ކުޅިވަރު

ސަޕޯޓަރުން ބޭނުންވާ ފަދަ ކުޅުމެއް އޭނާގެ ކުޅުންތެރިންގެ ކިބައިން ފެންނާނެ: ސޯލްޝާ


އިންގްލިޝް ޕްރިމިއަރ ލީގުގައި ވޮޓްފޯޑާ ބައްދަލުކުރާ މެޗްގައި މެންޗެސްޓަރ ޔުނައިޓެޑްގެ ސަޕޯޓަރުން ބޭނުންވާ ފަދަ ކުޅުމެއް އޭނާގެ ކުޅުންތެރިންގެ ކިބައިން ފެނިގެންދާނެކަމަށް އެޓީމްގެ ކޯޗް އޮލޭ ގުނަރ ސޯލްޝެއަރ ބުނެފިއެވެ. އޭނާ މިކަން ހާމަކޮށްފައިވަނީ މެޗާއި ބެހޭގޮތުން ވާހަކަ ދެއްކުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.

މިފަހަރުގެ ސީޒަންގައި މިހާތަނަށް 12 މެޗް ޔުނައިޓެޑް ކުޅޭފައިވާއިރު މިހާރު އޮތީ ތާވަލްގެ ހަވަނައިގައެވެ. އަދި އެންމެ ފަހުން ލީގުގައި ކުޅުނު ދެމެޗްގައި ލީގަށް ވާދަކުރާ އެންމެ ދުވަސްވީ ދެ ހަތުރުންނާއެކު ކުޅުނު ދެމެޗްކަމުގައިވާ ލިވަޕޫލާއި މެންޗެސްޓަރ ސިޓީ އަތުންވަނީ ލަދުވެތިގޮތަކަށް ބަލިވެފައެވެ. މިދެމެޗްގައިވެސް ޔުނައިޓެޑްގެ ކުޅުންތެރިންނަށް ރަނގަޅަށް ކުޅެވިފައެއް ނުވެއެވެ. ސޯލްޝެއާ ބުނީ އޭނާގެ ޓީމަށް ދިމާވެފައިވާ މައްސަލަތައް ވީހާވެސް އަވަހަކަށް އަނބުރާލުމަށް އޭނާ އާއި ކުޅުންތެރިންނާއި ސްޓާފުން އަންނަނީ ވަރަށް ބުރަކޮށް މަސައްކަތް ކުރަމުންކަމަށެވެ. އަދި އެކަން ހާސިލްވާނީ ރަނގަޅު ނަތީޖާތަކެއް ނެރެވި ކުޅުންތެރިންނަށް އަލުން އަމިއްލަ ނަފްސަށް އިތުބާރު ލިބިގެންކަމަށް އޭނާ ބުންޏެވެ. އެންމެ ފަހުން ނިކުތް ނަތީޖާ ތަކާއެކު ސޯލްޝެއާ މަގާމްގައި ބަހައްޓާފައިވާތީ ގިނަ ބަޔަކަށް ހައިރާންކަންވަނީ ލިބިފައެވެ.

ގިނަ ބަޔަކު ގަބޫލް ކުރިގޮތުގައި އެނަތީޖާ ތަކާއެކު ސޯލްޝެއާގެ މަގާމް މިފަހަރު ގެއްލޭނެއެވެ. ނަމަވެސް ކްލަބުން އެކަމަށް އަދި ވަކޮގޮތެއް ނުނިންމައެވެ. ނަމަވެސް ނަތީޖާތައް އަވަހަށް ރަނގަޅުވާން ނުފަށައިފިނަމަ އެމަގާމުގައި ސޯލްޝެއާއަށް ނުހުރެވޭނެކަން އޭނާއަށްވެސް އެނގެއެވެ.