ޚަބަރު

ޕާކިސްތާނުން އަފްޣާނިސްތާނަށް 28 މިލިޔަން ޑޮލަރުގެ އެހީއެއް


އަފްޣާނިސްތާނަށް 28 މިލިޔަން ޑޮލަރުގެ އެހީއެއް ދިނުމަށް ޕާކިސްތާނުގެ ސަރުކާރުން ނިންމައިފިއެވެ.

އަފްޣާނިސްތާނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ޕާކިސްތާނުގެ ބޮޑުވަޒީރު އިމުރާން ޚާންވަނީ އެ ޤައުމުގެ އަސްކަރީވެރިންނާއި ޚާރިޖީ ވަޒީރާއި މާލީ ވަޒީރާއި ޤައުމީ ސަލާމަތާބެހޭ މުޝީރު ހިމެނިވަޑައިގަންނަވައި ގޮތަށް ސަރުކާރުގެ މަތީފަންތީގެ ބައްދަލުވުމެއް ބާއްވަވައިފައެވެ. އެ ބައްދަލުވުމުގައި ނިންމާފައިވަނީ އަފްޣާނިސްތާނަށް ބޭނުންވައި ބޭހާއި ކާބޯތަކެއްޗާއި އެނޫންވެސް ޒަރޫރީ ތަކެތި ފޯރުކޮށްދިނުމަށް 28 މިލިޔަން ޑޮލަރު ހަމަޖެއްސުމަށެވެ. އަދި އިންޑިޔާއިން އަފްޣާނިސްތާނަށް ފޮނުވަން ބޭނުންވާ އެހީގެ ސާމާނު ޕާކިސްތާނު މަގުން ފޮނުވުމުގެ އިންތިޒާމުތައް ހަމަޖެއްސުމަށްވެސް އެ ބައްދަލުވުމުގައި ނިންމާފައިވެއެވެ.

ޕާކިސްތާނުގެ ސަރުކާރުން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ 28 މިލިޔަން ޑޮލަރުގެ އެހީގެ އިތުރުން އަފްޣާނިސްތާނުން ބޭރުކުރާ ބައެއް މުދަލުން ނަގައި ޓެކްސް ކަނޑާލުމަށްވެސް ނިންމާފައިވާކަމަށެވެ. އޭގެ އިތުރުން އަފްޣާނިސްތާނުގެ ރައްޔިތުންނަށް ބޭނުންވާ ބޭސްފަރުވާ ޕާކިސްތާނުން ހަމަޖެއްސުމަށްވެސްވަނީ ނިންމައިފައެވެ.

މިދިޔަ އޮގަސްޓު މަހުގެ ތެރޭގައި ޠާލިބާން ޖަމާޢަތުންއަފްޣާނިސްތާނުގެ ވެރިކަމަށް އައުމުން ބައިނަލްއަޤްވާމީ މުޖުތަމަޢުން އެ ޤައުމު ބާކީކުރި ނަމަވެސް އެ ޤައުމަށް އެންމެ ބޮޑު އެހީތެރިކަމެއް ފޯރުކޮށްދެމުންދަނީ ޕާކިސްތާނުންނެވެ. އަދި އެ ޤައުމުންވަނީ އަފްޣާނިސްތާނުގެ ނިކަމެތި ރައްޔިތުންނަށް އެހީތެރިވުމަށް އެހެން ޤައުމުތަކަށް ވަރަށް ބޮޑަށް ބާރުއަޅައިފައެވެ.