ކުޅިވަރު

މެޗުން ބަލިވެ ޑީނަމޯ ކިޔެވް ގުރޫފުގެ ފުލަށް


ޔުއޭފާ ޗެމްޕިއަންސް ލީގު ގްރޫޕް އީ ގައި ބަޔޭން މިޔުނިކާއި ޑީނަމޯ ކިޔެވް ބައްދަލުކުރިމެޗް ބަޔާން ކާމިޔާބުކޮށްފިއެވެ. ކިޔެވްގެ ދަނޑުގައި ކުޅުނު މިމެޗް ބަޔާން ކާމިޔާބުކުރީ 2 ލަނޑު އެއްލަނޑުންނެވެ.

ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ބަޔާންއިންނެވެ. މިމެޗްގެ ފުރަތަމަ ލަނޑު މެޗްގެ 14 ވަނަ މިނެޓްގައި ޖަހާދިނީ ރޮބަޓް ލެވަންޑޯސްކީއެވެ. މިލަނޑާއެކު ލެވަންޑޯސްކީ މިވަނީ އޭނާ އެންމެ ފަހުން މިމުބާރާތުގައި ކުޅުނު 9 މެޗްގައި 14 ލަނޑު ޖަހާފައެވެ. މިމެޗްގައި ބަޔާންގެ ދެވަނަ ލަނޑު މެޗްގެ 42 ވަނަ މިނެޓްގައި ޖަހައިދިނީ ކިންގްލޭ ކޯމަންއެވެ. މިމެޗްގައި ކިޔެވުން ޖެހި ހަމައެކަނި ލަނޑު މެޗްގެ 70 ވަނަ މިނެޓްގައި ޖަހައިދިނީ ޑެނީސް ހަރމާޝްއެވެ. އެޓީމުން މިމެޗްގައި އިތުރު ލަނޑެއް ޖަހާ މެޗްގެ ނަތީޖާ ހަމަހަމަ ކުރުމަށް މަސައްކަތް ކުރި ނަމަވެސް އެކަން ކާމިޔާބުވާގޮތެއް ނުވިއެވެ. މިމެޗްގައި ބަޔާންގެ މުހިންމު ފަސް ކުޅުންތެރިން ކޯވިޑް-19 އަށް ޕޮޒިޓީވް ވެފައިވާ މީހަކާއި ދިމާވެފައިވުމުގެ ސަބަބުން ކުޅެވޭގޮތެއް ނުވިއެވެ.

މިކާމިޔާބީއާއެކު ގްރޫޕް އީ ގައި ބަޔާން ކުޅުނު ފަސް މެޗްވެސް ކާމިޔާބުކޮށް ވަނީ 15 ޕޮއިންޓް ހޯދާފައެވެ. އަދި ޑިނަމޯކިޔެވް އުޅެނީ އެއް ޕޮއިންޓާއެކު ގްރޫޕްގެ ފުލުގައެވެ. މިގްރޫޕްގައި ރޭ އެފްސީ ބާސެލޯނާ އާއި ބެންފީކާ ބައްދަލުކުރިމެޗް ނިމުނީ ލަނޑެއް ނުޖެހި އެއްވަރު ވެގެންނެވެ. އަދި މިއާއެކު މިފަހަރުގެ މުބާރާތުގެ ދެވަނަ ބުރުން ޖާގަހޯދުމަށް ބާރސާއިން ކުރަމުންދާ އުންމީދުތަކަށް މިވަނީ ކޮންމެވެސް ވަރެއްގެ ހިޔަންޏެއް އެޅިފައެވެ. އެއީ މިވަގުތު ގްރޫޕްގެ ދެވަނައިގައި ބާރސާ 7 ޕޮއިންޓާއެކު އޮތް ނަމަވެސް ފަހު މެޗްގައި ރަށުން ބޭރުގައި ބަޔާން އާއި ބައްދަލުކުރަން ޖެހިފައިވާތީ އެޓީމަށް އޮތް ފުރުސަތު ފެނިގެންދަނީ ވަރަށް ހަނިކޮށެވެ. އަދިތިންވަނައިގައި އުޅޭ ބެންފީކާ ފަހު މެޗްގައި އަމިއްލަ ދަނޑުގައި ގްރޫޕްގެ އެންމެ ފުލުގައި އޮތް ކިޔެވް އާއި ބައްދަލު ކުރުމަށް ހަމަޖެހިފައިވާތީ އެމެޗުން މޮޅުވެއްޖެ ނަމަ ބާރސާއަށް ވުރެ ކުރިއަށް އެރުމުގެ ފުރުސަތު އެބައޮތެވެ. ނަމަވެސް ބާރސާއިން ބަޔާންގެ މެޗް ކާމިޔާބުކޮށްފި ނަމަ އެޓީމް ގްރޫޕްގެ ދެވަނަ ޓީމުގެ ގޮތުގައި ދެވަނަ ބުރަން ދަތުރު ކުރާނެއެވެ.