ޚަބަރު

ޢަލީ ޢުމަރުމަނިކުގެ ތަޢުޒިޔާގެ ދަފުތަރުގައި ރައީސް ސޮއިކުރެއްވުން


ނިޝާން ޢިއްޒުއްދީންގެ ޢިއްޒަތުގެ ވެރިޔާ، ޢަލީ ޢުމަރުމަނިކު ދެމިއޮތުމުގެ ޢާލަމަށް ދަތުރުކުރެއްވުމަކީ ދިވެހި ދައުލަތަށާއި އަދި މުޅި ދިވެހި ޤައުމަށް ލިބުނު ފޫނުބެއްދޭވަރުގެ ގެއްލުމެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވެފައިވަނީ، ޢަލީ ޢުމަރުމަނިކުގެ ހަނދާނުގައި ހުޅުއްވާފައިވާ ތަޢުޒިޔާގެ ދަފުތަރުގައި މިއަދު ސޮއިކުރައްވައި ލިޔުއްވި ބަޔާނުގައެވެ. ތަޢުޒިޔާގެ ދަފްތަރުގައި ރައީސުލްޖުމްހޫރިއްޔާ ލިޔުއްވި ބަޔާނުގައި، އަލްމަރްޙޫމް ޢަލީ ޢުމަރުމަނިކަކީ 50 އަހަރަށްވުރެ ދިގު މުއްދަތެއްގައި ވަރަށް އިޚްލާޞްތެރި ޚިދްމަތްތަކެއް ކޮށްދެއްވި ބޭފުޅެއް ކަމުގައި ބަޔާން ކުރައްވާފައިވެއެވެ. ޚާއްޞަކޮށް، އެމަނިކުފާނަކީ ރާއްޖޭގެ ވިޔަފާރިއާއި އިޤްތިޞާދީ ދާއިރާގައި ވަރަށް ޙަރަކާތްތެރިކަމާއެކު މަސައްކަތްޕުޅު ކުރެއްވި އަދި އެ ދާއިރާއަށް ބޮޑު ބަދަލުތަކެއް ގެންނެވި ބޭފުޅެއްކަމަށް ލިޔުއްވާފައިވެއެވެ. އަދި ރައީސް އިބްރާހީމް ނާޞިރުގެ ޒަޢާމަތުގައި، އަދި ފަހުން ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމްގެ ޒަޢާމަތުގައިވެސް ރާއްޖޭގެ އިޤްތިޞާދީ ތަރައްޤީއަށް ހިންގެވި މުހިންމު މަޝްރޫޢުތައް ހިންގެވުމުގައި، ޢަލީ ޢުމަރު މަނިކަކީ ވަރަށް މުހިންމު ދައުރެއް އަދާކުރެއްވި ބޭފުޅެއްކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވެއެވެ. އެމަނިކުފާނާ ޙަވާލުކުރެއްވި ކޮންމެ މަޝްރޫޢެއްވެސް އަދި ކޮންމެ ކަމެއްވެސް ހިންގަވާފައިވަނީ، ވަރަށް ވިސްނުންތެރިކަމާއެކު، އަދި އެ މަޝްރޫޢަކުން ނުވަތަ އެ މަސައްކަތަކުން މުޅި ޤައުމަށާއި ރައްޔިތުންނަށް ލިބޭނެ ފައިދާއަށާއި މަންފާއަށް އިސްކަން ދެއްވައިގެން ކަމަށްވެސް ލިޔުއްވާފައިވެއެވެ.މީގެ އިތުރުން ޢަލީ ޢުމަރު މަނިކު ފާހަގަކުރެވެނީ، ރާއްޖޭގެ މިހާރުގެ އިޤްތިޞާދަށް ޒަމާނީ ބަދަލުތައް ގެންނެވި އެންމެ ވަރުގަދަ ރޭވުންތެރިޔާކަމުގެ ގޮތުގައިކަން ފާހަގަކުރައްވައި، އެމަނިކުފާނަކީ ޖަމާޢަތަށް ފައިދާހުރި ގިނަގުނަ މަސައްކަތްތަކެއް ކޮށްދެއްވާފައިވާ ބޭފުޅެއްކަންވެސް ރައީސުލްޖުމްހޫރިއްޔާ ލިޔުއްވާފައިވެއެވެ. ރައީސުލްޖުމްހޫރިއްޔާގެ ބަޔާން ނިންމާލައްވާފައިވަނީ، އަލްމަރްޚޫމް ޢަލީ ޢުމަރުމަނިކަށް ސުވަރުގޭގެ ތަނަވަސް ރަޙްމަތާއި ނިޢުމަތް މިންވަރު ކުރެއްވުމަށް އެދި ﷲގެ ޙަޟްރަތުގައި ދުޢާ ދަންނަވައި، އެމަނިކުފާނުގެ ޢާއިލާއަށް ކެތްތެރިކަން ދެއްވުން އެދިވަޑައިގަންނަވަމުންނެވެ.