ޚަބަރު

އިންޑިޔާއިން ޙަމަލާދޭނެކަމަށް ބުނުމުން ޕާކިސްތާނުން ރަތަށް


ޕާކިސްތާނުގައި ޙަރަކާތްތެރިވާ ހަނގުރާމަވެރި ޖަމާޢަތްތައް ހުއްޓުވުމަށް އެ ޤައުމުގެ ސަރަޙައްދީ ރޮނގު ހުރަސްކޮށް ޙަމަލާއެއް ދޭން ޖެހިއްޖެ ޙާލަތެއްގައި އެ ކަންކުރާނެކަމަށް އިންޑިޔާއިން ބުނުމުން ދެ ޤައުމުގެ މަޞްރަޙު ހޫނުވެއްޖެއެވެ.

ކަޝްމީރުގެ މައްސަލައިގައި އަނެއްކާވެސް ދެ ޤައުމުގެ މަޞްރަޙު ހޫނުވެފައިވާ ދަނޑިވަޅެއްގައި ޕާކިސްތާނުގެ ފަރާތުން ބޮޑެތި އުނދަގޫތަކެއް ކުރިމަތިވަމުންދާކަމަށާއި ސަރަޙައްދީ ރޮނގު ހުރަސްކޮށް ޕާކިސްތާނަށް ޙަމަލާއެއް ދޭން ޖެހިއްޖެ ޙާލަތެއްގައި އެ ކަންކުރައްވަން ތައްޔާރަށް ހުންނެވިކަމަށް އިންޑިޔާގެ ދިފާޢީ ވަޒީރު ރަޖުނަތު ސިންގުވަނީ ވިދާޅުވެފައެވެ. ރައްދުގައި ޕާކިސްތާނުގެ ޚާރިޖީ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އިންޑިޔާއިން އުޅެނީ ޚިޔާލީ ދުނިޔެއެއްގައިކަމަށާއި އަވަށްޓެރި ޤައުމުތަކާމެދު އެ ޤައުމުން ގެންގުޅެނީ ޢަދާވާތްތެރި ވިސްނުންތަކެއްކަމަށެވެ. އަދި ރަޖުނަތު ސިންގުގެ ވާހަކަތަކަކީ ވަރަށް ޒިންމާދާރުކަން ކުޑަ ވާހަކަތަކެއްކަމަށާއި އޭގެ ސަބަބުން މަޞްރަޙު ގޯސްވުންނޫންކަމެއް ނުވާނެކަމަށެވެ.

2019ވަނަ އަހަރުގެ ތެރޭގައި އިންޑިޔާއިންވަނީ އެ ޤައުމުގެ ބާރުގެ ދަށުގައި އޮންނަ ކަޝްމީރުގެ ސަރަޙައްދުތަކަކީ އެ ޤައުމުގެ ބައެއްކަމަށް ކަނޑައަޅައި ޤާނޫނީ ގޮތުން ކަޝްމީރަށް ދީފައިވާ އިމުތިޔާޒުތައް ކަނޑާލައިފައެވެ. އެ އަހަރުގެ ތެރޭގައި އިންޑިޔާއާއި ޕާކިސްތާނުންވަނީ ސަރަޙައްދީ ރޮނގު ހުރަސްކޮށް ޙަމަލާބަދަލުކޮށްފައެވެ. އެ ފަހަރުގެ ކުރިމަތިލުން ހުއްޓުނީ ޕާކިސްތާނުގެ ސަރަޙައްދުގައި ޙަރަކާތްތެރިވި އިންޑިޔާގެ އަސްކަރީ މަތިންދާބޯޓެއް ވައްޓާލައި އެ އުޅަނދު ދުއްވި ސިފައިންގެ މީހާ ޙައްޔަރުކުރުމުންނެވެ. ނަމަވެސް ދެ ދުވަސްފަހުން ޕާކިސްތާނުންވަނީ އެ މީހާ މިނިވަންކޮށް އިންޑިޔާއާ ޙަވާލުކޮށްފައެވެ.

އިނގިރޭސިވިލާތުގެ ބާރުގެ ދަށުން 1947ވަނަ އަހަރުގެ ތެރޭގައި އިންޑިޔާއާއި ޕާކިސްތާނު މިނިވަންވިފަހުން ތިން ފަހަރެއްގެ މަތިން އެ ދެ ޤައުމުންވަނީ ބޮޑު ހަނގުރާމައެއްކޮށްފައެވެ. އޭގެ ތެރެއިން ދެ ހަނގުރާމަކޮށްފައިވަނީ ކަޝްމީރުގެ މައްސަލައިގައެވެ.