ޚަބަރު

ޚޫޘީންގެ ވަރުގަދަ ޑުރޯން ޙަމަލާއެއް ސަޢުދީ ޢަރަބިއްޔާއަށް


ޔަމަނުގެ އިދިކޮޅު ޚޫޘީ ހަނގުރާމަވެރިން ގިނަ ޢަދަދެއްގެ ޑުރޯން ބޭނުންކޮށްގެން ސަޢުދީ ޢަރަބިއްޔާއަށް ޙަމަލާ ދީފިއެވެ.

ޓީވީ މެދުވެރިކޮށް ވާހަކަދައްކަވަމުން ޚޫޘީންގެ އަސްކަރީ ތަރުޖަމާނު ޔަޙްޔާ ސަރީ ވިދާޅުވީ ޑުރޯން ބޭނުންކޮށްގެން ސަޢުދީ ޢަރަބިއްޔާގެ 14 މަޤާމަކަށް ޙަމަލާ ދީފައިވާކަމަށެވެ. އެ ގޮތުން ޖިއްދާގައި ހުންނަ ސަޢުދީ ޢަރަބިއްޔާގެ ތެޔޮ އުފައްދައި ކުންފުނި އަރަމުކޯއިން ހިންގައި މަރުކަޒެއްގެ އިތުރުން ރިޔާޟާއި ޖިއްދާއާއި ޖީޒާނާއި ނަޖުރާނުގެ އަސްކަރީ މަޤާމުތަކަށް ޙަމަލާ ދީފައިވާކަމަށް ސަރީ ވިދާޅުވިއެވެ. އެއީ މިހާތަނަށް ޚޫޘީން ސަޢުދީ ޢަރަބިއްޔާއަށް ދިން އެންމެ ވަރުގަދަ އެއް ޙަމަލާއެވެ. ސަރީ ވިދާޅުވި ގޮތުގައި ސަޢުދީ ޢަރަބިއްޔާއަށް ޙަމަލާ ދިނީ ޔަމަނާ ދެކޮޅަށް ލާއިންސާނީ ޖަރީމާތައް ހިންގާފައިވާތީއެވެ.

ޚޫޘީންގެ ޙަމަލާތަކަށް ރައްދު ދިނުމުގެ ގޮތުން ސަޢުދީ ޢަރަބިއްޔާއިންވަނީ ޔަމަނުގެ 13 މަޤާމަކަށް ވައިގެ ޙަމަލާތަކެއް ދީފައެވެ. އެ ގޮތުން ޔަމަނުގެ ވެރިރަށް ސަންޢާގެ އިތުރުން ސާދާއާއި މާރިބަށްވަނީ ސަޢުދީ ޢަރަބިއްޔާއިން ވަރުގަދަ ޙަމަލާތަކެއް ދީފައެވެ. އެ ޙަމަލާތައް ޢަމާޒުކޮށްފައިވަނީ ރޮކެޓާއި ޑުރޯން ޙަމަލާތައް ދިނުމަށް ޚޫޘީން ބޭނުންކުރާ އާލާތްތައް ނައްތާލުމަށްކަމަށް ސަޢުދީ ޢަރަބިއްޔާއިން ބުނެފައިވެއެވެ.

2014ވަނަ އަހަރުގެ ތެރޭގައި ފެށުނު ޔަމަނުގެ ދާޚިލީ ހަނގުރާމައިގައި ސަޢުދީ ޢަރަބިއްޔާއިން މުޙިއްމު ދަޢުރެއް އަދާކުރެއެވެ. އެ ގޮތުން 2015ވަނަ އަހަރުގެ ތެރޭގައި ސަޢުދީ ޢަރަބިއްޔާ އިސްވެ އުފައްދާފައިވާ ޢަރަބި އަސްކަރީ އިއްތިޙާދުންވަނީ ފާއިތުވި އަހަރުތަކުގައި ޚޫޘީންނާ ދެކޮޅަށް ޔަމަނުގައި ވަރުގަދަ ހަނގުރާމައެއް ކޮށްފައެވެ. ނަމަވެސް އީރާނުގެ އަސްކަރީ އަދި މާލީ އެހީތެރިކަމާއެކު ޚޫޘީންވަނީ ސަޢުދީ ޢަރަބިއްޔާގެ އަސްކަރީ އިއްތިޙާދާ ދެކޮޅަށް ވަރުގަދަ ޙަމަލާތަކެއް ދީފައެވެ.

އދން ލަފާކުރާ ގޮތުގައި ޔަމަނުގެ ދާޚިލީ ހަނގުރާމައިގެ ސަބަބުން 233،000 މީހުން މަރުވެ އެތައް މިލިޔަން މީހުންނެއްވަނީ ޙާލުގައި ޖެހިފައެވެ.