ޚަބަރު

ޙަމާސް ޖަމާޢަތާ ދެކޮޅަށް އިނގިރޭސިވިލާތުން ފިޔަވަޅު އަޅައިފި


ފަލަސްޠީނުގެ މިނިވަންކަމަށް ހަނގުރާމަކުރާ ޙަމާސް ޖަމާޢަތަކީ ނުރައްކާތެރި ހަނގުރާމަވެރި ޖަމާޢަތެއްކަމަށް ކަނޑައަޅައި އެ ޖަމާޢަތާ ދެކޮޅަށް އިނގިރޭސިވިލާތުން ހަރުކަށި ފިޔަވަޅުތަކެއް އަޅައިފިއެވެ.

އިނގިރޭސިވިލާތުގެ ދާޚިލީ ވަޒީރު ޕުރިޓީ ޕަޓޭލް ވިދާޅުވީ ޙަމާސާ ދެކޮޅަށް އެ ޤައުމުން އަޅާފައިވާ ފިޔަވަޅުތަކަކީ އެމެރިކާއާއި ވިލާތުގެ އިއްތިޙާދުން އަޅާފައިވާފަދަ ފިޔަވަޅުތަކެއްކަމަށެވެ. ޕަޓޭލް ވިދާޅުވި ގޮތުގައި ޙަމާސަކީ ހަނގުރާމަކުރުމުގެ ޤާބިލުކަން ލިބިފައިވާ ޖަމާޢަތެއްކަމަށާއި އެ ޖަމާޢަތުގެ ހަނގުރާމަވެރިން ޒާމާނީ ހަތިޔާރު ހޯދައި ބޭނުންކުރުމުގެ އިތުރުން ހަނގުރާމަވެރިން ތަމުރީނުކުރުމުގެ މަރުކަޒުތައްވެސް ހިންގަމުންދާކަމަށެވެ. އެހެންކަމުން އިނގިރޭސިވިލާތުގެ އެއްވެސް ސަރަޙައްދެއްގައި ޙަމާސާ ގުޅުންހުރި އެއްވެސް ޙަރަކާތެއް ދެން ނުހިންގޭނެކަމަށް އޭނާ ވިދާޅުވިއެވެ. އިނގިރޭސިވިލާތުގެ ސަރުކާރުގެ ނިންމުންތައް އެ ޤައުމުގެ ޤާނޫނުހަދާ މަޖިލީހަށް ހުށަހަޅުއްވާނެކަމަށް ވިދާޅުވަމުން ޕަޓޭލް ވިދާޅުވީ މީގެ ފަހުން ޙަމާސަށް ތާޢީދުކޮށް ވާހަކަދެއްކުމާއި އެ ޖަމާޢަތުގެ ދިދަ ގެންގުޅުމާއި އެ ޖަމާޢަތުގެ ބައްދަލުވުންތައް އިންތިޒާމުކޮށް ބޭއްވުމަކީ ޤާނޫނީ ގޮތުން މަނާކަމެއްކަމަށެވެ.

ޙަމާސާ ދެކޮޅަށް ހަރުކަށި ފިޔަވަޅުތަކެއް އެޅުއްވި ޕަޓޭލަކީ އިސްރާއީލާ ގާތްގުޅުންތަކެއް ބާއްވަވައި ބޭފުޅެކެވެ. އެ ގޮތުން 2017ވަނަ އަހަރުގެ ތެރޭގައި ޗުއްޓީއަށް އިސްރާއީލަށް ކުރެއްވި ދަތުރުފުޅެއްގައި އެ ޤައުމުގެ އިސްވެރިންނާ ބައްދަލުކުރެއްވިކަން ހާމަވުމުން އޭރު އޭނާ ހުންނެވި އިންޓަނޭޝަލް ޑެވެލޮޕްމެންޓު ސެކެޓުރީގެ މަޤާމުން އިސްތިޢުފާދެއްވުމަށް މަޖުބޫރުވެވަޑައިގަތެވެ. އަދި ޙަމާސާ ދެކޮޅަށް ހަރުކަށި ފިޔަވަޅުތަކެއް އެޅުއްވުމުން އިސްރާއީލުގެ ސަރުކާރުންވަނީ އޭނާގެ ނިންމުންތަކަށް މަރުޙަބާ ކިޔައިފައެވެ.

1987ވަނަ އަހަރު އުފެއްދި ޙަމާސަކީ ސިޔާސީ އަދި ހަނގުރާމަވެރި ގޮފި ހިންގައި ޖަމާޢަތެކެވެ. އަދި އެއީ އިސްރާއީލުގެ އިސްތިޢުމާރީ ދަޢުލަތް ބަލައިގަންނަ ޖަމާޢަތެއް ނޫނެެވެ. ފަލަސްޠީނުގެ ޣައްޒާގައި ވެރިކަންކުރާ ޙަމާސާ ދެކޮޅަށް އެމެރިކާއާއި ވިލާތުގެ އިއްތިޙާދާއި އިނގިރޭސިވިލާތުން ފިޔަވަޅުތަކެއް އެޅި ނަމަވެސް ދުނިޔޭގެ ގިނަ ޤައުމުތަކުންވަނީ އެ ޖަމާޢަތް ބަލައިގަނެއެވެ.