ޚަބަރު

ކޯވިޑް-19 ޖެހިގެން ވިލާތުން އިތުރު 700،000 މީހުން މަރުވާނެކަމަށް ލަފާކޮށްފި


ވިލާތުގައި ކޯވިޑް-19ގެ ޙާލަތު ވަރަށް ބޮޑަށް ގޯސްވެފައިވާކަމަށާއި ބަލިޖެހިގެން މަރުވައި މީހުންގެ ޢަދަދު 2،2 މިލިޔަނަށްވުރެ އިތުރުވެދާނެކަމަށް ދުނިޔޭގެ ޞިއްޙަތާބެހޭ ޖަމުޢިއްޔާއިން ލަފާކޮށްފިއެވެ.

ވިލާތުގެ ޙާލަތާ ގުޅޭގޮތުން ދުނިޔޭގެ ޞިއްޙަތާބެހޭ ޖަމުޢިއްޔާއިން ބުނީ މާރިޗު މަހުގެ އެއްވަނަ ދުވަހާ ހަމައަށް ކޯވިޑް-19ގެ ސަބަބުން އިތުރު 700،000 މީހުން މަރުވުން އެކަށީގެންވާކަމަށެވެ. ބަލިޖެހިގެން ވިލާތުން މިހާތަނަށް މަރުވެފައިވަނީ 1.5 މިލިޔަން މީހުންނެވެ. އަދި 53 ޤައުމެއްގައި ބަލިޖެހޭ މީހުންގެ %49އަށް އައިސީޔޫގައި ފަރުވާދޭން ޖެހޭނެކަމަށްވެސް އެ ޖަމުޢިއްޔާއިން ބުނެއެވެ.

ވިލާތަކީ ކޯވިޑް-19ގެ ޙާލަތު އެންމެ ގޯސްވެފައިވާ ސަރަޙައްދަށް ވެފައިވަނީ އެތައް މިލިޔަން މީހުންނެއް ވެކްސިން ޖެހުމަށް އިންކާރުކުރުމާއި ކޯވިޑް-19ގެ އެންމެ ނުރައްކާތެރި އަދި ވާރުތަވުމުގެ ބާރުގަދަ ވައްތަރެއްކަމަށްވާ ޑެލްޓާ ވޭރިއެންޓު ހަލުވިކަމާއެކު ފެތުރުމާއި ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ޢަމަލުކުރުން ހުއްޓާލުމުންނެވެ.

ވިލާތުގެ އިއްތިޙާދުގައި ހިމެނޭ ޤައުމުތަކުގެ ޖުމުލަ އާބާދީކަމަށް 445 މިލިޔަން މީހުންގެ ތެރެއިން %67ވަނީ ކޯވިޑް-19ގެ ވެކްސިންގެ ޑޯސްތައް ފުރިހަމަކޮށްފައެވެ. ނަމަވެސް ވެކްސިން ޖެހުމުގައި ވިލާތުގެ ޤައުމުތަކުގެ މެދުގައި ބޮޑެތި ތަފާތުތަކެއްވަނީ ފާހަގަކުރެވިފައެވެ. އެ ގޮތުން ވިލާތުގެ އިރުމަތީގައި އޮންނަ ބަލްގޭރިޔާފަދަ ޤައުމުތަކުގައި ވެކްސިންގެ ޑޯސްތައް ފުރިހަމަކޮށްފައިވަނީ %24 މީހުންނެވެ. އޭގެ ބަދަލުގައި ހުޅަނގުގައި އޮންނަ ޕޯޗުގަލްފަދަ ޤައުމުތަކުގައި %86 މީހުންވަނީ ވެކްސިންގެ ޑޯސްތައް ފުރިހަމަކޮށްފައެވެ.

ތަފާސްހިސާބުތަކުން ދައްކައި ގޮތުގައި ވިލާތުގައި ބަލިޖެހިގެން ދުވާލަކު 4،200 މީހުން މަރުވެއެވެ. މިދިޔަ ސެޕުޓެންބަރު މަހުގެ ތެރޭގައި އެ ޢަދަދު ހުރީ 2،100ގައެވެ.