ޚަބަރު

ރައީސް ޔާމީންގެ ޖަލު ޙުކުމާމެދު ނިންމާ ފަހުގެ ނިންމުން އަންގާރަ ދުވަހު


މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމަށް އިއްވާފައިވާ 5 އަހަރުގެ ޖަލު ޙުކުމުގެ ފަހުގެ މަރުހަލާގެ ޙުކުމް އިއްވުން އަންނަ އަންގާރަދުވަހަށް ސުޕްރީމް ކޯޓުގައި ތާވަލުކޮށްފިއެވެ.

ރައީސް ޔާމީން، 5 އަހަރަށް ޖަލަށްލުމަށާއި، 5 މިލިއަން ޑޮލަރުން ޖޫރިމަނާކުރުމަށް 2019ވަނަ އަހަރުގެ ނޮވެންބަރު މަހު ކްރިމިނަލް ކޯޓުން ކުރި ޙުކުމްކުމަށް ހައިކޯޓުންވެސް ތަޢީދުކުރުމާއި ގުޅިގެން އެމަނިކުފާނުގެ ފަރާތުން އެމައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރީ، މިއަހަރުގެ އޭޕްރީލް މަހުގެތެރޭގައެވެ.

އިސްތިއުނާފީ މައްސަލައިގެ ހުރިހާ އަޑުއެހުންތަކެއް ނިމިފައިވާއިރު، މައްސަލަ ދިރާސާ ކުރައްވަމުންދަނިކޮށް ފާހަގަވި ކަމަކާ ގުޅޭ ގޮތުން ދަޢުލަތާ ސުވާލު ކުރުމަށް މިމަހުގެ 17ވަނަ ދުވަހުވެސް އިތުރު އަޑުއެހުމެއްވަނީ ބާއްވާފައެވެ.

ސްޕްރީމް ކޯޓުގެ ސޯޝަލް މީޑިއާ އެކައުންޓުތަކުން ރައީސް ޔާމީންގެ މި މައްސަލައިގެ ޝަރީއަތުގެ މަޖިލީސްތައް މަންޒަރާއެކު ވަގުތުން ގެނެސްދެއިރު، މިމަހުގެ 30 ވާ އަންގާރަދުވަހު ބާއްވާ ޙުކުމް އިއްވާ ޝަރީޢަތުގެ މަޖިލިސް އޮންނާނީ އެދުވަހު ހެނދުނު 09:00 ގައެވެ.

ރައީސް ޔާމީން 5 އަހަރު ދުވަހަށް ޖަލަށްލައި، 5 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފައިވަނީ، ގއ. ވޮޑަމުލާ ކުއްޔަށްދީގެން އެމްއެމްޕީއާރުސީ މެދުވެރިކޮށް ދައުލަތަށް ލިބެންޖެހޭ ފައިސާ ރައީސް ޔާމީންގެ އެކައުންޓަށް ޖަމާކުރި މައްސަލާގައެވެ. އަދި އެސްއޯއެފުން ޖަމާކުރި އެ ފައިސާ އޭސީސީއާއި އެކު ހެދި އެސްކްރޯ އެކައުންޓެއްގައި ބެހެއްޓުމަށް އެއްބަސްވެޑައިގަތުމަށްފަހު އެފައިސާ އިސްލާމިކް ބޭންކުގައި ހުޅުވާފައިވާ ރައީސް ޔާމީންގެ އަމިއްލަފުޅު އެކައުންޓަކަށް އޭސީސީއަށް ނޭގި ބަދަލުކުރައްވާފައިވާތީ އެކަން އެގޮތަށް ކުރައްވާފައިވަނީ ފައިސާގެ އަސްލު އޮޅުވާލަންކަމަށް ޝަރީއަތަށް ވަނީ ސާބިތުވެފައެވެ.

ރައީސް ޔާމީން ޖަލަށް ލުމަށް ކުރި ޙުކުމާމެދު ރާއްޖޭގެ އެންމެ މަތީކޯޓުން އަންގާރަ ދުވަހު ޙުކުމްކުރަން ތާވަލުކޮށްފައިވާއިރު، ރ. ފުއްގިރި ވިއްކައިގެން ލިބުނު މިލިއަނަކަށްވުރެ ގިނަ ޑޮލަރު އަމިއްލަފުޅު އެކައުންޓަކަށް ޖަމާކުރި މައްސަލާގައިވެސް ރައީސް ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުގައިދަނީ ޝަރީޢަތް ހިންގަމުންނެވެ.

އަދި ވ. އަތޮޅު އާރަށް ވިއްކާލައިގެން ލިބުނު 1 މިލިއަން ޑޮލަރު، ރައީސް ޔާމީންގެ އަމިއްލަފުޅު އެކައުންޓަށް ޖަމާކޮށް އެފައިސާ ލޯންޑަރކުރެއްވިކަމަށް ތުހުމަތުކުރެވޭ މައްސަލާގައި އެމަނިކުފާނުގެ މައްޗަށް މަނީލޯންޑަރކުރުމާއި، ރިޝްވަތު ހިފުމުގެ ކުށުގެ ދަޢުވާ އިއްޔެވަނީ ކްރިމިނަލް ކޯޓަށް ހުށައަޅާފައެވެ.