ޚަބަރު

ކަނޑުމަތީގެ ސަލާމަތާއިބެހޭ މަސައްކަތު ބައްދަލުވުމެއް ބާއްވައިފި


ކަނޑުމަތީގެ އެކްސިޑެންޓްތައް ހިނގަނީ މަސްއޫލް ފަރާތްތަކުގެ ޒިންމާދާރުކަން ކުޑަވެގެންކަމަށް ފާހަގަކުރެވޭނަމަ އެފަދަ ފަރާތްތަކާމެދު ފިޔަވަޅުއަޅުއްވާނެ ކަމަށް މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.މިނިސްޓަރ ވިދާޅުވީ މިގޮތުން އަޅުއްވާ ފިޔަވަޅުތަކުގެ ތެރޭގައި އެފަދަ ފަރާތްތަކުގެ ލައިސަންސް ހިފަހައްޓަވަން ޖެހިވަޑައިގެންފިނަމަ އެކަންވެސް ކުރައްވާނެ ކަމަށެވެ. އިކޮނޮމިކް މިނިސްޓަރ މިމޭރުމުން ވާހަކަފުޅު ދެއްކެވީ ކަނޑުމަތީގައި ދިމާވާ ޙާދިސާތައް މަދުކުރުމަށާއި، ރައްކާތެރިވުމަށް ކުރެވިދާނެ ކަންތައްތަކާއި ބެހޭގޮތުން ބާއްވަވާ މަހާސިންތާ ހުޅުއްވައިދެއްވަމުން ދެއްކެވި ވާހަކަފުޅުގައެވެ. ކަނޑުމަތީގައި ދިމާވާ ޙާދިސާތައް މަދުކުރުމަށާއި، ރައްކާތެރިވުމަށް ކުރެވިދާނެ ކަންތައްތަކާއި ބެހޭގޮތުން ބާއްވަވާ މަހާސިންތާ ހުޅުއްވައިދެއްވަމުން ދެއްކެވި ވާހަކަފުޅުގައި، ކަނޑުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގެ ގޮތުން އަޅުއްވަން ޖެހިވަޑައިގަންނަވާ ފިޔަވަޅުތައް ސަރުކާރުގެ ކަމާބެހޭ ފަރާތްތަކުން އަޅުއްވަމުން ގެންދަވާނެކަމަށެވެ. މަސްއޫލު ފަރާތްތަކުން ޒިންމާދާރުކަން ކުޑަވުމުގެ ސަބަބުން ދިމާވާ ކަންކަމާއި ގުޅިގެން ލައިސަންސް ހިފަހައްޓަންޖެހޭ ޙާލަތެއްގައި އެކަންވެސް ކުރައްވާނެކަމަށް އިކޮނޮމިކް މިނިސްޓަރ މުޙައްމަދު ސަޢީދު ވިދާޅުވިއެވެ.މިނިސްޓަރ ސަޢީދުގެ ވާހަކަފުޅުގައި ކަނޑުމަތީގެ ސަލާމަތާއި ރައްކާތެރިކަން އިތުރުކުރުމަށްޓަކައި ކަމާބެހޭ ޤަވާޢިދުތަކަށް ބޮޑެތި ބަދަލުތަކެއް ގެންނަވާފައިވާކަން ފާހަގަކުރެއްވިއެވެ. މިނިސްޓަރ ވިދާޅުވި ގޮތުގައި އެގޮތުން ކަނޑައެޅޭ ދުވަހަކުން ފެށިގެން ނުރައްކާތެރި މުދާ، ފަސިންޖަރުން އުފުލާ އުޅަނދުތަކުގައި ނުއުފުލޭގޮތަށް ކަނޑައަޅުއްވާފައިވާނެ ކަމަށާއި، މިފަދަ ތަކެތީގެ ތެރޭގައި ޕެޓްރޯލް އާއި ޑީސަލް ހިމެނޭ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި ސީ ވާދިނަސް - (ކަނޑުދަތުރުފަތުރުގައި ބޭނުން ކުރަން އެކަށޭނަ އުޅަނދެއްތޯ ބެލުން) އަހަރަކު އެއްފަހަރު ހަދަންޖެހޭގޮތަށް ނިންމަވާފައިވާ ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ. މީގެ އިތުރުން ވަކި ކަހަލަ ތަމްރީނެއް ލިބިގެންނޫނީ ލައިސަންސް ނުލިބޭގޮތަށް ހަމަޖައްސާފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. ފަސިންޖަރުންގެ ސަލާމަތަށްޓަކައި ބައެއް އުޅަނދުފަހަރުގައި މުވާޞަލާތީ އަދި ސަލާމަތީ ވަޞީލަތްތައް އިތުރުކުރުމަށް މަޖުބޫރުކުރައްވާނެކަންވެސް މިނިސްޓަރ ވިދާޅުވި.މި މަހާސިންތާގައި ތަފާތު ކަރުދާސްތައް ހުށަހަޅުއްވައި، އެ ކަރުދާސްތަކާއި ބެހޭގޮތުން މަޝްވަރާ ކުރައްވަން ހަމަޖެހިފައިވާކަމަށް ޓްރާންސްޕޯޓް އޮތޯރިޓީން ވިދާޅުވެއެވެ. އެއްދުވަހުގެ މި މަހާސިންތާ ނިމިގެންދާއިރު ކަނޑުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް ބޭނުންވާ ގިނަ ކަންތައްތަކެއް ނިމިގެންދާނެކަމަށް ޓްރާންސްޕޯޓް އޮތޯރިޓީން ވިދާޅުވެއެވެ. މި މަހާސިންތާ ބޭއްވެވުމަށް ނިންމެވީ ކަނޑުމަތީގެ ހާދިސާތައް ގިނަވެގެންދިޔުމާއި، ނުރައްކާތެރި ތަފާތު އެކި ހާދިސާތަކުގައި ގިނަ ބައެއްގެ ފުރާނައަށް ނުރައްކާވެ، ބައެއްފަރާތްތަކަށް ބޮޑެތި ގެއްލުންތަކެއް ލިބެމުންދާތީ އެފަދަ ކަންކަން މަދުކުރެއްވުމަށް ކަމަށް އެފަރާތުން މަޢުލޫމާތުދެއެވެ. މި މަހާސިންތާ މި ބާއްވަވަނީ ޓްރާންސްޕޯޓް އޮތޯރިޓީއާއި ގުޅިގެން އެމް.އެން.ޑީ.އެފް ކޯސްޓްގާޑާއި، މެރިން ޕޮލިހާއި، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވަލަޕްމަންޓާއި، މާލެ ސަރަހައްދުގެ ރިސޯޓްތަކާއި ފެރީ ދުއްވާ ފަރާތްތަކާއި ގުޅިގެންނެވެ.