ޚަބަރު

އެމްއެމްޕީއާރުސީން ގެއްލުނު ފައިސާތަކެއް ދައުލަތަށް ދައްކަން ޙުކުމްކޮށްފި


އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާއިން އެކުންފުނީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޢަބްދުﷲ ޒިޔަތުގެ ޢާއިލީ ކުންފުންޏެއްގެ އެކައުންޓަށް ޖަމާކުރި 50,000 ޑޮލަރު އަނބުރާ ދަޢުލަތަށް ދެއްކުމަށް ހައިކޯޓުން ޙުކުމްކޮށްފިއެވެ.

ހައިކޯޓުން މި ޙުކުމްކުރީ ޓޫރިސްޓް ރިސޯޓެއްގެ ގޮތުގައި އދ.ފުށިދިއްގާ ތަރައްޤީކުރުމަށް އެރަށް 50 އަހަރަށް ކުއްޔަށް ހިފުމަށްޓަކައި ޑިޕޮސިޓްގެ ގޮތުގައި އެޗް.އެމް.އެޗް.އައި ނަމަކަށް ކިޔާ ކުންފުންޏަކުން ޑިޕޮސިޓްގެ ގޮތުގައި ދެއްކި 50،000 ޑޮލަރުގެ ޗެކް، އެމް.އެމް.ޕީ.އާރު.ސީއާ ޙަވާލުކޮށްފައި ވަނިކޮށް އެފައިސާ އެމް.އެޗް.އާރު ޓްރޭޑިންގ ޕްރައިވެޓް ލިމިޓެޑްގެ އެކައުންޓަށް ޖަމާކޮށްފައިވާ މައްސަލާގައެވެ.

މިމައްސަލައިގައި ދަޢުލަތަށް ލިބިޖެހޭ ފައިސާ ޖަމާކުރި އެމް.އެޗް.އާރު ޓްރޭޑިންގ ޕްރައިވެޓް ލިމިޓެޑަކީ، ފުޅާ ދާއިރާއެއްގައި ތެލުގެ ވިޔަފާރިކުރަމުންއައި ކުންފުންޏެކެވެ. އަދި އެއީ އަބްދުﷲ ޒިޔަތުގެ ބޮޑު ބޭބެއެއްގެ ކުންފުންޏެއްކަން މިމައްސަލައިގެ ދަޢުވާގައި ހިމޭ މައުލޫމާތުތަކުން އެނގެއެވެ. ނަމަވެސް 50،000 ޑޮލަރުގެ އެ ޗެކުގައި އެމް.އެޗް.އާރ ޓްރޭޑިންގ ޕްރައިވެޓް ލިމިޓެޑް ޖަހާފައިވަނީ ކީއްވެކަން ޢަބްދުﷲ ޒިޔަތައް ނޭނގޭކަމަށާއި، އެ އެޗެކާއި އޭނާ ޙަވާލުވި ހަނދާނެއްވެސް ނުވާކަމަށް ޒިޔަތުވަނީ ބުނެފައެވެ.

މިފައިސާ ހޯދަން ޓޫރިޒަމް މިނިސްޓްރީން ސިވިލްކޯޓަށް ހުށައެޅި ނަމަވެސް އެކޯޓުން ނިންމާފައިވަނީ އެ ފައިސާ ދަޢުލަތަށް ނަގައިދޭން ޖެހޭ ޝަރުއީ އަދި ޤާނޫނީ ސަބަބެއް ނެތްކަމަށެވެ.

އެއަށްފަހު މިމައްސަލަ ހައިކޯޓުގައި އިސްތިއުނާފުކުރުމުން މައްސަލަ ނިންމާފައިވަނީ، ސިވިލްކޯޓުން ކުރި ޙުކުމް ބާޠިލްކޮށް، އެޗް.އެމް.އެޗް.އައި ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ ނަމުގައި ސްޓޭޓް ބޭންކް އޮފް އިންޑިއާ ގައި ހުޅުވާފައިވާ އެކައުންޓަށް ޖަމާކުރި 50،000 ޑޮލަރު ޖަމާވެފައިވަނީ އެމް.އެޗް.އާރު ޓްރޭޑިންގ ޕްރައިވެޓް ލިމިޓެޑްގެ ނަމުގައި ސްޓޭޓް ބޭންކް އޮފް އިންޑިއާގައި ހުޅުވާފައިވާ އެކައުންޓަށްކަން އެނގެން އޮތްއިރު، އެ ފައިސާއަކީ ދިވެހި ދައުލަތަށް ލިބެންޖެހޭ ފައިސާކަން މަދަނީ މިންގަނޑުން ސާބިތުވާކަމަށެވެ.

ހައިކޯޓުގައި މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުން ހުކުމް ކުރެއްވީ އެމްއެޗްއާރް ކުންފުނިން އެ ފައިސާ 30 ދުވަހުގެ ތެރޭ ސިވިލް ކޯޓަށް ދައްކާ ހަލާސްކުރުމަށެވެ. މި މައްސަލަ ބެއްލެވީ ފަނޑިޔާރު ހުސެއިން މަޒީދާއި ފަނޑިޔާރު އަބްދުالله ހަމީދު އަދި ފަނޑިޔާރު އަލީ ސަމީރެވެ.