ކުޅިވަރު

ޔުނައިޓެޑް ގްރޫޕު އެފްގެ އެއްވަނަ ޓީމްގެ ގޮތުގައި ދެވަނަ ބުރަށް


ޔުއޭފާ ޗެމްޕިއަންސް ލީގު ގްރޫޕް އެފްގައި ވިޔަރެއާލް އާއި މެންޗެސްޓަރ ޔުނައިޓެޑް ބައްދަލުކުރިމެޗް ކާމިޔާބުކޮށް މިމުބާރާތުގެ ދެވަނަ ބުރުން ޔުނައިޓެޑް ޖާގަހޯދައިފިއެވެ. ވިޔަރެއާލްގެ ދަނޑުގައި ކުޅުނު މިމެޗް ޔުނައިޓެޑް ކާމިޔާބުކުރީ 2 ލަނޑު ސުންލަނޑުންނެވެ.

ދެޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ވިޔަރެއާލްއިންނެވެ. ނަމަވެސް އެޓީމަށް ފަހަކަށް އައިސް ބަލިކަށިކަމަށް ފެނިގެންދިޔަ ޔުނައިޓެޑްގެ ޑިފެންސް ފޫއަޅުވާލެވޭގޮތެއް ނުވިއެވެ. މީގެ އެއް ސަބަބަކަށް ޔުނައިޓެޑްގެ ކީޕަރ ޑެވިޑް ޑި ގެއަރގެ ހުޝިޔާރުކަންވެސް ވަރަށް ބޮޑު ދައުރެއް ހިމެނޭއެވެ. މިގޮތުން ޑިގެއަރ ވަނީ މިމެޗްގައި ނުރައްކާތެރި ދެ ހަމަލައެއް ދިފާއުކޮށްފައެވެ. މިމެޗްގައި ޔުނައިޓެޑްގެ ފުރަތަމަ ލަނޑު މެޗްގެ 78 ވަނަ މިނެޓްގައި ޖަހައިދިނީ ކްރިސްޓިއާނޯ ރޮނާލްޑޯއެވެ. މިސީޒަންގެ ޗެމްޕިއަންސް ލީގުގެ ހުރިހާ މެޗެއްގައި ރޮނާލްޑޯ މިހާތަނަށް މިވަނީ ލަނޑު ޖަހާފައެވެ. އަދި އެޓީމުގެ ދެވަނަ ލަނޑު މެޗްގެ ފަހު މިނެޓްގައި ޖަހައިދިނީ ޖޭޑަން ސަންޗޯއެވެ.

މިކާމިޔާބީއާއެކު ޔުނައިޓެޑް މިވަނީ ގްރޫޕު އެފްގެ އެއްވަނަ ޓީމްގެ ގޮތުގައި ދެވަނަ ބުރަށް ދަތުރުކޮށްފައެވެ. މީގެ އެންމެ ބޮޑު އެއް ސަބަބަކަށް ވީ މިގްރޫޕްގައި އެޓަލާންޓާ އާއި ޔަންގް ބޯއިޒް ބައްދަލުކުރިމެޗް އެއްވަރު ވެގެން ނިމުމެވެ. އެހެން ކަމުން މިގްރޫޕްގައި މިހާރު ކޮންމެ ޓީމަކަށް ބާކީ އެއްމެޗް އޮތުމާއެކު އެޓަލާންޓާއަށް ޔުނައިޓެޑައި އަރާ ހަމަކުރުމުގެ ފުރުސަތު މިވަނީ ގެއްލިފައެވެ.

މެޗަށްފަހު ވާހަކަ ދައްކަމުން ޔުނައިޓެޑްގެ ކޯޗް ކަމާއި ވަގުތީ ގޮތުން ހަވާލުވެހުރި މައިކަލް ކެރިކް ބުނީ ވޭތުވެދިޔަ ދެތިން ދުވަހަކީ އެކްލަބްގެ އެއްވެސް މީހަކަށް މާ ފަސޭހަ ދުވަސްތަކެއް ނޫން ކަމަށެވެ. އަދި މިކާމިޔާބީއަކީ ކުރީގެ ކޯޗް އޮލޭ ގުނަރ ސޯލްޝާއަށް ހޯދައިދިން ކާމިޔާބީއެއް ކަމަށްވެސް އޭނާ ބުންޏެވެ.