ޚަބަރު

އަރަބިއްޔާ ސްކޫލްގެ އިމާރާތުގެ އެސެސްމަންޓެއް ހަދަނީ


އަރަބިއްޔާ ސްކޫލު އިމާރާތުގެ ބޮޑު އެސެސްމަންޓެއް ހެދުމަށް ބަޔަކާ ހަވާލުކޮށްފިއެވެ.

ޢަރަބިއްޔާ ސްކޫލްގެ އިމާރާތަށް ގެއްލުންވަމުންދާ މައްސަލައާ ގުޅިގެން އެޑިއުކޭޝަން މިނިސްޓްރީއާއި ޕްލޭނިން މިނިސްޓްރީ ގުޅިގެން އިންޖީނިއަރސް ލައްވައި އެ ސްކޫލް އިމާރާތުގެ ވިޝުއަލް އިންސްޕެކްޝަނެއް ވަނީ ހަދާފައެވެ.

އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވީ އިންސްޕެކްޝަން ރިޕޯޓުން ދައްކާ ގޮތުގައި އެ އިމާރާތުގައި ވަގުތުން ވަގުތަށް ކުރަން ޖެހޭ މަރާމާތުތަކެއް އިނގޭނީ ސްޓްރަކްޝަރަލް އެސަސްމަންޓް އެއް ހަދައިގެންކަމަށެވެ. އަދި އެކަމަށް 2 މަސް ވަރުވާނެކަމަށާއި މި މަސައްކަތް ކުރުމަށް ބަޔާކާ ހަވާލުކޮށްފައިވާކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއެވެ. އެ މިނިސްޓްރީން ވިދާޅުވީ އެ އެސެސްމަންޓް ނިމޭހާ އަވަހަކަށް މަރާމާތުގެ މަސައްކަތްތައް ފަށާނެކަމަށެވެ.

އިމާރާތުގައި ރެނދުލައި، އެ ތަން ވަރަށް ބޮޑަށް ބާވެފައިވާތީ ދަރިވަރުންގެ ސަލާމަތްތެރިކަމާމެދު ބެލެނިވެރިން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އެކަމާއި ގުޅިގެން އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވަނީ، މައްސަލަ ހައްލުކުރަން ކުރަމުން އަންނަ މަސައްކަތްތައް ބެލެނިވެރިންނާ ހިއްސާކުރައްވައިފައެވެ.

އަރަބިއްޔާ ސްކޫލު އެންމެ ފުރަތަމަ ހިންގީ އީޕީއެސް ކުރިން ހުރި އިމާރާތުގައެވެ. އޭގެ ފަހުން މަޖީދީ މަގުގައި ޓާޓާ ފްލެޓުތައް އަޅާފައިހުރި ތަނާއި މަންދު ކޮލެޖު ހިންގި އެމްއީއެސް އިމާރާތުގައި ވެސް އަރަބިއްޔާ ސްކޫލު ހިންގިއެވެ.

ޢަރަބިއްޔާ ސްކޫލްއަކީ ދެ ޖިންސް ވަކިން ކިޔަވައިދެމުން އަންނަ ސްކޫލްއެކެވެ. ޚާއްސަ ގޮތެއްގައި އެ ސްކޫލްގައި މަދު މާއްދާތަކެއް ނޫން އެހެން މާއްދާތައް ކިޔަވއިދެމުން އަންނަނީ ޢަރަބިންނެވެ.