ކުޅިވަރު

އޮގްސްބަރގުން ބަޔާން ބަލިކޮށް ގިނަ ބަޔަކަށް ހައިރާންކަން ގެނުވައިފި


ޖަރުމަނު ބުންޑަސްލީގާގައި އެންމެފަހުގެ ޗެމްޕިއަން ބަޔާން މިޔުނިކާއި އެފްސީ އޮގްސްބަރގް ބައްދަލުކުރިމެޗް ކާމިޔާބުކޮށް އޮގްސްބަރގުން ގިނަބަޔަކަށް ހައިރާންކަން ގެނުވައިފިއެވެ. އޮގްސްބަރގުގެ ދަނޑުގައި ކުޅުނު މިމެޗް އެޓީމް ކާމިޔާބުކުރީ 2 ލަނޑު އެއްލަނޑުންނެވެ.

މިމެޗްގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ބަޔާންއިންނެވެ. ނަމަވެސް ރެލިގޭޝަން ފަޅީފައި އޮތް އޮގްސްބަރގު އަތްދަށުނުވެ ބަޔާންއަށް ސަލާމަތްވެވޭގޮތެއް މިމެޗްގައި ނުވިއެވެ. މިމެޗުގެ ފުރަތަމަ ލަނޑު މެޗްގެ 23 ވަނަ މިނެޓްގައި ޖަހައި ލީޑު ނެގީ އޮގްސްބަރގުންނެވެ. މިލަނޑު އެޓީމަށް ޖަހައިދިނީ މެޑްސް ޕެދަރސަން. އަދި މެޗްގެ 35 ވަނަ މިނެޓްގައި އަންޑްރޭ ހާންވަނީ އޮގްސްބަރގުގެ ލީޑު ފުޅާކޮށްދީފައެވެ. މިމެޗްގައި ބަޔާންއިން ޖެހި ހަމައެކަނި ލަނޑު އޭގެ ތިން މިނެޓްފަހުން ޖަހައި، އުންމީދު އާކޮށްދިނީ ރޮބަރޓް ލެވަންޑޯސްކީއެވެ. ނަމަވެސް މިމެޗްގައި އެޓީމަށް އިތުރު ލަނޑެއް ޖެހޭގޮތެއް ނުވިއެވެ.

މެޗަށްފަހު ވާހަކަ ދައްކަމުން ބަޔާންގެ ކޯޗް ޖޫލިއަން ނާގެލްސްމަން ބުނީ މިމެޗުން އޮގްސްބަރގު މޮޅުވުން ހައްގު ކަމަށެވެ. މިގޮތުން އޭނާގެ ކުޅުންތެރިން މެޗް ކޮންޓްރޯލް ކުރި ނަމަވެސް ރަނގަޅަށް ނުކުޅޭވޭކަމަށެވެ. މިގޮތުން ފުރަތަމަ ހާފްގައި ލިބުނު ފުރުސަތު ތަކުގެ ބޭނުން ނުހިފުނު އިރު ބޯޅަ ލިބިފައި އޮންނަ ވަގުތު ހެދި މިސްޓޭކްތަށް ގިނަ ކަމަށެވެ. އަދި މެދުތެރެއިން ރަނގަޅަށް ކުޅެން ލިބިފައި އޮތް ނަމަވެސް އޭގެ ބޭނުން ހިފާފައެއް ނެތެވެ.

މިމެޗުން ބަލިވުމުން ބަޔޭން މިހާރު އުޅެނީ ކުޅުނު 12 މެޗުން ލިބިފައިވާ 28 ޕޮއިންޓާއެކު ތާވަލްގެ އެއްވަނައިގައެވެ. ނަމަވެސް މިހަފްތާގައި ބޮރޫޝިއާ ޑޯޓްމުންޑް ކުޅޭ މެޗް ކާމިޔާބުކޮށްފި ނަމަ ބަޔާންގެ ލީޑު އެއް ޕޮއިންޓަށް ކުޑަވެގެން ދާނެއެވެ. މިކާމިޔާބީއާއެކު އޮގްސްބަރގު މިހާރުވަނީ 12 މެޗުން ލިބިފައިވާ 12 ޕޮއިންޓާއެކު ރެލިގޭޝަން ސަރަހައްދުން ބޭރުގެ ތާވަލްގެ 15 ވަނައަށް ކުރިއަށް ޖެހިލާފައެވެ.