ސަޤާފީ ހެދުންކޮޅެއް ތުރުކުރައްވައިގެންނެވެ.

ޑިސެންބަރު މަހުގެ 24ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލީބިޔާގެ ރިޔާސީ އިންތިޚާބުގައި ވާދަކުރުމަށް 98 ކެނޑިޑޭޓުންވަނީ ލިޔެކިޔުންތައް ހުށަހަޅައިފައެވެ. ނަމަވެސް ލީބިޔާގެ އިންތިޚާބާބެހޭ ވުޒާރާއިންވަނީ ސައިފުލް އިސްލާމު ހިމެނިވަޑައިގަންނަވައި ގޮތަށް 25 ކެނޑިޑޭޓެއްގެ ލިޔެކިޔުންތައް ބާޠިލްކޮށްފައެވެ. އެ ކެނޑިޑޭޓުންނަށް އެ މައްސަލަ ކޯޓުގައި އިސްތިޢުނާފުކުރުމުގެ ފުރުޞަތުވަނީ ދީފައެވެ.

ލީބިޔާގެ އިންތިޚާބާބެހޭ ވުޒާރާއިން ބުނެފައިވާ ގޮތުގައި ސައިފުލް އިސްލާމަށް އިންތިޚާބުގައި ވާދަނުކުރެއްވޭނެކަމަށް ކަނޑައެޅީ އޭނާގެ މައްޗަށް ޖިނާޢީ މައްސަލައެއް ސާބިތުވެފައި އޮތުމުންނެވެ. 2015ވަނަ އަހަރުގެ ތެރޭގައި ސައިފުލް އިސްލާމުގެ މައްޗަށް މަރުގެ ޙުކުމެއްވަނީ އިއްވައިފައެވެ. އޭނާގެ މައްޗަށް މަރުގެ ޙުކުމެއް އައިސްފައިވަނީ 2011ވަނަ އަހަރުގެ ތެރޭގައި ހަނގުރައިމައިގެ ޖަރީމާތަކެއް ހިންވާފައިވާކަމަށް ބުނެއެވެ. ނަމަވެސް އެ ތުޙްމަތުތަކަށް ސައިފުލް އިސްލާމުވަނީ އިންކާރުކުރައްވައިފައެވެ.

ލީބިޔާގައި އަންނަ މަހު ބާއްވައި ރިޔާސީ އިންތިޚާބުގައި ވާދަކުރައްވައި ބޭފުޅުންގެ ތެރޭގައި ލީބިޔާގެ އިރުމަތީގެ ސަރަޙައްދުތަކުގައި ވަރުގަދަ އަސްކަރީވެރިޔާ ޚަލީފާ ޙަފުތާރާއި އެ ޤައުމުގެ ބޮޑުވަޒީރު ޢަބްދުލް ޙަމީދު ދިބާބާއާއި ޤާނޫނުހަދާ މަޖިލީހުގެ ރައީސް އަޤީލާ ޞާލިޙް ޢީސާ ހިމެނިވަޑައިގަންނަވައެވެ.

2011ވަނަ އަހަރުގެ ތެރޭގައި ހުޅަނގުގެ އަސްކަރީ އިއްތިޙާދު، ނޭޓޯއިން މުޣައްމަރުލް ޤައްޒާފީގެ ވެރިކަން ވައްޓާލުމުގެ ކުރިން ސައިފުލް އިސްލާމުވަނީ ލީބިޔާގެ ވެރިކަމުގެ ނިޒާމުގެ ތެރެއިން މުޙިއްމު ބަދަލުތަކެއް ގެންނަވަން މަސައްކަތްކުރައްވައިފައެވެ.