ޚަބަރު

ލަންކާގައި ފެރީއެއް ބަންޑުން ޖަހާލައި ދަރިވަރުންތަކެއް މަރުވެއްޖެ


ގިނަ ޢަދަދެއްގެ ދަރިންވަރުންނާއި މުދައްރިސުންނާއެކު ސުރީ ލަންކާގައި ދަތުރުކުރި ފެރީއެއް ބަންޑުން ޖަހާލައި ނުރައްކާތެރި ޙާދީޘާއެއް ހިނގައިފިއެވެ.

ސުރީ ލަންކާގެ ފުލުހުންގެ ތަރުޖަމާނު ނިހާލް ތަލްދުވަ ވިދާޅުވީ އެ ޤައުމުގެ އިރުމަތީ ސަރަޙައްދުން ދަތުރުކުރަނިކޮށް ބަންޑުން ޖަހާލި ފެރީގައި ތިބީ ދަރިންވަރުންނާއި މުދައްރިސުން ހިމެނޭހެން 30 މީހުންކަމަށާއި އެ ޙާދިޘާގައި 6 މީހުން މަރުވެފައިވާކަމަށެވެ. އެ މީހުންގެ ތެރޭގައި 4 ދަރިވަރަކުވެސް ހިމެނެއެވެ. އޭގެ އިތުރުން ބަންޑުން ޖަހާލި ފެރީން 14 މީހުން ސަލާމަތްކޮށްފައިވާކަމަށާއި އޭގެ ތެރޭގައި ގިނައީ ދަރިވަރުންކަމަށްވެސް އޭނާ ވިދާޅުވިއެވެ. އެ މީހުންވަނީ އިތުރު ފަރުވާއަށް ހަސްފަތާލަށް ގެންގޮސްފައެވެ. އަދި އެ ޙާދިޘާގައި ގެއްލުނު މީހުން ހޯދުމަށް ސިފައިންގެ ޑައިވަރުން ޙަރަކާތްތެރިވާކަމަށްވެސް ފުލުހުންގެ ތަރުޖަމާނު ވިދާޅުވިއެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި އެ ފެރީ ބަންޑުން ޖަހާލީ ފަޅެއް ހުރަސްކޮށް ދަތުރުކުރިނިކޮށެވެ. ފާއިތުވި ދުވަސްތަކުގައި ސުރީ ލަންކާގެ މޫސުންވަނީ ވަރަށް ބޮޑަށް ގޯސްވެފައެވެ.