ކުޅިވަރު

ޗެންޕިއަންސްލީގުގެ ދެވަނަ ބުރަށް ޗެލްސީ


ޔުއޭފާ ޗެމްޕިއަންސް ލީގު ގްރޫޕް އެޗްގައި އެންމެފަހުގެ ޗެމްޕިއަން ޗެލްސީ އާއި ޔުވެންޓަސް ބައްދަލުކުރިމެޗް ފަސޭހަ ކަމާއެކު ޗެލްސީ ކާމިޔާބުކޮށް މިމުބާރާތުގެ ދެވަނަ ބުރުން ޖާގަހޯދައިފި. ޗެލްސީގެ ދަނޑުގައި ކުޅުނު މިމެޗް އެތީމް ކާމިޔާބުކުރީ 4 ލަނޑު ސުންލަނޑުން.
ޗެލްސީގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީވެސް ޗެލްސީ. މިމެޗްގެ ފުރަތަމަ ލަނޑު މެޗްގެ 25 ވަނަ މިނެޓްގައި ޖަހައިދިނީ ޗެލްސީގެ ޓްރެވަރ ޗަލޮބާ. މިމެޗްގައި ޗެލްސީގެ ދެވަނަ ލަނޑު މެޗްގެ 55 ވަނަ މިނެޓްގައި ޖަހައިދިނީ ރީސް ޖޭމްސް. އަދި ޔުވެންޓަސްއަށް އިތުރަށް ހަމަޖެހިލާނެ ވަގުތު ނުލިބެނީސް އޭގެ ތިން މިނެޓްފަހުން ޗެލްސީއިންވަނީ އެޓީމުގެ ލީޑު އިތުރަށް ފުޅާކޮށްފަ. މިލަނޑު އެޓީމަށް ޖަހައިދިނީ ކަލުމް ހަޑްސަން އޮޑޯއި. އަދި މިމެޗްގައި ޗެލްސީގެ ފަހު ލަނޑު މެޗްގެ އިތުރު ވަގުތުގައި ޖަހައިދިނީ ޓީމޯ ވަރނަރ. މިއީ ޔުވެންޓަސްގެ ތާރީޚުގައިވެސް ޗެމްޕިއަންސް ލީގުގައި އެންމެ ތަފާތު ބޮޑުކޮށް ބަލިވި ފަހަރު.
މިކާމިޔާބީއާއެކު ޗެލްސީ މިހާރުވަނީ މިމުބާރާތުގެ ދެވަނަ ބުރުން ޖާގަހޯދާފަ. އަދި މިވަގުތު އޮތީ ލަނޑުގެ ތަފާތުން ގްރޫޕްގެ އެއްވަނައިގަ. އެއީ ކުޅުނު ފަސް މެޗުން ލިބިފައިވާ 12 ޕޮއިންޓާއެކު. މިގްރޫޕުން ޔުވެންޓަސްވެސް ވަނީ ދެވަނަ ބުރުން ޖާގަހޯދާފަ. އެއީ އެޓީމަށްވެސް 12 ޕޮއިންޓް ލިބިފައިވާއިރު ދެން އޮތް ދެޓީމަށް މިދެޓީމާއި އަރާ ހަމަނުކުރެވޭނެތީ. ނަމަވެސް މިގްރޫޕްގެ އެއްވަނަ މަގާމް ޔަގީންވެގެން ދާނީ ފަހު ދެމެޗާއެކު. ފަހު މެޗްގައި ރަށުން ބޭރުގައި ޗެލްސީ ޒެނިތު ސެއިންޓް ޕީޓަރސްބަރގް އާއި ބައްދަލުކުރާއިރު ޔޫވެންޓަސް ބައްދަލުކުރާނީ އަމިއްލަ ދަނޑުގައި މަލްމޯއާ.