ޚަބަރު

ލަންކާ ބޮމުގެ ޙަމަލާތަކުގެ ޝަރީޢަތް ފަށައިފި


2019ވަނަ އަހަރުގެ ތެރޭގައި ސްރީ ލަންކާގައި ދިރިއުޅޭ ނަޞާރާއިންނަށް އަމާޒުކޮށް ދިން ބޮމުގެ ޙަމަލާތައް ރޭވުމުގައި އެންމެ އިސްކޮށް އުޅުނުކަމަށް ތުޙްމަތުކުރެވޭ މީހުންގެ މައްޗަށާއި އިޙްމާލުވި ކަމާއިބެހޭ އިދާރާތަކުގެ އިސްވެރިންނާ ދެކޮޅަށް ކުރާ ދަޢުވާތަކުގެ ޝަރީޢަތް ފަށައިފިއެވެ.

ސުރީ ލަންކާގެ ވެރިރަށް ކޮލޮންބޯގައި ހުންނަ ފައްޅިއަކަށާއި މަތީ ފެންވަރުގެ ތިން ހޮޓަލަކަށް ދިން ބޮމުގެ ޙަމަލާތަކާ ގުޅިގެން އެންމެ ފުރަތަމަ ޝަރީޢަތަށް ގެނެސްފައިވަނީ ކުރީގެ ފުލުހުންގެ އެންމެ އިސްވެރިޔާ ޕުޖިތު ޖަޔަސުންދަރައެވެ. އޭނާގެ މައްޗަށް 855 ދަޢުވާއެއްކޮށްފައެވެ. އޭގެ ތެރޭގައި ޙަމަލާއެއް ދޭން އުޅޭކަމުގެ މަޢުލޫމާތު ތަކުރާރުކޮށް ލިބުނު ނަމަވެސް އެއްވެސް ފިޔަވަޅެއް ނޭޅުމާއި މީހުން މެރުމާއި މީހުން މަރުމަށް މަސައްކަތްކުރުން ހިމެނެއެވެ. އޭނާއާ ދެކޮޅަށް 1،215 މީހުން ހެކިބަސް ދިނުމަށްވަނީ ހަމަޖައްސައިފައެވެ. އޭނާގެ އިތުރުން ސުރީ ލަންކާގެ ކުރީގެ ދިފާޢީ ސެކެޓުރީ ހެމަސިރި ފެރުނަންދޯގެ މައްޗަށްވެސްވަނީ އެފަދަ ދަޢުވާތަކެއް އުފުލައި ޝަރީޢަތް ފަށައިފައެވެ. ޖަޔަސުންދަރައާއި ފެރުނަންދޯވެސް ތިބީ ކަފާލާތުގެ ދަށުން ކޯޓުން ދޫކޮށްފައެވެ.

ބޮމުގެ ޙަމަލާތައް ރޭވުމުގައި އެންމެ އިސްކޮށް އުޅުނުކަމަށް ތުޙްމަތުކުރެވޭ 24 މީހެއްގެ ޝަރީޢަތް ފެށުމަށްވެސް ކޯޓުންވަނީ ތައްޔާރުވެފައެވެ. އެ ގޮތުން އެ މީހުންގެ މައްޗަށް ޖުމުލަ 23،000 ދަޢުވާއެއްވަނީ އުފުލައިފައެވެ. އޭގެ ތެރޭގައި ޙަމަލާތައް ރޭވުމާއި ޙަމަލާތައް ދިނުމަށް އެހީތެރިވުމާއި ހަތިޔާރު ހޯދުން ހިމެނެއެވެ. އެ 24 މީހުންގެ ތެރޭގައި ޙައްދުފަހަނައަޅާފައިވާ އައިއެސް ޖަމާޢަތާ ގުޅުން އޮންނަ އަދި ޙަމަލާތަކުގެ އެންމެ އިސް މޭސްތިރިޔާ މުޙައްމަދު ނައުފަރުވެސް ހިމެނެއެވެ.

2019ވަނަ އަހަރުގެ އޭޕްރިލް މަހުގެ 21ވަނަ ދުވަހު ސްރީ ލަންކާގެ ވެރިރަށް ކޮލޮންބޯގައި ހުންނަ ތިން ފައްޅިއަކަށާއި މަތީ ފެންވަރުގެ ތިން ހޮޓަލަކަށް ދިން ބޮމުގެ ޙަމަލާތަކުގައި 269 މީހުން މަރުވިއެވެ. އޭގެ ތެރޭގައި އެ ޙަމަލާތައް ދިނުމުގައި ބައިވެރިވި އަށް މީހުންނާއި ބޭރު ޤައުމުތަކަށް ނިޞްބަތްވާ ގިނަ ޢަދަދެއްގެ މީހުން ހިމެނެއެވެ. 500އަށްވުރެ ގިނަ މީހުން ޒަޚަމުވި ޙަމަލާގެ ޒިންމާ އުފުލާފައިވަނީ ޙައްދުފަހަނައަޅާފައިވާ އައިއެސް ޖަމާޢަތުންނެވެ.