ކުޅިވަރު

ކެވިން ޑި ބްރުއިނަރ ކޯވިޑަށް ޕޮޒިޓިވް


އިންގްލިޝް ޕްރިމިއަރ ލީގުގެ އެންމެފަހުގެ ޗެމްޕިއަން މެންޗެސްޓަރ ސިޓީގެ އެންމެ މުހިންމު އެއް ކުޅުންތެރިޔާ ކަމަށްވާ ކެވިން ޑި ބްރުއިނަރ ކޯވިޑް-19 އަށް ޕޮސިޓިވްވެ ކުރިއަށް އޮތް ދެމެޗްގައި ނުކުޅެވޭނެކަން ޔަގީންވެއްޖެއެވެ.

މައުލޫމާތުލިބިފައިވާގޮތުގައި ޑި ބްރުއިނަރ ޕޮސިޓިވް ވެފައިވަނީ ޤައުމީ ޓީމަށް ކުޅުމަށްފަހު އެންބުރި އައިސް ކުރި ޓެސްޓުންނެވެ. އެހެންކަމުން އޭނާއަށް މިހާރު ޖެހިފައިވަނީ ކުރިއަށް އޮތް 10 ދުވަސް ވަންދެން ކަރަންޓީން ވާށެވެ. އަދި އެހެން ކަމުން މިއަންނަ އާދީއްތަ ދުވަހު ލީގުގައި އެވަޓަން އާއި ބައްދަލުކުރާ މެޗާއި ބުދަދުވަހުގެ ރޭ ޗެމްޕިއަންސް ލީގުގައި ކުޅޭ މެޗްގައި ނުކުޅެވޭނެއެވެ. ޑި ބްރުއިނަރ އަކީ ވެކްސިން ޖަހާފައިވާ ކުޅުންތެރިއެއްކަމުން އޭނާގެ ފަރާތުން މާބޮޑު ސިމްޕްޓަމްސް ތަކެއް ފެންނާނެހެން ހީނުވާކަމަށް ސިޓީގެ ކޯޗް ޕެޕް ގާޑިއޯލާވެސް ބުންޏެވެ. ނަމަވެސް މިވަގުތު މުހިންމީ ޑި ބްރުއިނަރ ރަނގަޅަށް އަރާމުކޮށް މިކަމުން ރަނގަޅަށް ރިކަވަރވުމެވެ. އަދި އޭނާއަށް ގެއްލޭ މެޗްތަކަށްވުރެ ކުޅުންތެރިޔާގެ ސިއްހަތު މުހިންމު ކަމަށްވެސް ގާޑިއޯލާ ބުންޏެވެ.

ޑި ބްރުއިނަރވަނީ ބެލްޖިއަމް އެންމެ ފަހުން ވޭލްސް އާއި ކުޅެ އެއްވަރު ވި މެޗްގައި ލަނޑުވެސް ޖަހާފައެވެ.