ކުޅިވަރު

ގެންނަން ބޭނުންވާ ބަދަލުތައް ފެންނަން ފަށައިފި - ކޯޗު


ހުނަރުވެރި އުއްމީދީ އާ ކުޅުންތެރިންތަކެއް ރާއްޖޭގެ ޤައުމީ ޓީމުން މިހާރު ފެންނަން ފަށައިފިކަމަށް ޤައުމީ ފުޓްބޯޅަ ޓީމްގެ ކޯޗް ރިކީ ހާބަޓް ބުނެފިއެވެ. ސާފް ސުޒުކީ ކަޕް ފުޓްބޯޅަ މުބާރާތުގައި ރާއްޖެ ކުޅުނު ފުރަތަމަ މެޗަށްފަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ކޯޗް ހާބަޓް ބުނީ ލަނޑު ޖަހާނެ ގިނަ ފުރުޞަތު ލިބި ބޭނުން ނުކުރެވުނު ނަމަވެސް ހުރިހާ ކުޅުންތެރިންވެސް އުއްމީދު ކުރިވަރަށް މޮޅަށް ކުޅުނު ކަމަށެވެ. ޚާއްސަކޮށް ކެޕްޓަން ޢަލީ އަޝްފާޤް ފެނުނީ ތަފާތު އަޝްފާޤެއްގެ ގޮތުގައި ކަމަށް ކޯޗު ބުންޏެވެ. ޒުވާން ކުޅުންތެރިންނަށް ގިނަ ފުރުޞަތު ތަނަވަސް ކޮށްދިނުމަށް އަޝްފާޤް މަސައްކަތް ކުރި ކަމަށް ކޯޗު ބުންޏެވެ. އޭގެއިތުރުން އަޝްފާޤް ލަނޑެއް ޖެހުމަކީ މުޅި ޓީމަށާއި މުޅި ރާއްޖެއަށް ލިބުނު ހިތްހަމަ ޖެހުމެއް ކަމަށް ކޯޗް ރިކީ ހާބަޓް މެޗަށްފަހު ބުންޏެވެ." ލަނޑެއް ނުޖެހިއްޖެނަމަ ކޮންމެ މީހެއް ނަމަވެސް ޕްރެޝަރަށް ވެއްޓޭނެ. ނަމަވެސް އެޕްރެޝަރު އަޝްފާޤް އަމިއްލައަށް އޭނަ ކަނޑުވާލި. އަޝްފާޤަކީ ޒުވާން ކުޅުންތެރިންނަށް ފުރުޞަތު ދީގެން މޮޅަށް ކުޅެން ބޭނުންވާ ކުޅުންތެރިއެއް. އަޝްފާޤަށް ނަތީޖާ ބަދަލް ކޮށްލެވިދާނެ. އެއީ މި ރީޖަންގައި ހުރި އެންމެ ހުނަރުވެރި އެއް ކުޅުންތެރިޔާ. " ކޯޗް ރިކީ ހާބަޓް ބުންޏެވެ.3 ލަނޑު 1 ލަނޑުން ބޫޓާނާ ދެކޮޅަށް ކުޅެ މޮޅުވި މެޗާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން ކޯޗު ބުނީ ޓީމަށް ގެންނަން ބޭނުންވާ ބަދަލު މިހާރު ފެންނަން ފަށައިފިކަމަށެވެ. އަދިވެސް ވަގުތު ބޭނުންވާ ކަމަށާއި މިހާރު ވިސްނުންހުރީ މިމުބާރާތުން ރަނގަޅު ކާމިޔާބީއެއް ހޯދުމަށްކަމަށް ކޯޗް ރިކީ ހާބަޓް ބުންޏެވެ.ބޫޓާންގެ ކޯޗް ބުނީ ފުރަތަމަ މެޗުން ބަލިވިނަމަވެސް އުއްމީދު ގެއްލުވާނުލާ ކަމަށެވެ. ބަނގަލްދޭޝްއާއި އަފްޣާނިސްތާނާ ދެކޮޅަށްވެސް ނިކުންނާނީ މޮޅުވުމުގެ ޢަޒުމުގައި ކަމަށާއި މަސައްކަތްކުރާނެކަމަށެވެ.މެޗުގައި ރާއްޖޭގެ ތިން ލަނޑު ޖެހީ އަހުމަދު އިމާޒުއާއި، އަސަދުﷲ އަބުދުﷲއާއި އަލީ އަޝްފާޤެވެ.