ސްރީ ލަންކާގައި ދިރިއުޅޭ ދިވެހި ދަރުވަރުންގެ ތެރެއިން ރާއްޖޭގެ އެސް.އެސް.ސީ އިމްތިޙާނުގައި ބައިވެރިވާން ބޭނުންވާ ދަރިވަރުން މޯލްޑިވިއަން އެޑިޔުކޭޝަނަލް އެންޑް ކަލްޗަރަލް ސެންޓަރ (އެމް.އީ.ސީ.ސީ) ނުވަތަ ސޯސަންވިލާއިން ހުޅުވާލައިފިއެވެ.
ސޯސަންވިލާއިން ވިދާޅުވީ ލަންކާގައި އުޅޭ ދިވެހި ކިޔަވާކުދިންގެ ތެރެއިން އެ ސެންޓަރުގައި ތައުލީމް ޙާސިލްކުރާ ކުދިން ފިޔަވައި، އަމިއްލަ ގޮތުން އިމްތިޙާނުގައި ބައިވެރިވާ ދިވެހި ކުދިން ސޯސަންވިލާއަށް ގޮސް އިމްތިޙާނު ހެދުމަށްޓަކައި އަންނަ ޑިސެމްބަރު މަހުގެ 10 ވަނަ ދުވަހު މެންދުރުފަހު 3:30އާ ހަމައަށް ހުޅުވާލާފައިވާކަމަށެވެ.
"ނަން ނޯޓު ކުރުމަށާއި، މައުލޫމާތު ސާފު ކުރެއްވުމަށް ގުޅުއްވާނީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 9:30އިން މެންދުރުފަހު 3:30އާ ދެމެދު ކަމުގައި ދަންނަވަމެވެ. ނަން ނޯޓު ކުރުމާއި އިތުރު މައުލޫމާތު ސާފު ކުރެއްވުމަށް 0112366147 ފޯނު ނަންބަރަށް ގުޅުއްވުން އެދެމެވެ." ސޯސަންވިލާއިން މިއަދު އާންމު ކޮށްފައިވާ ލިޔުމުގައި ވެއެވެ.
ސޯސަން ވިލާއިން އަންނަނީ ނާސަރީން ފެށިގެން ގްރޭޑް 10އާ ހަމައަށް ދިވެހި، އިސްލާމް އަދި ޤުރުއާން ކިޔަވައި ދެމުންނެވެ. ސޯސަންވިލާގައި މިދިޔަ އަހަރުވެސް 19 ދަރިވަރަކު ވަނީ އެސް.އެސް.ސީ އިމްތިޙާނު ފުރިހަމަ ކޮށްފައެވެ. އޭގެތެރެއިން 13 ދަރިވަރުންނަކީ ސޯސަންވިލާގައި ތައުލީމް ޙާސިލް ކުރަމުން އަންނަ ދަރިވަރުންނެވެ. އަނެއް 6 ދަރިވަރުންނަކީ އަމިއްލަ ގޮތުން އިމްތިޙާނުގައި ބައިވެރިވި ދަރިވަރުންނެވެ.